ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތަފާތު ބޭފުޅެކެވެ. ތަރައްގީގެ މަޝްރޫއުތައް ކާމިޔާބު ކަމާއެކު ފެށިގެން ކުރިއަށް ނުދިޔަ ނަމަވެސް ތަފާތު އެކިއެކި ރިކޯޑު ހެއްދެވުމުގައި އެމަނިކުފާނު އުޅުއްވަނީ ވަރަށް ކުރީގައެވެ.
އެގޮތުން ރައީސް މުއިއްޒު ވަނީ ބައްދަލު ނުކުރައްވާތާ 500ށް ވުރެ ގިނަ ދުވަސް ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި، ދުނިޔޭގެ ތާރީޚުގައި ރިކޯޑު ކުރެވިފައިވާ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރިކޯޑު ހެއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ހަމައެގޮތަށް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު ޓާމިނަލް ރިބަން ކެނޑުމުގެ ރަސްމިއްޔާތަށް ރައްޔިތުންގެ ފައިސާއިން 100 މިލިއަނެއްހާ ރުފިޔާ ބޭކާރު ގޮތުގައި ހަރަދުކޮށް، އެރޭ އެރުވި ހަވާ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށް މަސައްކަތް ކުރައްވާފައެވެ.
ރައްޔިތުންނާއި ގައުމަށް މަންފާ ނުކުރާ އެތައް ކަމެއްގައި އެމަނިކުފާނު ރިކޯޑު ހައްދަވަމުން ގެންދަވާއިރު، މިސަރުކާރުގައި މިހާތަނަށް ގިނަ ދާއިރާތަކުން ރައްޔިތުން ވަނީ މަގުމައްޗަށް ވެސް ނެރުވާފައެވެ. މައްސަލަތައް ހައްލުނުވެ، ރައްޔިތުންގެ އިންތިހާއަށް ކަންބޮޑުވުމުގެ ނަތީޖާއަކީ މުޒާހަރާތަކަށް ނުކުތުމެވެ.
އެގޮތުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ހުރަސްއަޅައި، ދަތިކޮށް ޓެކްސީ ޑްރައިވަރުން ވަނީ މަގުމައްޗަށް މުޒާހަރާ ކުރުން ނުކުނަން ޖައްސާފައެވެ. އަދި ރޭސިންގ ދާއިރާގައި އުޅޭ ޒުވާނުން ވެސް ރައީސް މުއިއްޒު އެމީހުންނަށް ވީ ވައުދުތަކާ ހިލާފުވެ، ކަންކަން ކޮށްނުދެއްވާ، އެމީހުންނަށް ވެސް ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ޖައްސާފައެވެ.
ކެންޕޭނުގައި މަސްވެރިންނަށް ވެވަޑައިގެންނެވި، އެތައް ވައުދަކާ ހިލާފުވެ، މަސްވެރިން ކިރުވައި މަހަށް ފައިސާ ނުދީ، މަސްވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިކުރުވައި، މަސްވެރިންނާ އޮޑިވެރިން ވެސް މުޒާހަރާ ކުރަން މަގުމައްޗަށް ނެރުވާފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓު ލިބުނު މީހުންނަށް އެތަންތަން ނުދެއްވާ ދޮޅުއަހަރަށްވުރެ ގިނަ ދުވަހު އެމީހުން ގަނަތަޅުވައި، ރުޅިއަރުވައިގެން އެމީހުން ވެސް ވަނީ މުޒާހަރާއަށް މަގުމައްޗަށް ނެރުވާފައެވެ.
ސިއްހީ ޚިދުމަތުގެ ހާލަތު ވެސް އޮތީ މިކަހަލަ ގޮތަކަށެވެ.
ކުރިން ބަރާބަރަށް ލިބެމުންއައި، އާސަންދައިގެ ޚިދުމަތް ނުލިބިގެންނާއި، ތެލެސީމިއާ ކުދިންނަށް ގަވާއިދުން ލިބުންއައި ޚިދުމަތްތައް ނުލިބި އާސަންދަ އޮފީސް ދޮރުމަތީގައާއި، ތެލެސީމިއާ ސެންޓަރުގެ ދޮރުމަތީ މުޒާހަރާ ކުރަން ޖެއްސި މީހުންގެ އަދަދު މަދެއް ނޫނެވެ. އަދި ބޭސް ސިޓީ ހިފައިގެން، ބޭސް ނުލިބިގެން މަގު މައްޗަށް ނުކުންނަން ޖެއްސީވެސް މަދު ބަޔަކަށް ނޫނެވެ.
