ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން ހުށަހަޅާފައިވާ 28 ނުކުތާގެ ތަފްޞީލުތައް، ޔޫކްރެއިން ގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއަށް ހިއްސާ ކޮށްފި އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި ރަޝިޔާ އަށް މާބޮޑަށް ފައިދާހުރި ގޮތަކަށް އެކުލަވާލާފައިވާ މި ޕްލޭން އަދި އޮތީ ޑްރާފްޓެއްގެ ގޮތުގައެވެ. އަދި މި ޕްލޭން އަދި އާންމުކޮށްފައި ނުވި ނަމަވެސް، ޔޫކްރެއިންގެ އޮފިޝަލަކު މި މައުލޫމާތު ބައިނަލްއަގްވާމީ މީޑިއާތަކަށް ހިއްސާ ކޮށްފައިވާ ކަމަށް ބެލެވެއެވެ.
އޭއެފްޕީ އަށް ލިބިފައިވާ ޑްރާފްޓްގައިވާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރައްވާ 28 ނުކުތާގެ ސުލްޙައިގެ މި ޕްލޭންގެ ދަށުން، ޔޫކްރެއިނުން އެގައުމުގެ އިރުމަތީގެ ބޮޑު ސަރަޙައްދެއް ރަޝިޔާ އަށް ދޫކޮށްލަން ޖެހޭނެއެވެ. އަދި އެގައުމުގެ ސިފައިންގެ އަދަދުވެސް ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން، ޔޫކްރެއިނުން ނޭޓޯ އާ ދުވަހަކުވެސް ނުގުޅޭނެ ކަމަށް ޢަހުދުވާން ޖެހޭނެ އެވެ. އަދި އެގައުމުން އެދެމުން އަންނަ ހުޅަނގުގެ ސުލްޙަ ބަލަހައްޓާ ސިފައިން ވެސް ނުލިބޭނެއެވެ. ނަމަވެސް، ޔޫކްރެއިން ހިމާޔަތް ކުރުމަށް ޔޫރަޕްގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އަވައްޓެރި ޕޮލެންޑް ގައި ބައިތިއްބާނެއެވެ.
އެމެރިކާގެ އޮފިޝަލަކު އޭއެފްޕީ އަށް ކިޔައިދިން ގޮތުގައި، މި ޑްރާފްޓް ޕްލޭންގައި ނޭޓޯގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ޔޫކްރެއިނަށް ވަރުގަދަ ސަލާމަތީ ޔަގީންކަމެއް ދިނުމަށް ހިމަނާފައިވެއެވެ. އެގޮތުން، ޔޫކްރެއިނަށް ދެވޭ ކޮންމެ ހަމަލާއަކަށް އެމެރިކާ އާއި ޔޫރަޕްގެ އެކުވެރި ގައުމުތަކުން ރައްދު ދޭން ލާޒިމުވާނެއެވެ.
މި ޕްލޭންގެ ދަށުން، ރަޝިޔާ އަލުން ޖީ8 ގްރޫޕަށް ވެއްދުމަށާއި، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވަނީ ހިމަނާފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިއީ އަދިވެސް "ވަރކިންގ ޑޮކިއުމަންޓެކެ"ވެ.
މި ހުށަހެޅުމުގައި ޔޫކްރެއިނުން ދޭންޖެހޭ ވަރަށް ބޮޑެތި ދޫތަކެއް ހިމެނެއެވެ. އެގޮތުން، އެގައުމުގެ އެއްވެސް ބިމެއް ދޫނުކުރާނެ ކަމަށް މީގެ ކުރިން ބުނަމުން އައި ނަމަވެސް، 2022 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރެއިން އަށް އަރައިގަތުމަށްފަހު، ރަޝިޔާ އިން ކުރަމުން ދިޔަ ޑިމާންޑް ތައް ހަގީގަތަށް ހެދުމަށް މި ޕްލޭނުން ޖާގަ ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.
