ފުޓުބޯޅަ އަކީ ބަލަން ހަމަ އެންމެ ރަނގަޅު އެއް ކުޅިވަރެވެ. ލައްކަ ގިނަ ކަންކަން ދަސްވެ އެވެ. ބައެއް ފަހަރު ސަޕޯޓު ކުރާ ޓީމުން ކޮށްލާ ކަންކަމުން ރުޅި އާދެވެއެވެ. އަނެއްބައި ފަހަރު އުފާވެ އެވެ. ލަދުގަންނަން ޖެހޭ ފަހަރު ވެސް މަދެއް ނޫނެވެ. އެންމެ ލަދުގަންނަން ޖެހޭ ބައިކޮޅަށް ގޯލު ޖެހުމުންނެވެ. މިއަދު ވެސް ބަލަން އިން މެޗުން ފެނުނީ ޑިފެންސަށް ކުޅެމުން ދިއަ ކުޅުންތެރިޔާ ކުއްލިއަކަށް ފޯވާޑަކަށް ވާން އުޅެގެން ބައިކޮޅަށް ގޯލު ޖަހާލި މަންޒަރެވެ.
ފުޓުބޯޅައިގެ ވާހަކަ އިހަށް ބާއްވާނަމެވެ. ކުޅިވަރު ނޫނަސް، މިއަދު ރާއްޖޭގެ ސަރުކާރުން ވެސް 'ބައިކޮޅަށް ގޯލު ޖަހާތަން' މިހާރު ފެންނަނީ މަދަކުން ނޫނެވެ. ޚާއްސަކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ ފުލް ކޮންޓްރޯލު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބައިކޮޅަށް ގޯލު ޖަހާ، އަމިއްލައަށް ފަލީހަތްވާ މަންޒަރު ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރު ފެނެއެވެ. ފުޓުބޯޅަ ނޫނަސް މަޖިލީހުގެ ޖަލްސާއެއް ބަލާލުމަކީ ވެސް މިހާރު ދެން މަޖާ ކަމެކެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ހާޒިރު ކޮށްފައިވާއިރު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މައުލޫމާތު ވެސް މިނިސްޓަރަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވި އެވެ. ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަން ހެރިޓޭޖް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ނަމަ ދެން އެކަން އެނގޭނީ ކާކަށް ބާ އެވެ.
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް ކިހިނެތްތޯ އަޅުގަނޑު ޖެހޭނީ ބަލާލަން. މި ވުޒާރާ އިން އަދި ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް ނޫން އަޅުގަނޑަށް ޔަގީން އެނގޭތޯ. އެއީ ކަށަވަރު ކަމެއް. ދެން ދެވަނަ ކަމަކީ ކުރިން ވެސް އަޅުގަނޑު ދަންނަވާލިހެން މަރާމާތާ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކުރަމުންދާނެ މަސައްކަތްތަކެއް،
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު![]()
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވާއިރު، އެސަރަހައްދުގައި ސަތަރި އަޅައި ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް އަހަރު ދުވަސް ވެއްޖެ އެވެ. މިނިސްޓަރު ފާޅުގައި އެ ހާމަ ކުރެއްވީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނަށް ވާ ގޮތާ، އެ ތަންތަނުގައި ހިނގާ ކަންކަމާ ކުރާ ކަންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވީމާ ބަޔަކު މުޅި އެ އިމާރާތް ހިފައިގެން ދިޔަސް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ބުނެ މިއަދު އެކަން ވެސް މިވަނީ "މީމް" އަކަށް ވެފަ އެވެ.
ދެން މަޖިލީހަށް ހާޒިރުކުރީ އިސްލާމިކް މިނިސްޓަރެވެ. މި ސަރުކާރަކީ ރިވެތި އަދަބާ އަޚުލާގުން ހުވަނދުލައިގެން އުޅޭ ސަރުކާރެއް ކަމަށް ދައުވާ ކުރަނީ ވެސް ހަމަ ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނެވެ. ނަމަވެސް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މަޖިލީހުގައި އުޅުއްވި ގޮތް ފެނިފައި ރިވެތި އަދަބާ އަޚުލާގުގެ މާނަ ވެސް ރަދީފުން ދެތިން ފަހަރު ބަލަން ޖެހިއްޖެ އެވެ.
ފެންފޮދެއް ދިރުވާލާހާ ފަސޭހައިން ދޮގަކަށް ފަހު ދޮގެއް ހައްދަވަމުން ގެންދެވިއިރު މުޅި ގައުމު ބަލަން ތިއްބާ އަޑު އުފުލާ އަތް އިސްކުރި ގޮތުން ގައުމުގެ އިޖުތިމާއީ ފޭރާން މިވަރަށް ވީދިފައި ވަނީ ކީއްވެގެން ކަން ސާފުވެއްޖެ އެވެ. މިސްކިތްތަކާ ގުޅިގެން ވެސް ހެއްދެވީ ދޮގެވެ.
ހުކުރު ޚުތުބާ އާ ގުޅުވާ ވެސް ދެއްކެވީ މުޅިން ދޮގު ވާހަކަތަކެކެވެ. އެވަރުން ނުފުދިގެން މިސްކިތްތަކުން ބަންގީގެ އަޑު މަޑު ކުރާ މައްސަލައި ގައި ވެސް ހެއްދެވީ ދޮގެވެ. ގާނޫނީ ވާޖިބު އަދާކުރުމަށް މަޖިލީހަށް ހާޒިރުކޮށްފައި ހުރި މިނިސްޓަރު މެންބަރުންނާ ދިމާލަށް އިނގިލި ދިއްކޮށް ހަޅޭއްލެވީމާ ދެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.
