އޭދަފުށީގައި ތަރައްޤީ ކުރުމަށް ސޮއިކުރި، 1000 ހައުސިންގ ޔުނިޓު ޤާއިމު ކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓާ، މި ދައުރުގެ ތެރޭގައި ނިންމަވާނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މިހެން ވިދާޅުވި އިރު، އޭދަފުށީގައި 1،000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ޗައިނާގެ ސިނޯހައިޑްރޯ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރައީސް އޮފީހުގައި ބޭއްވީ 16 ނޮވެމްބަރު 2024 ގައެވެ.
ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިއީ ހުސްވި އަހަރުގެ މޭ 8 ވަނަ ދުވަހު ދެފަރާތުން ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގެ ދަށުން ފެށިފައިވާ އެކިއެކި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 15 ބުރީގެ 12 އިމާރާތް އެޅޭނެ ކަމަށާއި، އޭގެ ތެރޭގައި 336 ތިން ކޮޓަރީގެ އަދި 672 ދެ ކޮޓަރީގެ ފްލެޓް ހިމެނޭނެ ކަމަށެވެ. އަދި އޭދަފުށި ވެގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ ކުރަމުންދާ އާބަން ސެންޓަރުތަކުގެ ތެރެއިން މުހިންމު ތަރައްޤީގެ މަރުކަޒަކަށް ކަމަށެވެ.
އޭގެ އިތުރުން 2024 ވަނަ އަހަރު ގެ މާރޗު މަހު އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި، ރައީސް ޑރ. މުޢިއްޒު އެރަށަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ ކުރަމުންދާ 40،000 ގޭގެ މަޝްރޫޢުގެ ތެރެއިން އިސްކަންދޭ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަރުކާރުގެ 2025 ވަނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް އަމާޒުކޮށްފައިވާ ބަޖެޓެއް ކަމުގައެވެ.
އޭދަފުށީގެ ހައުސިންގ މަޝްރޫއުގައި ޗައިނާގެ ކުންފުންޏަކާ އެކު ސޮއި ކުރިތާ ގާތްގަނޑަކަށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން ރައީސް މުއިއްޒު އޭދަފުއްޓަށް ވަޑައިގެންނެވި އިރު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް އެރަށުގައި ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ މި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރާ ކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓާނޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރުގެ ޚިދުމަތް ދޭ އޭ.ޓީ.އެމް އެއް ޤާއިމު ކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަލަށް ގޯތި ދޫކުރާ ސަރަޙައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، މި އަހަރާއި އަންނަ އަހަރު ވުނަ ކުރައްވާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ވެސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
އޭދަފުށީގެ ހިއްކި ސަރަޙައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ. ވުމާއެކު، ބޭނުން ނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ޙައްލު ކުރައްވާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭދަފުށި ވެސް ހިމެނޭހެން، ކޮންވެންޝަން ސެންޓަރުތައް ޤާއިމު ކުރައްވާނޭ ކަމަށް ވަޢުދު ވެވަޑައިގެންފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ މި ދަތުރުފުޅުގައި ވަނީ އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީގޮތުން އޭދަފުށީގައި ފައްޓަވައި ދެއްވާފައެވެ. އަދި ހޯމަ ދުވަހުގެ ރޭ ގެ ބައްދަލުކުރެއްވުމުގައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ޤާއިމު ކުރުމުގެ އެއްބަސްވުމުގައްޔާއި ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.