ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، އިންޑިއާ ގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދުން ފެށިގެން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައެވެ.
އިނގިރޭސި ވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު ބޮޑު ވަޒީރު ރާއްޖެ އަށް ދަތުރުފުޅު ކުރައްވަނީ ސީދާ އިނގިރޭސި ވިލާތުންނެވެ.
"ބޮޑު ވަޒީރުގެ މި ރަސްމީ ދަތުރުފުޅަކީ، ރައީސް މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ސަރުކާރެއްގެ އެންމެ އިސްވެރިއެއްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެއެވެ،" އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މި ހަފްތާގެ ކުރީކޮޅު ނޫސްވެރިންނަށް ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖިއްޔާ އިން ބުނެފައި ވަނީ، މޯދީ ރައީސް މުޢިއްޒު އާ ބައްދަލު ކުރައްވާ މަޝްވަރާތައް ބާއްވަވަނެ ކަމަށާއި، އަދި ރާއްޖޭ ގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އިފްތިތާޙު ކުރައްވާނެ ކަމަށެވެ.
ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލާސުބްރަމަނިއަން ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ، ބޮޑު ވަޒީރު މޯދީގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖެ އާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށެވެ.
ބޮޑު ވަޒީރު ދަތުރުކުރައްވާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާނެ ކަމަށް ބެލެވެނީ ހުކުރު ދުވަހު ހެނދުނު ރާއްޖޭގެ ގަޑިން 9:00 ހާ އިރު އެވެ.
ބޮޑު ވަޒީރު އެއަރޕޯޓުން ވަޑައިގަންނަވާނީ އެމަނިކުފާނު ހުންނެވުމަށް ހަމަ ޖެހިފައިވާ ކުރުނބާ ވިލެޖް ރިސޯޓަށެވެ.
ބޮޑު ވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުން އޮންނާނީ ހުކުރު ދުވަހު ހަވީރު މާލޭގެ ޖުމްހޫރީ މައިދާނުގައެވެ. ރަސްމިއްޔާތު ފެށޭނީ ހަވީރު 4:00 ގައެވެ.
މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތަށް ފަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒް އާ ބޮޑު ވަޒީރު ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
އޭގެ ފަހުން ވަފުދު ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.
ހުކުރު ދުވަހު ހަވީރު 5:30 ގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި މަޝްރޫޢުތައް ރަމްޒީ ގޮތުން އިފްތިތާޙުކުރެއްވުން އޮންނާނެއެވެ.
މަޝްރޫއު ތައް އިފްތިތާޙު ކުރެއްވުމަށްފަހު ނޫސްބަޔާނެއް ނެރުއްވާނެއެވެ.
ހުކުރު ދުވަހުގެ ރޭ ބޮޑު ވަޒީރު މޯދީ ގެ ޝަރަފުގައި ބާއްވަވާ ރަސްމީ ފަރީއްކޮޅު އޮންނާނެއެވެ.
މޯދީގެ ދަތުރުފުޅުގައި ރާއްޖޭގެ މައި އިދިކޮޅު ޕާޓީ އެމްޑީޕީ ގެ އިސްވެރިންނާ ބައްދަލު ކުރައްވަން ހަމަ ޖެހިފައިވެއެވެ.