ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 17:49
އަބްދުﷲ އަޝްރަފް (މެދުގައި) ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގެ ވެރިޔާ ކަމުން ދެ ފަހަރު އޭނާ ވަކިކުރި
އަބްދުﷲ އަޝްރަފް (މެދުގައި) ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގެ ވެރިޔާ ކަމުން ދެ ފަހަރު އޭނާ ވަކިކުރި
ރާއްޖެއެމްވީ
އެމްއެމްއޭ
ޔާމީން ވެރިކަމުގައި ވެސް މުއިއްޒު ވެރިކަމުގައި ވެސް ޚިޔާނާތާ ދެކޮޅަށް އުޅުމުން ބުރައިގެން ދިޔައީ އަޝްރަފް!
ރާއްޖޭގެ މަނީ ލޯންޑްރިންގ ވޮޗްޑޯގް - އެފްއައިޔޫގެ އެންމެ އިސްވެރިޔާ ދެފަހަރެއްގެ މަތިން ކުއްލި ގޮތަކަށް ވަކިކޮށްލެވުނީ، ގައުމުގެ އެންމެ މަތީ ފަންތީގެ ބޮޑެތި މީހުންނާ ގުޅުންހުރި ޚިޔާނާތުގެ މައްސަލަތައް ބަލަން ފެށުމުންނެވެ. ބާރުވެރިންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު މަސައްކަތް ކުރަން އުފެއްދި މުއައްސަސާއެއް ކަމުގައިވީ ނަމަވެސް، އެފްއައިޔޫގެ މިނިވަންކަން ގެއްލި، އެތަނުގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާކަން މި ދެ ހާދިސާ އިން ސާފުވެއެވެ.

މޯލްޑިްވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަކީ ވަކި ގާނޫނެއްގެ ދަށުން ޚިޔާނާތުގެ އަމަލު ތަކަށް ފާރަވެރިވުމުމަށް އުފައްދާފައިވާ މިނިވަން ކަމާ އެކު މަސައްކަތް ކުރަން ޖެހޭ އޮފީހެކެވެ.

އެހެން ނަމަވެސް ނިސްބަތުން ވަރަށް ގާތްތާތުގައި ފެނިގެން މިދައީ، އެފްއައިޔޫގެ ވެރިޔަކަށް ހުއްޓާ ދެފަހަރެއްގެ މަތިން އަބްދުﷲ އަޝްރަފް ކުއްލި ގޮތަކަށް ބޭރުކޮށްލި ތަނެވެ.

ދެ ފަހަރުވެސް ތަހުގީގުގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭ ފަރާތްތަކުގެ ތެރޭގައި ގައުމުގެ އެންމެ މަތީ ވެރިޔާ ހިމެނެއެވެ.

ފުރަތަމަ 2018 ވަނަ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން އާ ގުޅުންހުރި ޝައްކުވާ ޒާތުގެ ފައިސާގެ މުޢާމަލާތްތަކެއްގެ ރިޕޯޓެއް ތައްޔާރު ކުރިތަނުން އެފްއައިޔޫ ގެ ވެރިކަމުން އަބްދުﷲ އަޝްރަފް ކުއްލި ގޮތަކަށް ވަކިކުރި އެވެ.

އެއާ އެކު މި ގޮތައް އަޝްރަފް ވަކިކުރަން ނިންމީ ކީއްވެތޯ ގަވަރުނަރު އަހްމަދު ނަސީރުއާ ސުވާލު ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މައްސަލަ ހުށަހެޅުއްވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރަށް އީވާ ފޮނުއްވި ސިޓީއެއްގައި، ވަނީ އެފްއައިޔޫގެ އޭރުގެ ވެރިޔާ ޢަބްދުﷲ އަޝްރަފް ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކުއްލި އަކަށް ކަމުގައި ބުނެފައިވެއެވެ.

17 ފެބްރުއަރީ 2019 ގެ ތާރީޚުގައި އީވާ ލިޔުއްވާފައިވާ ގޮތުގައި، އަޝްރަފް ވަޒީފާވއިން ވަކިކޮށްފައިވވަނީ، އެފްއައިޔޫ އިން ރައީސް ޔާމީން ގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެކައުންޓަކުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެސްކްރޯ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޓްރާންސްފަރ ކުރުމުގެ މައްސަލަ އެފްއައިޔޫ އިން އޭސީސީ އަށް ހުށަހަޅާފައި ވަނިކޮށް ކަމަށާއި އަދި ޔާމީންގެ ކެމްޕޭނަށް ފައިސާ ހޯދުމާ ގުޅޭ މައްސަލައެއް އެފްއައިޔޫ އިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފަައި އޮއްވާ ކުއްލި ގޮތަކަށް އެކަށީގެންވާ ސަބަބެއް ނެތި އަޝްރަފް ވަކި ކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމު ގައި ހުންނެވި އަހްމަދު ނަސީރު އާއި ޢަބްދުﷲ އަޝްރަފް އަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ސުވާލު ކުރިއެވެ. މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރީ އެމްއެމްއޭ ގައި މިނިވަން އޭޖެންސީ އެއްގެ ގޮތުގައި ހިންގަންޖެހޭ މަނީ ލޯންޑަރިންގ ވޮޗްޑޯގް އެފްއައިޔޫ ގެ މަސައްކަތަށް ގަވަރުނަރު ނުފޫޒު ފޯރުވާފައިވާ ކަމަށް އަޝްރަފް ތުހުމަތުކުރުމާ ގުޅިގެންނެވެ.

