ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަމާހު ރަޝީދު މަގާމުން ވަކިކުރުމަށް ފަހު، އޭނާ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ތިލަވިފައިވާއިރު، އޭގައި ސްޓެލްކޯ އާއި މިފްކޯގައި ހިނގި ވައްކަމުގެ ވާހަކަ ދައްކާ.


ރައީސް ޑރ މުހައްމަދު މުޢިއްޒު | ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް އަށަގެންފައި އޮތް ވާހަކަ އަކީ، އިއްޔެ އަކު ނުވަތަ މިއަދަކު ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. ވެރިކަން ފެށުނު ދުވަހުން ފެށިގެން އެތައް ބަޔަކު އަންނަނީ އެ ވާހަކަ ދައްކަމުންނެވެ. ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، އަދި އިދާރާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ އެކި ގޮތް ގޮތަށް އެ ވާހަކަ ދައްކަމުންނެވެ. ޚާއްސަކޮށް އެ ތަންތަނަށް ރައީސް މުޢިއްޒު އައްޔަން ކުރައްވާފައި ތިބޭ ވެރިން، ހެސްކިޔާފަ ވައްކަން ކުރާ ވާހަކަ ދައްކަ އެވެ.
ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް ވެރިން އައްޔަން ކުރުމާ ގުޅޭ ގޮތުން ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ތަންތަނަށް އައްޔަން ކުރައްވާނީ އެމަނިކުފާނުގެ ފުރިހަމަ ބާރު އޮންނަ ފަރާތްތައް ކަމަށެވެ. ސީދާ އެމަނިކުފާނު އަންގަވާ ގޮތަށް މަސައްކަތް ކުރެވޭ ބޭފުޅުން ނޫން ބަޔަކު، ކުންފުނިި ތަކަށް ވެސް އައްޔަން ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ބަހެއް ވިދާޅުވިޔަސް، ނުވަތަ ކަމެއް ކުރެއްވިޔަސް، އެއީ ސީދާ ރައީސް މުޢިއްޒު އަންގަވާ ގޮތަށް ކުރައްވާ ކަންކަމަށް ނޫނީ ވެގެން ނުވާނެތާ އެވެ؟ ރައީސް މުޢިއްޒު އަންގަވާ ގޮތަށް ކަންކަން ކުރައްވާ ކަމަށް ވާނީ އޭރުންތާ އެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ވައްކަމާއި، ޚިޔާނާތާއި އަދި ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެތައް ބަޔަކަށް އެ ތުހުމަތު ތަކަށް ދޭނެ ޖަވާބެއް، ދައްކާނެ މާ ރީތި ވާހަކައެއް ނެތި، އެތައް ބަޔަކު އިސްތިއުފާ ދީ، އަނެއް ބަޔަކު މަޤާމުން ވެސް ވަކިކޮށްފި އެވެ. އެކަމަކު، އޭގެ ތެރެއިން އެއްވެސް މީހަކާ ދެކޮޅަށް އެޅުނު ފިޔަވަޅެއް އަދި އޭގެ ތެރެއިން ތަހުގީގު ކުރެވުނު އެންމެ މައްސަލައެއް ވެސް ނެތެވެ. އެކަމަކު ވެސް، ރައީސް މުޢިއްޒުގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނެތެވެ.
އާދީއްތަ ދުވަހު ތިލަވަގެން ދިޔައީ އޭގެ ތެރެއިން ވާހަކަ އެވެ. ކުއްލި އަކަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުުރި ޝަމާހު ރަޝީދު މަގާމުން ވަކި ކޮށްފި އެވެ. އިތުރު ތަފްސީލެއް ސަރުކާރުން ނުވަތަ ޕީބީސީ އިން ވެސް އާންމުކުރީ އެއް ނޫނެވެ. އެކަމަކު، އާދީއްތަ ދުވަހުގެ ރޭ ތިލަވީ އޯޑިއޯ އެކެވެ. ޝަމާހު ކަމަށް ބުނާ މީހަކު ވާހަކަ ދައްކާ އަޑު އިވެ އެވެ. އޭނާ ދައްކަނީ ސްޓެލްކޯ ތެރެއިން އެތައް ވައްކަމެއް ކުރި ވާހަކަ އެވެ. ކުރިން މިފްކޯގައި ހުރިއިރު، އެ ތަނުގައިި ހިނގި ވައްކަންތައް އެއްވެސް ކަމަކަށް ނުވާނެ ކަމަށް ބުނެ އެވެ. ސްޓެލްކޯގައި ހުރެގެން އޭނާ ކޮށްފައިވާ ކަންކަން މީހުންނަށް އިނގޭ ނަމަ، ނޯށުން ރޯނެ ކަމަަށް ވެސް ބުނާތީ އަޑު އިވެ އެވެ.
