Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 08:45
ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދަށް ސްޕެޝަލް އެންވޯއީ ގެ މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދަށް ސްޕެޝަލް އެންވޯއީ ގެ މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޑރ. މުހައްމަދު ވަހީދު ހަސަން
އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު 2012 ވަނަ އަހަރު އދ. ގެ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމެރިކާއަށް ކުރި ދަތުރުފުޅުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ބިލިއަނަރު އެޕްސްޓީން އާއި ބައްދަލުވިކަން ހާމަވެއްޖެ
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ރާއްޖެއަށް ލޯން ހަމަޖައްސައިދިނުމަށް އެޕްސްޓީންގެ އެހީތެރިކަން ވަހީދު ހޯއްދެވި ކަން އީމެއިލްތަކުން އެނގޭ
އެޕްސްޓީން އަކީ ދެ ހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާ ގައި ގިނަ އަދަދެއްގެ ކުޑަކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މިލިއަން ޑޮލަރުގެ ރިންގެއް ހިންގަމުންދިޔަ ފަރާތެއް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު ރިންގެއް ހިންގި އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީން އާއި ގާތްގުޅުމެއް ބާއްވާ ބައްދަލުކުރި, ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ފަރާތަކީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. މުޙައްމަދު ވަޙީދު ޙަސަން ކަން ފަޅާއަރައިފި އެވެ.

މިކަން ހާމަވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބުދަ ދުވަހު އެޕްސްޓީން އާއި ބެހޭ ގޮތުން އާއްމު ކޮށްފައިވާ، 20،000 އަށްވުރެ ގިނަ ސަފްހާގެ މައްޗަށް އެކުލެވޭ މައުލޫމާތުތަކުގެ ތެރެއިންނެވެ. އާއްމު ކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި އެޕްސްޓީން އާއި ވަހީދު އާއި ދެމެދު ކޮށްފައިވާ އެތަކެއް އީމެއިލް އެއް ހިމެނެ އެވެ.

އެ އީމެއިލްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވައި ދެ ފަހަރަކު ބައްދަލު ވެސް ކޮށްފަ އެވެ. މި މައުލޫމާތުތައް ހާމަ ކުރުމުގެ ކުރިން ވެސް ހެކަރުންގެ ގްރޫޕަކުން ލީކު ކޮށްލި އީމެއިލްތަކަކުން، ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ފަރާތެއް އެޕްސްޓީން އާއި ބައްދަލުކުރަން ތާވަލު ކުރިކަން ހާމަވެފައިވެ އެވެ. ނަމަވެސް އެ އީމެއިލްތަކަކުން އެއީ ކޮން ފަރާތެއް ކަމެއް އެނގިފަ އެއް ނުވެ އެވެ.

2012 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ޑރ. ވަހީދު ވާހަކަ ދައްކަވަނީ؛ މި ދަތުރުގެ ތެރެއިން ވެސް ވަހީދު އެޕްސްޓީން އާއި ބައްދަލުކުރެއްވި

ބުދަ ދުވަހު އާއްމު ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ވަހީދު އެޕްސްޓީން އާއި ސީދާ ބައްދަލުކުރެއްވި އެވެ. އެޕްސްޓީން އަށް ފޮނުވި އެއް މެއިލްގައި ވަހީދު ވަނީ އދ. ގެ 67 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމަނިކުފާނުގެ ދެ ކަނބަލުން އެމެރިކާއަށް ކުރެއްވި ދަތުރުގެ ޝެޑިއުލް ހިއްސާކުރައްވާފަ އެވެ. ޝެޑިއުލްގައިވާ ގޮތުން އެޕްސްޓީން އާއެކު ވަހީދު ޕްރައިވެޓް ޑިނާއެއް ޝެޑިއުލް ކުރެއްވި އެވެ. އެ އިވެންޓު އޮތީ ސެޕްޓެމްބަރު 22، ގެ ރޭ އެމެރިކާ ގަޑިން 8:00 އިން 10:30 އާއި ހަމައަށެވެ.

ޑރ. ވަހީދު 2012 ވަަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުގެ ޝެޑިއުލްގެ ބައެއް

މީގެ އިތުރުން ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑީޕީ ވޯލްޑް ކުންފުނީގެ ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭޔަމް އާއެކު، އެޕްސްޓީންގެ ގެއަށް ވަހީދު ވަޑައިގެންނެވި ކަމަށްވެސް އީމެއިލްތަކުގައި ބުނެފައިވެ އެވެ. މިކަން ހިމެނިފައިވަނީ 18 ޖެނުއަރީ 2018 ވަނަ އަހަރު ފޮނުވި އީމެއިލް އެއްގަ އެވެ.

