ރައީސް މުއިއްޒު ގެ ސަރުކާރުން އީޕީއޭ ގެ ނަން ބަދަލުކޮށް، ސިޔާސީ ބާރު ސީދާ ހިނގާ ތަނަކަށް ހަދައި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު ހީނަރު ކުރުމާއެކު ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ ޚަލީލު، އީޔޫ ގެ ސަފީރު މޮރިނޯ ރޭމުންޑޯ އާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޚަލީލް، ޔޫރަޕިއަން ޔޫނިއަން އިން ދިވެހިރާއް ޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މާރިއާ ކާމެން މޮރިނޯ ރޭމުންޑޯ އާ ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގައެވެ. މިއީ އީޔޫ ގެ ސަފީރު ދިވެހިރާއްޖެ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލް އަދި ސަފީރު މޮރިނޯ ވާހަކަފުޅު ދެއްކެވީ ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުންނާއި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިތުރަށް އެއްބާރުލުން ބަދަހި ކުރެވިދާނެ މުހިންމު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން، ހެޔޮވެރިކަން ކުރިއެރުވުމާއި، ޑިމޮކްރަސީ އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ.
ހުސްވި ހަފްތާތެރޭގައި، ސަރުކާރުން އިސްނަގައިގެން އީޕީއޭ އުފެއްދުމުގެ މަގްސަދު ގެއްލޭ ގޮތަށާއި ހިންގުމަށް ސިޔާސީ ނުފޫޒު އިންތިހާއެއް ފޯރުވޭ ގޮތަށް އިދާރީ އޮނިގަނޑު ބަދަލުކުރުމަކީ ތިމާވެށި ހިމާޔަތްކުރުމަށާއި ދޭ އަހައްމިޔަތު ކުޑަކަން ފާހަގަވާ ކަމެއް ކަަމަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި އިދާރާގެ ނަން ބަދަލުކޮށްފައިވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް ދީފައިވާ އަހައްމިއްޔަތުކަން ނިޒާމުންވެސް ގެއްލުވާލާފައިވާތީ އެކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.