Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 21:05
ބ. ފެހެންދޫ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުން
ބ. ފެހެންދޫ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ފެހެންދޫ
ފެހެންދޫ ރައްޔިތުންނަށް ރައީސް ވިދާޅުވީ ފެށިފައި އޮތް ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަނީ ރަށް ކުޑަވީމާ މަސައްކަތް ކުރާނެ މީހުން ނުލިބޭތީ ކަމަށް
ފެށިފައި އޮތް ފެނާ ނަރުދަމާގެ މަސައްކަތް އަަވަސް ކުރަން ބިދޭސީން ހޯދަން އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި
ރަށަށް ބޭނުންވާ ޓީޗަރުން ހޯދުމަށް ސަރުކާރާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވިދާޅުވި
ރަށުގައި ފުޓްބޯޅަ ދަނޑާއި، ވޮލީ ކޯޓާއި، އައުޓްޑޯ ޖިމް ފަދަ ކުޅިވަރު ވަސީލަތްތައް މި އަހަރު ޤާއިމުކޮށްދޭނެ

ބ. ފެހެންދޫގައި ފެށިފައި އޮތް ފެނާ ނަރުދަމާގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށާއި އެކަން ރަށް ކުޑަވީމާ ރަށުތެރެއިން މަސައްކަތް ކުރާނެ މީހުން ނުލިބޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ،

ބ. ފެހެންދޫ އަށް އަންގާރަ ދުވަހު ވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވާ ރިޔާސީ ވައުދުތައް ފުއްދުމުގައި ކަންކަން ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ވާހަކަ ފުޅު ދެއްކެވެިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މީގެތެރެއިން ވަރަށް ގިނަ ކަންކަން ފެށޭ ހިސާބަށް ގެނެވި އަދި ކުރިޔަށް އޮތް ދުވަސްތަކުގައި، ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލާއި، މުއައްސަސާތަކާ އެކީގައި ބޭއްވުނު ބައްދަލުވުމުގައިވެސް ފާހަގަކުރެވިގެންދިޔައީ ރަށުގައި ފެށިފައި އޮތް ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިޔަށް ގެންގޮސް ނިންމާލުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެމް.ޑަބްލިޔޫ.އެސް.ސީ.އިން މިހާރު ތަކެތި ގެނެސް، މަސައްކަތް ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ވެފައި ވާ ކަމަށާއި، މަސައްކަތް ކުރާނެ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތުގައި، ތަންކޮޅެއް ގިނަދުވަސް ވެގެން ދިޔައީ ކަމަށެވެ.

