ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް، އޭނާ ޖަލަށް ގެންގޮސްފި އެވެ.
ސާކޯޒީގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ޙުކުމް ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ޣައްޒާފީގެ އަތުން އެތައް މިލިއަން ޔޫރޯގެ ނާޖާއިޒު ފައިސާ ހޯދި ކަމުގެ ދައުވާ އެވެ.
ފްރާންސްގެ ވެރި ރަށް ޕެރިހުގެ ޖިނާއީ ކޯޓުން ބެލި މައްސަލައިގައި ސާކޯޒީ އަށް ތުހުމަތު ކޮށްފައި ވަނީ، 2007 ވަނަ އަހަރު އޮތް ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށް ޣައްޒާފީ އަތުން ފައިސާ ބޭނުން ކުރި ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނެފައި ވަނީ، އެ ފައިސާގެ ބަދަލުގައި ހުޅަނގުގެ ޤައުމު ތަކުގެ ކުރިމަތީގައި ޣައްޒާފީގެ ނަން ރީތި ކުރުމަށް އެހީތެރިވާނެ ކަމަށް ވަނީ އެއްބަސްވެފަ އެވެ.
އުމުރުފުޅުން 70 އަހަރުގެ ސާކޯޒީ ވަނީ 2007 ވަނަ އަހަރުން ފެށިގެން، 2012 ވަނަ އަހަރަށް ފްރާންސްގެ ރައީސް ކަމުގެ މަގާމު އަދާ ކުރައްވައިފަ އެވެ. 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރެއް ހޯއްދެވުމަށް ސާކޯޒީ ވާދަ ކުރެއްވި ނަމަވެސް، އެ އިންތިޚާބުގައި އޭނާ އަށް ވަނީ ނާކާމިޔާބާ ކުރިމަތިވެފަ އެވެ.
ސާކޯޒީގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ. ޙުކުމް ތަންފީޒު ކުރުމަށްޓަކައި ސާކޯޒީ ވަނީީ ޕެރިހުގައި ހުންނަ ލަ ސަންޓޭ ޖަލަށް ގެންގޮސްފަ އެވެ.
ޖަލަށް ވަޑައިގެންނެވުމަށްޓަކައި ސާކޯޒީ އޭނާގެ ގެކޮޅުން ނިކުމެ ވަޑައިގެންނެވީ އަނބިކަނބަލުންގެ، އަތުގައި ހިއްޕަވައިގެންނެވެ. އެ ވަގުތު، ސާކޯޒީ އަށް ތާއީދު ކުރާ މީހުން ތިބީ އޭނާގެ ގެކޮޅު ކައިރި އަށް އެއްވެ އެވެ. އެ މީހުން ދިޔައީ ފްރާންސްގެ ޤައުމީ ސަލާމާ އެކު، ސާކޯޒީގެ ނަމުން ގޮވަމުންނެވެ.
BREAKING: Former French President Nicolas Sarkozy walks to prison
— Sky News (@SkyNews) October 21, 2025
He was sentenced to five years after being found guilty of criminal conspiracy, but not guilty of receiving illegal campaign financing from the late Libyan dictator Muammar Gaddafihttps://t.co/F9BwiYGJiS pic.twitter.com/A2dWdxBnTa
ޙުކުމް ތަންފީޒު ކުރުމަށް ޖަލަށް ވަޑައިގެންނެވުމުގެ ކުރިން ސާކޯޒީ ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެގޮތުން ސާކޯޒީ ވިދާޅުވެފައި ވަނީ، އޭނާ އަކީ ބަދަލު ހިފުމާއި، ނަފުރަތުގެ ޝިކާރަ އަކަށް ވެފައިވާ މީހެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ޖަލަށް ގެންދެވެނީ ކުރީގެ ރައީސެއް ނޫން ކަމަށާއި، ޖަލަށް ގެންދެވެނީ ކުށެއް ނެތް މައުސޫމް މީހެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ސާކޯޒީގެ ޤާނޫނީ ވަކީލުންގެ ފަރާތުން ބުނެފައި ވަނީ، އޭނާގެ އިސްތިއުނާފު މަރުޙަލާގައި އޭނާ ދޫކޮށްލުމަށް އެދި ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި ކްރިސްމަސްގެ ކުރިން އޭނާ ދޫކޮށްލެވޭނެ ކަމުގެ އުންމީދު އޮތް ކަަމަށް ވެސް ޤާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ސާކޯޒީ ޖަލު ޙުކުމް ތަންފީޒު ކުރަމުން ގެންދާނީ ވަކިން، އެކަހެރި ގޮޅިއެއްގަ އެވެ. އެއީ ގާތް ގަނޑަކަށް 9 ފޫޓާއި، 12 ފޫޓުގެ ގޮޅިއެއް ކަމަށް ލަފާ ކޮށްފައިވެ އެވެ. އެ ގޮޅީގައި ސާކޯޒީ ބޭނުން ކުރެއްވުމަށް ވަކި ފާޚާނާ އަކާއި، އެހެނިހެން ޚިދުމަތްތައް ވެސް ހުންނާނެ އެވެ. އޭގެ ތެރޭގައި ޓީވީ އާއި ލޭންޑިން ފޯނުގެ ޚިދުމަތް ވެސް ހިމެނޭނެ އެވެ.
ފްރާންސްގެ ކުރީގެ ރައީސަކުން ޖަލަށްލުމާ މެދު ސާކޯޒީގެ ސިޔާސީ އެކުވެރިން އަދި ހަރުކަށި ވިސްނުމުގެ ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ފާޑު ކިޔަމުންނެވެ. މިއީ ފްރާންސްގެ އަދުލުގެ ނިޒާމުގެ ބާރު ގަދަވެ، އެ ނިޒާމުގެ ތެރެއަށް ނުފޫޒު ވަދެ، ނުހައްގުން ކޮށްފައިވާ ޙުކުމެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ފްރާންސްގައި 2007 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ސާކޯޒީ ވެރިކަމަށް ވަޑައިގެންނެވީ، ވިޔަފާރީގެ ދާއިރާ އަށް އިސްލާޙު ތަކެއް ގެނެސް، ފްރާންސްގެ އިޤްތިޞާދު ކުރިއަރުވައި ދޭނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް، 2008 ވަނަ އަހަރާއި، 2009 ވަނަ އަހަރު ފްރާންސްގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވުމާ އެކު، ސާކޯޒީގެ މަސައްކަތް ތަކަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވި އެވެ.