އެތައް ލައްކަ ރުފިޔާ އެއް ޚަރަދު ކޮށްގެން ހަވާ އަރުވާ ކުލަ ބޮކިތަކާއެކު ބޭއްވި ބޮޑު ރަސްމިއްޔާތުގައި ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ބިލްޑިންގެ މަސައްކަތް ނުނިމޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޓާމިނަލް ގެ މަސައްކަތްތައް ހިނގަމުންދާ ގޮތް އެނގޭ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތު ކޮށް މައުލޫމާތު ދެމުން ބުނީ، އެ އިމާރާތް ސަރުކާރުން ހުޅުވީ އެތަނުގައި ކުރަން ޖެހޭ އެތައް ކަމެއް ހުއްޓާ އެއް ގޮތަކަށް ވެސް ތަން ފުރިހަމަ އަށް ނިންމައިގެން ނޫން ކަމުގައެވެ.
"12 އެއިރޯ ބްރިޖް ހުރި އިރު ގިނަ ތަންތަން އަދި ނުވެސް ނިމޭ، މަދު ތަނެއް މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.
އައު ޓާރމިނަލް ބިލްޑިން ހުޅުވުނު ކަމުގައި ވިޔަސް ޚިދުމަތް ދެނީ ވެސް ހަމަ އެކަނި މޯލްޑިވިއަން އެއަރލައިން އަށް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މައުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި އެއަރޕޯޓުގެ ޓާރމިނަލް އިމާރާތުގެ މަސައްކަތްތައް ނިންމަން އަދިވެސް މަސްތަކެއް ނަގާނެއެވެ.
އެއަރޕޯޓް ހިންގާ ކުންފުނީ އެމްއޭސީއެލް އިން ބުނެފައި ވަނީ އެއަރލައިން ތަކަށް ޚިދުމަތް ދޭން ފަށާނީ، ސެޕްޓެމްބަރު މަސް ނިމޭ ހިސާބުގައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ޓާމިނަލް ގެ މަސައްކަތްތަކުގެ ބޮޑު ބައި ނިންމާފައި ވާއިރު، އެ އިމާރާތަކީ މި ސަރުކާރުން ހެދި ތަނެއްގެ ގޮތުގައި ދެއްކުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމާއި، ޑްރޯން ޝޯވ އާއި ތިއެޓްރިކަލް ހުށަހެޅުންތައް ފެނިގެން ދިޔަ އިރު، "ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު" ޑްރޯން ބޭނުން ކޮށްގެން ދައްކާލާފައި ވެއެވެ.
އަނެއްކޮޅުން ބޮޑު ޚަރަދު ކޮށްގެން ހަފްލާ ބާއްވާތީ ސޯޝަލް މީޑިއާ ގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
ބައެއް ފަރާތްތަކުން ބުނެފައި ވަނީ ދުނިޔޭގެ އިޤްތިޞާދު، އަދި ވަކިން ޚާއްޞަ ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދު ނާޒުކު ފައްތަރެއްގައި އޮއްވައި، ރަޢްޔިތުންގެ އަސާސީ ބޭނުންތައް ވެސް ފުއްދައި ނުދެވި، ބޮޑެތި ލޯނުތަކެއް ދައްކަންޖެހިފައިވާ މިދަނޑިވަޅުގައި ސަރުކާރުން އިސްރާފު ކުރަނީ ކަމުގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ވަށައި 19 ދިމާލަކުން ހަ މިނެޓަށް ހަވާ އެރުވި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އެރުވި ކަމަށެވެ.
ހަވާ ބަލަން ގިނަ އަދަދެއްގެ ބަޔަކު ދިޔަ ކަމުގައި ވީނަމަވެސް ގިނަ މީހުން ބުނީ، މިހާ ފީކަޅާ ހަވާ ޝޯވ އެއް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
"މިހާ ފީކަޅާ ހަވާ ޝޯވ އެއް އަދި ނުދެކެން،" މަންޒަރު ބަލަން ހުރި މީހަކު ބުންޏެވެ.
ފެނުނު އަލިތަކަށް ވުރެ ބޮޑު ދުންބޮނޑިއެއްގެ ގޮތައް މުޅި ސަރަހައްދަށް ދުންތައް ފެތުރިގެން ދިޔައިރު، އެކަމަށް ވެސް މީހުން ވަނީ ފާޑު ކިޔާފައެވެ.
"ހީވީ ތަނެއްގައި ރޯވެގެން އުޅޭ ހެން،" ހަވާ ބަލަން ދިޔަ މީހަކު ސޯޝަލް މީޑިއާ ގައި ލިޔެފައިވާ ކޮމެންޓެއް ގައި ބުނެފައި ވެއެވެ.
ހޮނިހިރު ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައި ދެއްވި އައު ޓަރމިނަލަކީ ސައުދީ އަރަބިއްޔާ ގެ ސަރުކާރުންނާއި އޮފިޑް ފަންޑުގެ އެހީ ގައި ސައުދީ ބިން ލާދިން ގުރޫޕުން ތަރައްގީ ކުރި އިމާރާތެކެވެ. މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރީ ސިންގަޕޫރުގެ ކުންފުންޏެކެވެ.
އައު ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނަ ގޮތައް ފަރުމާ ކުރެވިފައި ވާއިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ބަހައްޓާ ގޮތައް ވަނީ ހަމަޖެހިފައެވެ.
އައު ޓާމިނަލް ފުރިހަމަ އަށް ނިމޭ އިރު ފުރާ މީހުންނަށް ޙާއްސަކޮށް 20 އަށް ވުރެ ގިނަ އިމިގްރޭޝަން ކައުންޓަރާއި، 6 އީގޭޓް ހުންނާނެއެވެ. އަދި އެރައިވަލް ނުވަތަ އަންނަ މީހުންނަށް ޙާއްސަކޮށްގެން 28 އިމިގްރޭޝަން ކައުންޓަރާއި 7 އީ ގޭޓު ހުންނާނެއެވެ.