އިސްރާއީލް އާއެކު ގުޅުން ބަދަހި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވި ހުށަހެޅުން، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބަލައި ނުގަތް ކަމަށް ރިޕޯޓު ކޮށްފި އެވެ.
އެކްސިއޯސް ނޫހުން އަންގާރަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންމެ ފަހުން އެމެރިޔާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، އެމެރިކާ އިން ސައުދީ އަރަބިއްޔާ އިން ސަރަހައްދީ ސުލްޙައިގެ އެއްބަސްވުން ތަކަށް ކުރަމުން އަންނަ މަސައްކަތަށް ޝައުޤުވެރިކަން އޮތް ކަމަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.
އެގޮތުން އިސްރާއީލް އާއެކު ގުޅުން ބަދަހި ކުރުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އިސްރާއީލް އާއެކު ގުޅުން ބަދަހި ކުރުމުގައި ސައުދީގެ ވަލީ އަހުދުގެ ވިސްނުންފުޅު ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުން އިސްރާއީލް އިން ދެ ދައުލަތުގެ ޙައްލު ޤަބޫލު ކުރަން ޖެހޭ ކަމަށް މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި 1967 ވަަނ އަހަރުގެ ސަރަހައްދު ތަކުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކޮށް، އިރު އުތުރު ޖެރޫ ސަލަމް އެ ދައުލަތުގެ ވެރި ރަށް ކަމުގައި ހަމަޖެއްސުމަކީ، ގުޅުން ބަދަހި ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޝަރުތެއް ކަމަށް ވަލީ އަހުދު މުޙައްމަަދު ބިން ސަލްމާން ވިދާޅުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެކްސިއޯސްގައި ބުނެފައި ވަނީ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުށަހެޅުމަށް ވަރަށް ވަރު ގަދަ އަށް ރައްދު ދެއްވާފައިވާ ކަމަށެވެ. އަދި ސައުދީ އާއި، ވަލީ އަހުދުގެ ވިސްނުންފުޅު ކުރިއަށް ނެރުއްވައި، އެކަމަކައިގެން ހަރުކަށި ގޮތެއްގައި ތެދުވެ ވަޑައިގެންފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އެކްސިއޯސްގެ އެ ރިޕޯޓުގައި ބުނެފައި ވަނީ، އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކު، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ސިފަ ކުރައްވާފައި ވަނީ ވަރަށް ވަރުގަދަ ލީޑަރެއްގެ ގޮތުގައި ކަމަށެވެ.
ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ވައިޓް ހައުސްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އެންމެ ފުރަތަމަ އެ މައްސަލަ ނެންގެވީ ޓްރަމްޕް ކަމަށް ބުނެފައިވެ އެވެ. އަދި ސައުދީގެ ވަލީ އަހުދު އިބްރާހީމް އެކޯޑްސް އަށް ގުޅުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ވަގުތު ވާހަކަތައް ވަރަށް އަވަސް ވެގެން ދިޔަ ކަމަށާއި، އަޑު ފުޅުގައި ބާރު ލައްވައި ޓްރަމްޕް ވާހަކަ ދެއްކެވި ވަރަކަށް، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ވާހަކަފުޅުތައް ވެސް ހަރުކަށި ވެގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އެމެރިކާ އަށް ވަޑައިގެންފައި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ އިރުޝާދުގެ ދަށުން ކަމަށް ބުނެފައިވެ އެވެ. އެއީ ޓްރަމްޕްގެ ދައުވަތަކަށް، ރަސްމީ މަސައްކަތް ތަކުގައި މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ، މެދު އިރުމަތީގެ މައްސަލަ އަށް ޙައްލު ހޯދުމަށް ސައުދީ އިން ގެންގުޅޭ ވިސްނުން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ވަލީ އަހުދު ފާހަގަ ކުރެއްވި ގޮތުގައި، ސައުދީ އިން ބޭނުން ވަނީ އިސްރާއީލް އާއި، ފަލަސްޠީނާ އެކު ސަރަހައްދު އެކުލަވާލައިގެން ސުލްޙަވެރިކަން ޤާއިމު ކުރުމަށެވެ.
އެހެން ނަމަވެސް، އެއީ ދެ ދައުލަތުގެ ޙައްލަށް ހަޤީޤީ މަގެއް ކަށަވަރު ކޮށްދޭން، ސާފު ޕްލޭނެއް މެދުވެރިކޮށް ކަމަށް ވެސް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފަ އެވެ.