ޔޫކްރެއިން ގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، "ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި" ޓްރަމްޕާ އެކު މި ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ކޮންމެ އެއްބަސްވުމެއް ވެސް ވާންޖެހޭނީ ޔޫކްރެއިން ގެ ސިޔާދަތަށް އިޙްތިރާމް ކުރާ "ގަދަރުވެރި ސުލްޙައަކަށް" ކަމަށެވެ.
ވައިޓް ހައުސް އިން ވަނީ، މި ހުށަހެޅުމަކީ މޮސްކޯއާ ގުޅިގެން ތައްޔާރުކުރި ޑޮކިއުމަންޓެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ފާއިތުވި މަހު، ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ "ސިއްރުން" ދެފަރާތާ އެކު މަސައްކަތް ކުރައްވާފައި ކަމަށް ވެސް ބުނެފައިވެއެވެ.
"ރައީސް މި ޕްލޭނަށް ތާއީދުކުރައްވާ. މިއީ ރަޝިޔާ އަށާއި ޔޫކްރެއިނަށް ވެސް ރަނގަޅު ޕްލޭނެއް،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލެވިޓް ނޫސްވެރިންނަށް ވިދާޅުވިއެވެ.
މި ޕްލޭންގައިވާ ގޮތުން، ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާ "ސުލްޙައިގެ މަޖިލިސް" ގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕް އަމިއްލަފުޅަށެވެ. މިއީ އިސްރާއީލާއި ހަމާސް އާ ދެމެދު ޣައްޒާ ގައި ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭންގައި ވެސް ހިމެނުނު ކަމެކެވެ.
މި ހުށަހެޅުމުގެ މުހިންމު ބައިތަކަކީ މޮސްކޯ އިން ކުރިން ވެސް ކުރަމުން އައި ޑިމާންޑްތަކަށް އިޖާބަ ދޭ އަދި ޔޫކްރެއިނުން ދުވަހަކުވެސް އެއްބަސްނުވާނެ "ރަތް ރޮނގު" ގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ދޫ ދޭން ޖެހޭ ގޮތައް ހުރި ބައިތަކެވެ.
މި ކަންކަމުގެ ތެރޭގައި ލޫގާންސްކް އަދި ޑޮނެޓްސްކް ސަރަޙައްދުތަކުން ޔޫކްރެއިން ފޭބުން ހިމެނެއެވެ. މި ދެ ސަރަޙައްދަކީ ޑޮންބާސްގެ ނަމުން މަޝްހޫރުވެފައިވާ، ސިނާއީ ސަރަހައްދެކެވެ. އަދި މި ސަރަޙައްދުގެ ބައެއް އަދިވެސް އޮތީ ޔޫކްރެއިން ގެ ބާރުގެ ދަށުގައެވެ.
މި ދެ ސަރަޙައްދާއި، 2014 ވަނަ އަހަރު ރަޝިޔާ އިން އެގައުމާ އެއްކުރި ކްރައިމިއާ "ރަޝިޔާ ގެ ބައެއްގެ ގޮތުގައި، އެމެރިކާ އިން ވެސް ބަލައިގަންނާނެ،" އެވެ. އަދި ޑޮންބާސް ގައި ސިފައިންނާއި ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއް ޤާއިމު ކުރާނެ އެވެ.
ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ދެކުނުގެ ޚާރްސަން އަދި ޒެޕޮރީޒްޔާ ސަރަޙައްދުތައް "ހަނގުރާމައިގެ ކުރީ ސަފުތައް މިހާރު ހުރި ހިސާބުން ފްރީޒް ކުރެވޭނެ" ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ. މި ދެ ސަރަޙައްދަކީ ވެސް ހަގީގަތާ ޚިލާފަށް ރަޝިޔާ އިން އެގައުމާ އެއްކޮށްފައިވާ ކަމަށް ދަޢުވާކުރާ ތަންތަނެވެ.