އިންސާފު ހޯދުމުގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާއެވެ.
ދުވަހަކު މުޒާހަރާއެއް ކުރަން މަގުމައްޗަށް ނުނިކުންނަ ޒުވާންފުރާގެ ކުދިންނަށް ވެސް އިންސާފު ހޯދަން ޖެހުމުން ނުކުންނަން ޖެއްސީ މަގުމައްޗަށެވެ. އަދި ޒަކިއްޔާގެ މަރުގެ މައްސަލާގައި އިންސާފު ހޯދައި ނުދީ ނ.ހޮޅުދޫ ރައްޔިތުން މަގުމައްޗަށް ނެރުވިއިރު، ޔުމްނު ރަސީދުގެ މައްސަލާގައި އެތައް ސަތޭކަ ޒުވާނުންނެއް ނުކުންނަން ޖެއްސީ މާލޭގެ މަގުމައްޗަށެވެ.
ތައުލީމީ ދާއިރާ ވަކި ސަހަލެއް ނޫނެވެ.
ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް، ޓީޗަރުން ނުލިބުމާއި، ރަނގަޅު ޕްރިންސިޕަލުން ފޮނުވާލުމުގެ މައްސަލައާއި، އޭލަވަލްއަށް ކިޔަވައިދިނުމުގެ ހުއްދަ ނުދިނުމުގެ މައްސަލަތަކާއެކު ބެލެނިވެރިން ނުކުމެ ގޭޓުގައި ތަޅުއަޅުވަން ޖެއްސީ މަދު ރަށެއްގައި މަދެއްކޮށެއް ނޫނެއެވެ.
އެއްބަޔަކު ރަށުގެ މަޝްރޫއުތައް ނުހިނގާގެން މަގުމައްޗަށް ނުކުމެ، މުޒާހަރާ ކުރަން ޖެއްސިއިރު، އަނެއް ބަޔަކު މަގުމައްޗަށް ނުރުނީ ޑޮލަރު ތާށިކޮށްގެންނެވެ.
ލާމަރުކަޒީ ނިޒާމު ފުނޑާލާ މުޅި ގައުމުގެ ހިންގުން، ސަރުކާރުގެ މުށުތެރެއަށްލާ، ކައުންސިލަރުން ރުޅިއަރުވައިގެން މަގުމައްޗަށް ނެރެ، މުޒާހަރާ ކުރަން ޖެއްސުމަށްފަހު، ދެން ދިމާކުރީ ނޫސްވެރިންނާއެވެ. މިނިވަން ނޫސްވެރިކަން ތަޅުލައި، ނޫސްވެރިކަން މަރާލާނެ ބިލެއް މަޖިލީހަށް ހުށަހަޅައިގެން އެންމެ ފަހުން ނޫސްވެރިން ވެސް މަގުމައްޗަށް ނެރުވީއެވެ.
ގައުމުގައި މަނިކުފާނާ ދެކޮޅަށް މަގުމައްޗަށް މިހާރު ނުނިކުމެ ތިބީ މަނިކުފާނުގެ ކެބިނެޓް އެކަންޏެވެ. ތިޔަ އުޅުއްވަނީ ފަސް އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން މުޒާހަރާ ކުރަން މަގުމައްޗަށް ނެރުވުމުގެ ރިކޯޑެއް ހައްދަވައި ހިތްޕުޅުން ކަމަށްވާނަމަ ކޮންމެވެސް އެއްޗެއް ހައްދަވައިގެން މަނިކުފާނުގެ ކެބިނެޓް ވެސް ރުޅިއަރުވާލައިގެން އެމީހުން ވެސް މަގުމައްޗަށް ނެރުއްވާށެވެ. އޭރުން ހުންނާނީ ތިޔަކަމުން ވެސް ރިކޯޑެއް ހެއްދެވިފައެވެ. މަނިކުފާނަކީ ގަދަ ބޭފުޅެކެވެ. ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއެވެ؟