ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ބަނދެފައިވާ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ލޫޓުވައިފި ލޫޓުވައިފި މުޒާހަރާގައި ހުންނަވައި ރާއްޖެމްވީއަށް މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުތީ ހައްގުތައް ގެއްލެމުންދާތީ ކަމަށާއި، ހައްގުތައް ނިގުޅައިގަންނަމުންދާއިރު، ރައްޔިތުން މަޑުން ނުތިބޭނެކަން މިހާރު ހާމަވެފައިވާ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައިވާ ފަހަރަކު ހައްގެއް ނިގުޅައިގަންނަމުން ގޮސް މިހާރު ހަތަރެސްފައިބަދެފައިވާ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީން ފެހިގާނޫނު އަސާސީއާއެކު ރައްޔިތުންނަށް ހައްގުތައް ހޯދައިދިނީ ވަރަށް ބުރަ މަސައްކަތާއެކު ކަމަށާއި، އެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު ބަލަން ނުތިބޭނެ ކަމަށެވެ.
މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ ގާނޫނު އަސާސީއަށްވުރެ މަތިން ގާނޫނެއް ވެސް އަދި ގަވާއިދެއް ވެސް ނުހެދޭނެ ކަމަށާއި، އެފަދަ ގަވާއިދާއި ގާނޫނަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.
ބަސް ބުނުމުގެ ހައްގު، ބޭސްފަރުވާގެ ހައްގު، ކިޔެވުމުގެ ހައްގު، އަޅުގަނޑުމެންނަށް މަގުމަތީގައި ހިނގާލުމުގެ ހައްގު، މިހެން ގޮސް ކޮން ހައްގެއްތޯ މިހާރު ނުގެއްލެނީ. ހައްގަކަށްފަހު ހައްގެއް، ގެއްލެމުން ގެއްލެމުން ގޮސް މިއަދު އަޅުގަނޑުމެންގެ ހަތަރެސްފައި ބަދެވިފައި. އެންމެ ކުޑަ މިނުން އަޅުގަނޑުމެން ހޮވާފައި ތިބި މެންބަރުންގެ ހަތަރެސްފައި އަމިއްލައަށް ބަނުވާފައި އެތިބީ. އަދި ސުޕްރީމް ކޯޓު އަތަށް ކަހާލާފައި. އެތިބެނީ އެހެން ގޮސް ކޮންކަމެއްތޯ ރައްޔިތުންނަށް މިނިވަންކަމާއެކު މިތިބީ. މިނިވަންކަމާއެކު ކޮން މުއައްސަސާއެއްތޯ އޮތީ. މިހިސާބަށް ދިޔާމަ އަޅުގަނޑުމެން ނުތިބޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ދަރިން މިނިވަންކަމާ ހިތްހަމަޖެހުމާއެކު ދިރިއުޅެން ފުރުސަތު ހޯދައިދޭންޖެހޭ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް![]()
މިއީ ދޮގު ހަދާ ސަރުކާރެއްކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މިއަދު ފެނާއި، ނަރުދަމާގެ ޚިދުމަތާއި، ކަރަންޓުގެ ޚިދުމަތުގެ އިތުރުން އާސަންދަ ޚިދުމަތް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އަދި ފަށާފައިވާ މަޝްރޫއުތައް ހުއްޓުވާފައިވާއިރު، މިސަރުކާރުން ފަށާފައިވާ އައު މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ މިސަރުކާރުން ޑޮލަރު ރޭޓު މަތިކޮށް، ތަކެތީގެ އަގު އިންތިހާއަށް މަތިކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ދަތި ކުރަމުންދާ ކަމަށާއި، އެމްޑީޕީން އެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށާއި، ރައްޔިތުންގެ އަސާސީ ހުރިހާ ހައްގެއް ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރާނެ ކަމުގެ ޔަގީންކަން މޭޔަރު އާޒިމް ދެއްވިއެވެ.