ރައީސް މުހައްމަދު މުއިއްޒު ކެންދޫ އަށާއި ކުޑަރިކިލަށް ވަޑައިގެންނެވި އިރު މަރުހަބާގެ ސަފުގެ ފަހަތައް އަރައިގެން ވިޔަސް ހިފަހައްޓާ، ކަންކަން ހިއްސާ ކުރީ ރައީސް އާ ބައްދަލުވާނެ އެހެން ގޮތެއް ނޯންނާތީ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ކެންދޫ އަދި ކުޑަރިކިލަށް ވަޑައިގަތުމުން މައުރޫފް ވަނީ އެ ރަށްރަށަށް އަމިއްލަ ގޮތުން ދަތުރު ކުރައްވާ އާންމު ރައްޔިތުންނާއެކު މަރުޙަބާގެ ސަފަށް އަރުއްވާ ރައީސް މުއިއްޒު އާ ބައްދަލު ކޮށްފައެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެމްބަރު މައުރޫފް ރައީސް މުއިއްޒު އާ އެ ދެރަށުން ބައްދަލު ކުރައްވާ ވީޑިއޯ ސޯޝަލް މީޑިއާ ގައި އާންމުވެފައިވީ ނަމަވެސް، ރައީސް އާ ބައްދަލުވެގެން މައުރޫފް ދެއްކެވީ ކޮން ވާހަކަ އެއް ކަމެއް އޮތީ ސާފު ވާ ގޮތް ނުވެފައެވެ.
މުއިއްޒު އާ ބައްދަލު ކުރައްވާ ދެއްކެވީ ކޮން ވާހަކަ އެއްތޯ މި ނޫހުން ސުވާލު ދެންނެވުމުން، މަޖިލީހުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މައުރޫފް ވިދާޅުވީ، މި ރަށްރަށުގެ ރައްޔިތުން އަތްވަށް ނުކުމެ މިތިބީ ތަރަށްގީ އަށް އުންމީދު ކޮށްގެން ކަމާއި، މި ރަށްރަށުގައި ހުއްޓިފައި ވާ މުހިންމު އަސާސީ ޕްރޮޖެކްޓްތަށް ނިންމައި ދެއްވުމަށް އެދުނިން ކަމަށެވެ.
"އަޅުގަނޑު ދެންނެވިން، އަދި ނުފުއްދޭ ވަރުން ވައުދު ނުވުމަށް."
މައުރޫފް ވިދާޅުވީ އެ ލިބުނު ވަގުތު ކޮޅުގެ ތެރޭގައި، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުޑަރިކިލުގެ ނަރުދަމާ މަސައްކަތް ނިންމައި ދެއްވުމަށާއި، ކެންދޫ ގެ ހުކުރު މިސްކިތުގެ މަސައްކަތް ކުރިޔަށް ނުދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑު ކަމަށާއި އަދި މަގުތަކުގައި ފެން ހެދުމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ހާއްސަކޮށް އެދިފައި ވާނެ ކަމަށެވެ.
"އަދި މިގޮތަށް ސަފުގެ ފަހަތުން ނަމަވެސް ބައްދަލުކޮށް ހިފަހައްޓާ ކަންކަން ހިއްސާކުރަން މި ޖެހެނީ ރައީސްއާ ބައްދަލުވާނެ އެހެން ގޮތެއް ނެތިގެންކަން ވެސް ދެންނެވިން،" ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ގެ ވާހަކަތަކަށް ރައީސް ގެ ޖަވާބަކީ ކޮބާތޯ ދެންނެވުމުން މައުރޫފް ވިދާޅުވީ، "މި އުޅެނީ ތިކަމާ، ބައްދަލު ވާނެ، އެހެންވެ މިރަށް ރަށަށް މި އަންނަނީ،" އެހެން ރައީސް ވިދާޅުވި ކަމަށެވެ.