މިއީ އަދި ކުޑަ މިންވަރެކެވެ. މިއީ އަދި އާންމުންނަށް ފެންނަން އޮތް ވަރެވެ. އަޑު އިވޭ މިންވަރެވެ. ފަރުދާގެ ފުރަގަހުގައި ނޭނގޭ ކިތައް ކަމެއް އެބަ އޮތް ހެއްޔެވެ؟ ކިތައް ކަމެއް އޮންނާނެ ހެއްޔެވެ؟ ވައްކަމާއި ކޮރަޕްޝަން އިން ސަރުކާރު ފުރި ބާރުވެފައި އޮތްއިރު، އޭގެ މައްސަލަ އެއް ބަލާނެ އެއްވެސް އިދާރާ އެއް ނެތެވެ. ތަހުގީގު ކުރާނެ ބަޔަކު ވެސް ނެތެވެ. އޭގެއިން މައްސަލަ އެއް ރައީސް މުޢިއްޒު އަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ. އެމަނިކުފާނަށް އެއިން ވާހަކަ އެއް މުޅިން ވެސް ފެނިލައް ވަނީ މީޑިއާ ތަކުންނެވެ. ނޫސް ތަކުގެ ސުރުޚީ އިންނެވެ. މި ނޫން އެއްވެސް ވަރެެއް އެމަނިކުފާނަށް ވާ ކަމަކަށް ނުވެ އެވެ.
ސްޓެލްކޯގެ މި ވާހަކަތައް ދައްކާއިރު، ކުރީގެ ބައެއް ވާހަކަތައް ވެސް އޮތީ އޮތް ގޮތަށެވެ. ގޯތީގެ މައްސަލައިގައި އެޗްޑީސީ އިން ބޮޑެތި ޚިޔާނާތް ތަކެއް ހިންގާލި ކަމަށް ފުޒުލް ރަޝީދުގެ މައްޗަށް ތުހުމަތު ވެފައި އޮއްވާ، އޭނާ އިސްތިއުފާ ދެއްވީ އެވެ. މައްސަލައިގައި މީހަކު ބަދުނާމުވާނެ މިންވަރަށް ފަޒުލް ބަދުނާމުވެ ނިމިއްޖެ އެވެ. އެކަމަކު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ފިޔަވަޅެއް ނޭޅުނު ތަނުގައި، ދެން ފަޒުލް އަށް ދިނީ ޕީއެންސީގެ ވ.އަތޮޅުގެ ކެމްޕެއިން މެނޭޖަރުގެ މަގާމެވެ. ޕީއެންސީގެ ސެނެޓަށް އޭނާ އައްޔަން ކުރައްވައި، ފަތްކޮޅު ހަވާލު ކުރެއްވީ ވެސް ރައީސް މުޢިއްޒު އެވެ.
މިހެން ދެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ހައްތަހާ ވެސް ހުރީ މި ބާވަތުގެ ކަންކަމެވެ. އެތައް ވައްކަމާއި، އިންތިހާ ކޮރަޕްޝަން އެވެ. އެކަމަކު، މިއިން މައްސަލައެއްގައި ސަރުކާރަށް ރިއެކްޓު ކުރެވޭ ކަމަކަށް ނުވެ އެވެ. ސަރުކާރުގެ ވުޒާރާ ތަކާއި، ކުންފުނިތަކުގައި ކޮރަޕްޝަން މޫލައި އަށަގެންފައިވާއިރު، ކުންފުނިތައް ބަނގުރޫޓުވެ ނިމިދަނީ އެކަންތައްތަކުގެ ތެރޭގަ އެވެ. ނުވިތާކަށް، މި ކަންކަމުގެ ވާހަކަ ދައްކާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އަހުވަ ދައްކަނީ އެވެ. ސްޓެލްކޯގައި ހިންގަމުން އައި ވައްކަން، ސަރުކާރުގެ އިސްވެރިންގެ ސަމާލު ކަމަަށް ގެނައި މުވައްޒަފު ވެސް ވަޒީފާ އިން ކަނޑާލީ އެވެ.