ދެން ގެނައީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ. ކުރީ ސަރުކާރު ބޮލަށް ހުރިހާ ކަމެއް ޖަހަން ހަދައިގެން އެންމެ ފަހުން ބުނެވުނީ އޭރު މޭޔަރު ކަމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނާ ޚިލާފަށް ކުރެއްވި ކަންކަމުގެ ވާހަކައެވެ. މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސަރަހައްދަން ގާނޫނާ ގަވާއިދާ ޚިލާފަށް އެއްގަމު އުޅަނދުތައް ގެނައި ވާހަކައެވެ. އަދި ގޭގޭގެ ވެރިފަރާތްތަކަށް ނޭންގި ގަރާޖު ސިޓީތައް ހައްދާފައި ހުރި ވާހަކައެވެ.
2018 ވަނަ އަހަރާ އަޅާބަލާއިރުގަ 2019 އިން 2023 އަށް ހިސާބުތަކުން ދައްކާގޮތުގަ ރަޖިސްޓްރޭޝަންގެ ވެހިކަލް ވެސް 118.5 އިންސައްތަ ވެހިކަލް މާލެ ސަރަހައްދަށް ގިނަވެފަ ވަނީ. ބައެއް ފަރާތްތަކުން ބައެއް ގެތަކުގެ ވެރިންނަށް ނޭންގި ގަރާޖު ހައްދައިގެން ސިޓީ ކައުންސިލާ ހުރިހާ ދިމާލަކުން ގުޅިގެން ހިންގާފަހުރި ގޯސްތަކެއްގެ ސަބަބުން އެހާ ބައިވަރު ވެހިކަލްތައް ގިނަވެފަ އޮތީ،
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން![]()
މިދިޔަ 2024 ވަނަ އަހަރު މާލޭގައި އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޕާކިންގް ބިލްޑިންގް އަޅާނެ ފަރާތެއް އަދި ވެސް ނުހޯދޭ ކަމަށް ވެސް ވިދާޅުވީ ހަމަ އެ މިނިސްޓަރެވެ. އޭގެ އިތުރުން މި އަހަރު ނިމޭއިރު ވެސް ޓެކްސީ ލައިނުގެ ޚިދުމަތް ފެށޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާ ޑިސެމްބަރު ނޫނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާ ނިމުނު 2024 ވަނަ އަހަރުގެ މާޗު މަހު ހެލިކޮޕްޓަރުގެ ޚިދުމަށް ފަށާނެ ކަމަށް ބުނި ނަމަވެސް އޭގެ އެއް އަހަރާ ހަތް މަސް ފާއިތުވިއިރު އަދި އެ މަސައްކަތް ކުރާނެ ބައެއް ވެސް ނުހޯދޭ ކަން ވެސް މިނިސްޓަރު 60 މިނެޓުތެރޭ ހާމަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަތަކުން ޔަގީންވި އެއް ކަމެއް އެބައޮތެވެ. އެއީ ޕާކިންގް ބިލްޑިންގް ތަކާ، ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް އެކި ތާރީޚުތައް ދެމުން އެކި ވާހަކަތައް ދެއްކެވުން ފިޔަވާ ސަރުކާރަށް މި ކަންކަމުގައި އަދި އެއްވެސް ކަމެއް ކުރެވިފައި ނުވާކަމެވެ.
އަންގާރަ ދުވަހު ހާޒިރު ކުރި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ނޭނގުނު އިރު އެ ޚިދުމަތުގެ ސަބަބުން އުފެދުނު ވަޒީފާތަކުގެ އަދަދު ވެސް ނޭނގުނެވެެ. ހިތަށް އެރީ ހަމަ އެންމެ ސުވާލެކެވެ. މި މިނިސްޓަރުންނަށް އެނގިވަޑައިގަންނަވަނީ ކޯޗެއްތޯ އެވެ. މިނިސްޓަރުންނަށް އެނގިވަޑައިނުގަންނަވާ ނަމަ ދެން މި ކަންކަން އެނގެނީ ކާކަށްތޯ އެވެ. އެނގޭ މީހަކު ގެނެސް ސުވާލު ކުރިއްޔާ ސުވާލު ކުރާ މީހާ އަށް ވެސް ބަލަން ތިބޭ މީހުންނަށް ވެސް ފަސޭހަ ވާނެ ނޫން ބާވައޭވެސް ހިތައް އަރައެވެ.
މިހެން ގޮސް ކިތަންމެ ފަހަރަކު އަމިއްލައަށް މި ސަރުކާރު އަމިއްލަ އަށް ފަލީހަތް ވެއްޖެ އެވެ. ހޯމް މިނިސްޓަރެއް ހުއްޓާ ލޯ ކުރިމަތިން 40 ފޫޓުގެ ދެ ކޮންޓެއިނަރު ގެއްލިއްޖެއެވެ. ޓްރާންސްޕޯޓު މިނިސްޓަރަށް ނުވެސް އެނގި ގައުމުގެ މައި އެއަރޕޯޓުން ދިވެހިންގެ ބޭންކުގެ މުވައްޒަފުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރިއްޖެ އެވެ.
ކޮންމެއަކަސް ފޫހިފިލުވާލަން ފުޓްބޯޅަ މެޗަކަށް ވުރެ ވެސް މި ސަރުކާރުގެ ވެރިން އެ ދައްކާ ވާހަކަ ބަލާލުން މާ ރަނގަޅޭ ވެސް ހިތައް އަރައެވެ.