Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 21:51
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މަޖިލިސް
ފައިސާ ޗާޕުކުރުން
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު
ޕެންޝަން ބޯޑު މެންބަރުންނަށް ބިރުދައްކައިގެން މިކަން ކުރަން ނިންމާފައި ވާއިރު، މިއީ އައު ކަމެއްގެ ފެށުން ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަކުރާރުވެދާނެ ކަމެއް ކަމަށް އަމީރު ވިދާޅުވި.

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ގާނޫނާ ޚިލާފަށް ކުރަން އުޅޭ ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިކަން ކޮށްފި ނަމަ މިއީ އާ ކަމެއްގެ ފެށުމެއް ކަމަށާއި އަންނަ އަހަރުވެސް ސަރުކާރުން މިކަން ކުރާނެ ކަމަށެވެ.

ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭ މައްސަލައިގައި އަމީރު ވިދާޅުވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބުތެރޭގައި އަދި މިހާރު ވެސް ތަކުރާރުކޮށް ދައްކަމުން އަންނަ އެންމެ ބޮޑު ވާހަކައަކީ މިސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ވާހަކަ ކަމަށެވެ.

އަމީރު ވިދާޅުވީ ފައިސާ ޗާޕް ނުކޮށް 2.5 ބިލިއަން ރުފިޔާ ސަރުކާރުގެ ޓީ-ބިލްސް ޕެންޝަން އޮފީސް މެދުވެރިކޮށް، އެމްއެމްއޭ އިން ގަންނާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެވަރުގެ ކެޕޭސިޓީ އެއް އެމްއެމްއޭ ގެ ޖެނެރަލް ރިޒާވްގަ ނުހުންނާނެ ކަމަށާއި، ޖެނެރަލް ރިޒާވްގައި ހުރީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ އެމްއެމްއޭ ކުރު މުއްދަތުގެ ލައިބިލިޓީސް ކަވަރު ކުރަންވެސް ހުންނާނެ ފައިސާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ޕެންޝަން ފަންޑުގެ ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރުމުގެ މި މުއާމަލާތް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާ ކަމަށެވެ.

"މިއީ ސަރުކާރުން ހިންގާ ގާނޫނާއި ޚިލާފު ކަމެއް. އެމްއެމްއޭ ގެ މައިގަނޑު މަސްއޫލިޔަތާއި ޚިލާފު ކަމެއް. އެމްއެމްއޭ ގެ މައިގަނޑު މަސްއޫލިއްޔަތަކީ 'ޕްރައިސް ސްޓެބިލިޓ" (ތަކެތީގެ އަގު ހިފެހެއްޓުން). އެމްއެމްއޭ ގެ މައިގަނޑު މަސްއޫލިއްޔަތުކަމަށް 7 އޮގަސްޓް 2025 ގައި ނެރެފައިވާ ނޫސް ބަޔާންގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަނިޓަރީ ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފައިވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު (ނުވަތަ އިންފްލޭޝަން) އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުން ނުވަތަ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުން. އަދި ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް އުފުލެމުންދާ މިންވަރު އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި އެމްއެމްއޭ އިން ބޭނުންކުރަމުންދަނީ އެކްސްޗޭންޖް ރޭޓަށް ބިނާކޮށް އެކުލަވާލާފައިވާ މަނިޓަރީ ސިޔާސަތެއް ކަމަށް" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއީ އެމްއެމްއޭ އިން މީގެ 2 މަސް ކުރިން ނެރުނު 'މަނިޓަރީ ޕޮލިސީ' އުސޫލުތަކާއި ދިމާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި މި މުއާމަލާތުގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ އިންފްލޭޝަންގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި އެކްސްޗޭންޖް ރޭޓް (ބްލެކް މާކެޓު) އިތުރަށް ގޯސްވާނެ ކަމަށާއި، ޕެންޝަން އޮފީސް އިން މި މުއާމަލާތަށް އެއްބަސްވެ ކުރިޔަށް ގެންދިޔުމުން، ޕެންޝަން މެމްބަރުންގެ ފައިސާގެ އަގު، އިންފްލޭޝަން އާއެކު ދަށްވެގެންދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ މިއީ ޕެންޝަން ބޯޑުގެ މެމްބަރުން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ފިސްކަލް ޕޮލިސީ ހިންގަނީ ފިނޭންސް އިން ކަމަށާއި، މަނިޓަރީ ޕޮލިސީ ހިންގަނީ އެމްއެމްއޭ އިން ކަމަށް ބުނެ ފަރު ޖެއްސޭނެ ކަމެއް ނޫން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރަށް ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ނެތުމުން، ޕެންޝަން އޮފީސް މެދުވެރިކޮށް ބިލިއަނުން ފައިސާ ހޯދުން، މިއީ އާ ކަމެއްގެ ފެށުން ކަމަށެވެ. އަދި މިއީ ފުރަތަމަ ފަހަރަކަށް ނުވާނެ ކަމަށާއި، ސަރުކާރަށް ފައިސާ ބޭނުންވެ، އިތުރަށް ޕެންޝަން މެދުވެރިކޮށް ފައިސާ މި އަންނަ އަހަރުވެސް ހޯދާނެ ކަމަށެވެ.

"ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގައި އެމްއެމްއޭ މެދުވެރިކޮށް، ފައިސާ ހޯދާނެ ގޮތް އަދި ހާލަތްތައް ބަޔާންކޮށްދީފައި ވޭ. މީގެއިން އެއްވެސް ހާލަތަކަށް ނުފެތި، އެމްއެމްއޭ އިން ސަރުކާރަށް ފައިސާ ޗާޕްކޮށްދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. ކޮވިޑްގެ އާލަމީ ވަބާއާއެކު ދިމާވި އިގްތިސާދީ މާލީ ކާރިސާއާއެކު ވެސް، އަޅުގަނޑުމެން ޚިޔާރުކުރީ ގާނޫނުގައި އޮންނަ ގޮތަށް، ހާމަކަން ބޮޑުކޮށް، މަޖްލިސްއަށް ހުށަހަޅައި، ބަހުސްކޮށް، ގާނޫނުގައި ބުނާގޮތަށް އެގްޒެމްޕްޝަންސް ހޯދަން. އެހާލަތެއް ނެތް މިހާރަކު ނުވެސް ނެތް" އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ ސަރުކާރުގެ އިސްވެރިންގެ ނާޤާބިލްކަމުން، ސަރުކާރު ހިންގަން ދަތިވެ، ފައިސާ ހޯދާނެ އެހެން ގޮތެއް ނެތްނަމަ، ސިއްރުން މަކަރުވެރި ގޮތަކަށް ކަންތައް ނުކޮށް، ހާމަކަން ބޮޑުކޮށް މަޖިލިހަށް ހުށަހަޅައި ފާސްކޮށްގެން ކުރިޔަށް ގެންދަން ސަރުކާރަށް ގޮވާލާފައެވެ. އަދި ސަރުކާރު ކުންފުނިތައް، ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން، މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގެ ގެންގުޅެމުންދާ ހުރިހާ ޕްރިންސިޕަލްތަކެއް މުގުރާލާ، ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް އެފަންޑުން ސަރުކާރަށް ފައިސާ ހޯދަން އެމް.އެމް.އޭ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތް ހުއްޓާލުމަށް ވެސް އަމީރު ވަނީ ގޮވާލައްވާފައެވެ.

- ކޮމެންޓް