އަޝްރަފް ވަނީ އޭރުގެ ރައީސް ޔާމީންއާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގައި އޭނާގެ ވާޖިބު އަދާކުރުމަށް ނަސީރު "ހުރަސް އަޅާފައިވާ" ކަމަށް ތުހުމަތު ކޮށްފައެވެ. އެއީ އޭސީސީން ޤާއިމުކުރި އެސްކްރޯ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޓްރާންސްފަރ ކުރި މައްސަލަ އާއި، ރިޔާސީ އިންތިޚާބުގެ ދުވަސްކޮޅެއް ކުރިން ޔާމީންގެ އަމިއްލަ ބޭންކު އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެވެ.

އަޝްރަފް މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކުގެ ރެކޯޑް ތަކުން އެނގޭ ގޮތުގައި އެފްއައިޔޫ ގެ މަސައްކަތައް ވަރަށް ބޮޑަށް އެމްއެމްއޭގެ އެންމެ އިސްވެރިޔާ ގެ ފަރާތުން ނުފޫޒް އައިސްފައި ވެއެވެ.

އަނެއް ކޮޅުން މަޖިލީހުގައި އަޝްރަފް ދެއްކި ވާހަކަ އިން ރައީސް ޔާމީން އާ ބެހޭ ތަހުގީގު ރިޕޯޓު ގަވަރުނަރަށް ނުދަންނަވާ ފުލުހަށް ފޮނުވާލުމުން ވެސް ގަވަރަނުނަރު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އަޝްރަފް މަޖިލިހަށް އޭރު ކިޔައިދިން ގޮތުން ގަވަރުނަރު ވަނީ އޭނާ އާ ވަކިން އޮފީހުގައި ބައްދަލުކޮށް އޭރު އިންތިޚާބު ބޯމަތިވެފައި އޮތުމާއެކު އިންތިޚާބު ނިމެންދެން އެއްވެސް މައްސަލަ އެއް، ޚާއްޞަކޮށް ހައި-ޕްރޮފައިލް މައްސަލަތައް ނުފޮނުވުމަށް އަޝްރަފް ގާތު ގަވަރުނަރު އެދިވަޑައިގަނެފައެވެ.

އެހެން ނަމަވެސް މި ނުފޫޒަށް ބޯ ނުލެނބުމުގެ ނަތީޖާ އަކަށް ވީ ގަވަރުނަރު ބައްދަލު ކުރެއްވި ދުވަހު ނޫން އައަނެއް ދުވަހު އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކި ކޮށް އެހެން މަގާމަކަށް ބަދަލު ކުރުމެވެ.

އެހެން ނަމަވެސް ވެރިކަން ބަދަލުވި ފަހުން، ފެބްރުއަރީ 2023 ގައި އޭނާ އަލުން އެފްޔޫއައިގެ ވެރިޔާގެ މަގާމަށް ބަދަލު ކުރިއެވެ.

ތާރީޚަކީ އިއާދަވާ އެއްޗެކޭ ބުނާ އުސޫލުން އަނެއްކާ ވެސް ހައިޕްރޮފައިލް މައްސަލައެއް މިއޮތީ ކުރިމަތިވެފައިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަށް ނާޖާއިޒް ބޮޑެތި މާލީ މަންފާތަކެއް ކުންފުނިތަކުންނާއި އޮފީސްތަކުގެ ތެރެއިން ލިބިފައިވާ ކަން ހާމަވާ އެފްއައިޔޫ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ވަނީ ސޯޝަލް މީޑިއާގައި ހާމަވެފައެވެ. 24 ސަފްހާގެ މި ރިޕޯޓު ކިޔާލުމުން މެމްބަރު ޝުޖާއުއާ ގާތް ގުޅުމެއް އޮންނަ ކުންފުންޏަކަށް މާލޭ ސިޓީ ކައުންސިލުން އެންމެ އަހަރެއްގެ ތެރޭގައި އެތައް މިލިއަން ރުފިޔާ ލިބިފައި ވާއިރު އެކަންކަން ހިނގަމުން ދިޔައީ ޝުޖާއު ކައުންސިލަރު ކަމުގައި ހުންނަވާ އަދި މޭޔަރު ކަމުގައި މިހާރުގެ ރައީސް ކަމުގައި ހުންނެވި މުއިއްޒު ހުންނަވައިގެން ކަމާއި، ފަހުން މުއިއްޒު ރައީސް ކަމުގެ ހުވައި ކުރެއްވި ރަސްމިއްޔާތުގެ އިންތިޒާމުތަކަށް ސަރުކާރު ކުންފުންޏެއް މެދުވެރިކޮށްގެން ޝުޖާއު ގެ ކުންފުންޏަށް ފައިސާތައް ޗެނެލް ގޮތް ހެދި އިރު ވަށައިގެން މި ތިއްބެވީ ހަމަ އެ ހައިޕްރޮފައިލް ބޭބޭފުޅުންނެވެ.

2018 އެކޭ، 2025 އެކޭ ތަފާތެއް ނެތެވެ. އަހަރުތައް ބަދަލުވިޔަސް ހިނގަނީ އެއް ކަމެކެވެ. އަނެއްކާ ވެސް އެ ވިދާޅުވާ "ހައި ފްރޮފައިލް" ކޭސް އެއް ފެންމަތިވުމާއެކު އެފްއައިޔޫގެ ވެރިޔާ އެ ދިޔައީ ބުރައިގެންނެވެ. މިފަހަރު ވެސް ހަމަ ކުއްލި އަކަށެވެ. އެ ފަހަރުވެސް މިފަހަރު ވެސް އެފްއައިޔޫ ގެ ވެރިޔާ ބަދަލު ކުރީ ހިންގުން ރަނގަޅު ކުރުމަށް ކަމަށަ ބުނެއެވެ.

- ކޮމެންޓް