ޔޫކްރެއިން ގެ ބިމުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އޮތީ ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި މި ސަރަޙައްދުތަކުގެ ބޮޑު ބަޔަކަށް ވަނީހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޔޫކްރެއިނުން އުންމީދު ކުރަމުން އައީ ޔޫރަޕުން އިސްނަގައިގެން ސުލްޙަ ބަލަހައްޓާ ސިފައިން ގެ ޚިދުމަތް އެ ގައުމަށް ލިބޭނެ ކަމަށެވެ. ނަމަވެސް، ރަޝިޔާ އިން އެ ކަމަށް ތާއީދު ނުކާރެ ކަމަށް ބުނުމުން އެކަން ވެސް ޕްލޭނުގައި ހިމަނާފަ އެއް ނުވެ އެވެ.
ނޭޓޯ ގެ ސިފައިން ޔޫކްރެއިން ގައި ނުތިބެވޭނެ ކަމަށް އޮންނަ އޮތުމަށް ނޭޓޯ އިން އެއްބަސްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި އޭގެ އިތުރުން، ޔޫކްރެއިންގެ ޤާނޫނުއަސާސީންނާއި ނޭޓޯގެ ޤަވާއިދުތަކުން ވެސް ޔޫކްރެއިން ނޭޓޯ އާ ގުޅުން މަނާ ކުރެވޭނެ އެވެ.
މި ހުށަހެޅުމުގެ ދަށުން ޔޫކްރެއިނުން އެގައުމުގެ ސިފައިންގެ އަދަދު ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަކޮށް، 600،000 ސިފައިންނަށް ތިރިކުރަންޖެހޭނެއެވެ.
މިކަންކަމުގެ ބަދަލެއްގެ ގޮތުން ޔޫކްރެއިނަށް "އިތުބާރު ހުރި ސަލާމަތީ ޔަގީންކަމެއް" ލިބޭނެ ކަމަށް ޕްލޭންގައި ބުނެފައިވެއެވެ. ނަމަވެސް، އެކަމުގެ ތަފްޞީލެއް ދީފައެއް ނުވެއެވެ. އެހެން ނަމަވެސް، "ޔޫރަޕްގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް" އަވަށްޓެރި ޕޮލެންޑްގައި ބައިތިއްބާނެއެވެ.
މީގެ އިތުރުން، 100 ދުވަހުގެ ތެރޭގައި ޔޫކްރެއިނުން އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. މިއީ ރަޝިޔާ އިން ޑިމާންޑް ކުރަމުންދާ ކަމަކަށް ވުމުގެ އިތުރުން، ޓްރަމްޕް ވެސް ތާއީދު ކުރައްވާ ކަމެކެވެ. މިއަހަރުގެ ކުރީކޮޅު ޓްރަމްޕް ވަނީ ޒެލެންސްކީ އަކީ "އިންތިޚާބަކާ ނުލާ ވެރިކަމުގައި ހުންނެވި ޑިކްޓޭޓަރެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަލުން ޔޫކްރެއިނަށް އަރައިގެންފި ނަމަ، ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރަޝިޔާ އާ ދެކޮޅަށް ތަންފީޒު ކުރާނެއެވެ.
ނަމަވެސް، މި ޕްލޭންގެ ދަށުން ރަޝިޔާ ގެ އަސްކަރިއްޔާ އާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކެއް ނެތެވެ. ޕްލޭންގައި ހަމައެކަނި ބުނެފައި ވަނީ "އަވަށްޓެރި ގައުމުތަކަށް ރަޝިޔާ އިން އަރައިނުގަންނާނެ ކަމަށް އުންމީދު ކުރެވޭ" ކަމަށެވެ.
މި ޑްރާފްޓް އޮތް ގޮތުގެ ސަބަބުން، މިއީ މޮސްކޯގެ ބައިވެރިވުން ވެސް އޮވެގެން އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ބުނާ ވާހަކަތަކަށް ވަނީ ބާރު ލިބިފައެވެ.
ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނަމުން ދަނީ ހުރިހާ ފަރާތެއްގެ ބައިވެރިވުންވެސް މިކަމުގައި ވާ ކަމަށެވެ.