ދެ ފަރާތުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކުން، ވަހީދު އާއި އެޕްސްޓީންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން އެނގެ އެވެ. ގިނަ ކަންކަމުގައި ވަހީދު ވަނީ، އެޕްސްޓީންގެ ލަފާ ހޯއްދަވާފަ އެވެ. މި ގޮތުން ޖެނުއަރީ 27، 2013 ގައި ވަހީދު އެޕްސްޓީން އަށް ފޮނުވި އީމެއިލް އެއްގައި، އެޕްސްޓީން އަކީ ވަހީދުގެ "ސޭވިއާ" ނުވަތަ ސަލާމަތްކޮށްދޭ ފަރާތް ކަމަށް ބުނެފައިވެ އެވެ.

2013 ވަނަ އަހަރު ވަހީދު އެޕްސްޓީން އަށް ފޮނުވި މެއިލް އެއްގައި ވަހީދު އެދިވަޑައިގެންފައި އޮތީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، ޝައްކު އުފެދޭ ގޮތަކަށް ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރުގެ މާލީ ޕްރޮޕޯސަލަކާ މެދު އަމަލު ކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ނެތިފައި ދަރަނި އެހާ ބޮޑުކޮށް އޮއްވާ އެހާ ގިނަ ފައިސާ ޖަމާކުރަން އެއްވެސް މީހަކު ބޭނުންވާންވީ ކީއްވެތޯ ވެސް އެ މެއިލްގައި ވަހީދު އެޕްސްޓީންއާ ސުވާލުކުރައްވާފައި އޮތެވެ. ޖަވާބުގައި އެޕްސްޓީން ބުނީ ބެލެވޭ ގޮތުގައި އެ ލޯނަކީ "ސްކޭމް" އެއް ނުވަތަ ފްރޯޑެއް ކަމަށެވެ. އޭގައި ކުރިއަށް ދާ ނަމަ ސްކޭމަރުން ދެން ކަންތައް ކުރާނެ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގައި ވެސް އެޕްސްޓީންގެ އެހީއަށް ވަހީދު އެދިފައިވެ އެވެ. އެގޮތުން، ބޭރުގެ މީޑިއާއިން ވަހީދުގެ ސަރުކާރާމެދު ދެކޭގޮތް ބަދަލުކުރަން ބޭނުންވާކަން އޭނާގެ މެއިލްތަކުގައި ފާހަގަކުރައްވާފައިވެ އެވެ. މިކަމަށް ޖަވާބު ދެމުން ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމު ކުރުވަން ސްވިޑެންގެ ޑިޕްލޮމެޓަކު ގެންނަން އެޕްސްޓީން ހުށަހެޅި އެވެ.

މީގެ އިތުރުންވެސް ވަހީދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި އިރު 500 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދިނުމަށް އެޕްސްޓީންގެ އެހީތެރިކަން ހޯދިކަން ވަނީ އެމެރިކާގެ ކޯޓެއްގައި ހިނގި ދައުވާއެއްގެ ލިޔެކިޔުންތަކަކުން ހާމަވެފަ އެވެ.

ދެ ހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާ ގައި ގިނަ އަދަދެއްގެ ކުޑަކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ އެޕްސްޓީން އެންމެ ފުރަތަމަ ހައްޔަރުކުރީ 2005 ވަނަ އަހަރުގައެވެ. ޖޫން 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ.

އޭގެ ފަހުން އަނެއްކާވެސް އޭނާގެ މައްޗަށް އިރުތު ދައުވާތަކެއް ކުރެވި އަލުން ހައްޔަރުކުރެވުނެވެ. 2019 ގައި އިތުރު ދަޢުވާތަކެއް އުފުލުމާ ގުޅިގެން އޭނާ ވަނީ ޖަލުގައި އަމިއްލައަށް މަރުވެފަ އެވެ. އެޕްސްޓީންގެ ކުރީގެ ލޯބިވެރިޔާ ގިސްލޭން މެކްސްވެލްސް އަށް ވެސްވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގައި އެހީތެރިވުމުގެ ކުށުގައި 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާފަ އެވެ.

އެޕްސްޓީން ހިންގި ޖަރީމާތަކުގައި އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީން ބައިވެރިވެފައިވެ އެވެ. މި މައުލޫމާތުތައް ހާމަވުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ރައީސް ވަހީދު އެޕްސްޓީން އާއި ބައްދަލުކުރެއްވި ސަބަބާއި، އެ ގުޅުމުގެ ހަގީގަތާ ބެހޭ ގޮތުން ގިނަ ސުވާލުތައް އުފެދިފައިވެ އެވެ.

- ކޮމެންޓް