ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި
ޚުތުބާގައި ބުނީ، ވޭތުކުރަމުން މިދާ ޝައުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްސަ މަހެއް ކަމަށާއި، މިއީ ރަމަޟާން މަހަށް މަރުހަބާ ކިޔާން ތައްޔާރުވަމުން އަންނަ މަސް ކަމަށް. އަދި ރަމަޟާންމަހަކީ، އިސްރާފު ކުރުން ގިނަ މަހަކަށް ނުހަދުމަށާއި، ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހެދުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވޭ.


ހުކުރު ޚުތުބާ އަޑު އަހަނީ | އިސްލާމިކް މިނިސްޓްރީ
މިދިޔަ އަހަރު ގަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
ޝައުބާން މަހު ކުރެވޭ ހެޔޮ އަމަލު މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ވޭތުކުރަމުން މިދާ ޝައުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްސަ މަހެއް ކަމަށާއި، މިއީ ރަމަޟާން މަހަށް މަރުހަބާ ކިޔާން ތައްޔާރުވަމުން އަންނަ މަސް ކަމަށެވެ.
މާތް ނަބިއްޔާ ޝައުބާން މަހު، ހެޔޮ އަމަލުކުރެއްވުން ގިނަކުރެއްވިކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހެޔޮ އަމަލު ކުރުން ގިނަ ކުރަން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ، ހެޔޮ އަމަލު ކުރުމުގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އިރުޝާދު ދެއްވައިފައިވާ މިންގަނޑެއްވާ ކަމަށާއި، އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން ކަމަށެވެ.
ނަމަވެސް ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ އަމަލުކުރަން ފަށާ ކަމަށާއި، ދުވަސްކޮޅަކުން އެ ކަން ބުރަކަމަކަށްވެ، އެ އަމަލުކުރުން ދޫކޮށްލާ ކަމަށެވެ. އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. އަދި ހަޔާތުގައި ކުރާ ހުރިހައި އަމަލުތަކެއް ވެސް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތާ އެއް ގޮތަށް ކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަށް ގޮވާލާފައިވެ އެވެ.
ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައިވެ އެވެ. (إِذَا كَانَ لَيْلَةَ النِّصْفِ مِنْ شَعْبَانَ اِطَّلَعَ اللهُ إِلَى خَلْقِهِ، فَيَغْفِرُ لِلْمُؤْمِنِيْنَ، وَيُـمْلِيْ لِلْكَافِرِيْنَ، وَيَدَعُ أَهْلَ الْـحِقْدِ بِـحِقْدِهِمْ حَتَّى يَدَعُوْهُ) މާނައީ: "ޝަޢުބާންމަހުގެ ފަނަރަވިލޭރޭ، اللهُ تَعَالَى، ފާފަފުއްސެވުމާއިގެން އެކަލާނގެ އަޅުތަކުންނާ ކުރިމަތިލައްވާހުއްޓެވެ. ދެން މުއުމިނުންގެ ފާފަފުއްސަވައި، ކާފިރުންނަށް މުހުލަތުދެއްވާހުށްޓެވެ. އަދި މީސްތަކުންނާ މެދު ޙަސަދަވެރިވެ ހިތުގައި ނުނިޔަތްލާ މީހުން އެ ކަން ދޫކޮށްފުމަށް ދާންދެން އެ ގޮތުގައި ދޫކޮށްލައްވާހުށްޓެވެ." ނަމަވެސް އެ ރެއަށް ޚާއްޞަ ވަކި ނަމާދެއް ކުރާންޖެހޭކަމަށް، ނުވަތަ ވަކި ޚާއްޞަ ދުޢާއެއް ކުރާންޖެހޭކަމަށް ޞައްޙަ ސަނަދުން އައިސްފައިވާ އެއްވެސް ރިވާޔަތެއް ނުވެއެވެ.ހުކުރު ޚުތުބާ
މީގެ އިތުރުން ޚުތުބާއި ބުނީ، ވޭތުވެ ދިޔަ އަހަރު ތަކުގައި ގަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ގަޟާކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި، ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލާން ޖެހޭ ކަމަށެވެ.
ރަމަޟާންމަހަކީ، އިސްރާފު ކުރުން ގިނަ މަހަކަށް ނުހަދުމަށް ނަސޭހަތްތެރި ވެފައިވާއިރު، ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހެދުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެ އެވެ. އަދި ރޯދަމަހު ސަދަގާތް ކުރުން އިތުރުކޮށް، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރި ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.