"މިރަށު ތެރެއިން މީހުން ހޯދުމަކީ، ތަންކޮޅެއް އާބާދީ ކުޑަވީމާ، ދަތިކަމަކަށް ވަނީ. އަޅުގަނޑު މިހާރު ހުއްދަ ދީފައި ވާނެ، ބޭރު މީހުން ހޯދައިގެންވިޔަސް، އަވަހަށް މަސައްކަތް ފަށަން. އަޅުގަނޑު ޔަޤީންކަންދެން، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީގޮތުން މި ދެ މަޝްރޫޢު ނިންމުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ،" މުއިއްޒު ވިދާޅުވިއެވެ.ވަރަށް ގިނަ އެހެން މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށްވެސް އެމަނިކުފާނު ވާނީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައި ކަމަށާއި، އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ގެންދަނީ، ފެހެންދޫ ގައި ޤާއިމުވެ ތިބޭނެ ޓީޗަރުން ލިބޭތޯ ވަރަށް މަސައްކަތް ކުރަމުން ކަމަށާއި އެކަމުގައި ރަށުގެ ރައްޔިތުންނަށް އަދި ސްކޫލަށް ކޮށްދެވޭނެ ކަމެއްވާނަމަ، ސަރުކާރުގެ ސިޔާސަތަކީ، ހަމަ ހުރިހާ ކަމެއް، އެންމެ އިސްކަމެއްދީގެން ކޮށްދީ، ރަށުގައި ގްރޭޑް 6 ން މަތީގެ ކުދިންނަށް ކިޔަވައިދިނުމުގައި، މި ބޭނުންވާ ޓީޗަރުން ހޯދުމުގައި، ޚާއްޞަ އިސްތިސްނާއެއް ގޮތުގައި އިސްކަންދީގެން، އެކަން ފަހިކޮށްދިނުން ކަމަށެވެ.ރައީސް ވިދާޅުވީ، ޓީޗަރެއް ނެތީވިއްޔާ، ރަށުގެ ކުދިންނަށް ބޭނުންވާ ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ފެންވަރަށް ޓީޗަރ ޓްރޭނިންގ ދޭންވެސް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. ރައީސް ވިދާޅުވީ ޓީޗަރުން ހޯދުމުގެ ކަންކަމުގައި "އެންމެން ގުޅިގެން މިކަމުގައި މަސައްކަތްތަކެއް ކޮށްލުމަކީ، އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން ކުރަންވީ ކަންތައް،" ކަމުގައެވެ. ރައީސް ވިދާޅުވީ އެންމެންނަށް އެކުގައި މިކަމުގައި މަސައްކަތްތައް ކުރެވިއްޖެ ނަމަ އެ ވައުދު ފުއްދޭނެ ކަމަށެވެ.ޞިއްޙީ ދާއިރާއަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި، ރަށަށް ބޭނުންވާ ޞިއްޙީ ޚިދުމަތް ޤާއިމު ކޮށްދިނުމަށް، އެ މަޝްރޫޢު މިހާރު އޮތީ އިޢުލާނު ކުރެވިފައި ކަމަށާއި މި އަހަރުގެ ތެރޭގައި، މި މަސައްކަތް ޢަމަލީގޮތުން ފެށިގެންދާނެ ކަމަށެވެ.ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ދަނޑެއް، ފުލް ސައިޒުގެ ފުޓްބޯޅަ ދަނޑެއް، ލައިޓްޖެހުމާ އެކީގައި، ހުރިހާ ކަމެއް ފުރިހަމަވެފައިވާ ފުޓްބޯޅަ ދަނޑެއް ހަދައިދިނުމާއި، އަދި މި ރަށުގައި އެޅިފައިވާ ފުޓްސަލް ދަނޑުގެ ޕިޗު އާކޮށްދިނުމާއި، އަދި ވޮލީ ކޯޓެއް އަޅައިދިނުމާއި، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކޮށްދިނުމާ، މި ހަތަރު މަޝްރޫޢު މި އަހަރު ފަށައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.އައުޓްޑޯ ޖިމެއް ޤާއިމުކުރުން ކުރިއަށްދާނެ ކަމަށާއި ކުޑަކުދިންގެ ޕާކް ހަދައިދިނުންވެސް މި އަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ ހުސް އަޅުގަނޑު ވެފައިވާ ވަޢުދު.....އެހެންވީމާ، މި ހުރިހާ ކަމެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން." މުއިއްޒު ވިދާޅުވިއެވެ.އޭގެ އިތުރުން މިސްކިތެއް އެޅުމަށް މި އަންނަ އަހަރުގެ ބަޖެޓަށް މިހާރު ޕްލޭންކޮށްފައި އޮތް ކަަމަށާއި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މިސްކިތެއް އަޅައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބަނދަރު ނުވަތަ ޖެޓީ އަދި ރަށްގިރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުން މަސައްކަތްތައް ކޮށްދޭ ގޮތައް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ."ދެން ބަނދަރު، ނޫނީވިއްޔާ ޖެޓީގެ މި ދިމާވެފައިވާ މައްސަލަ ޙައްލުކުރުންވެސް އެބައޮތް. ރަށްގިރުމުގެ މައްސަލަ ޙައްލުކުރުންވެސް އެބައޮތް. އެހެންވީމާ، މިއީ ތަންކޮޅެއް ބަޖެޓް ބޮޑުކޮށް ހިނގާ މަސައްކަތްތަކެއް. އެހެންނަމަވެސް، އެއީވެސް އަޅުގަނޑު ވަޢުދުގައި އޮތް ކަމެއް ކަމުގައިވާތީ، އެ މަޝްރޫޢުވެސް ޕްލޭން ކުރެވިފައިވަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕްލޭން ކުރަނީ، އެންމެ ލަސްވެގެން މި އަންނަ އަހަރު ބަޖެޓަށް ލައިގެން، މިއަންނަ އަހަރު އެކަން ޙައްލުކޮށްދިނުމާ އެކީގައި، ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލެއް ގެނައުމުގެ މަޝްރޫޢު ކުރިއަށް ގެންދަން،" މުއިއްޒު ވިދާޅުވިއެވެ."އަޅުގަނޑުވީ ހުރިހާ ވަޢުދެއްގެ ކަންތައް މި ދަންނަވާލެވުނީ. ކުރިއަށްގެންދަން ނިންމާފައިވާ ގޮތް. އަދި އެގޮތަށް ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިދިނީ،" ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް ރަށުގެ ރައްޔިތުންނަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް