ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދެ މައްސަލައެއްގައި ހެކިބަސް ދީފިއެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ތެރެއިން، އަލީ އުމަރު އާދީއްތަ ދުވަހު ހެކިބަސް ދީފައިވަނީ އެފްއޭއެމްގެ ފައިސާ އަމިއްލައަށް ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ މައްސަލައިގައެވ. ބައްސާމް މީގެ ކުރިން ދައުވާތައް އިންކާރު ކުރުމާ ގުޅިގެން، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގޮސްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކި ބަސް ނެގުމެވެ.
ހެކިބަސް ދެމުން އަލީ އުމަރު ބުނެފައިވަނީ އެފްއޭއެމްގެ ޗެކުތަކުގައި ސޮއިކުރުމުގެ ހުއްދަ އޭނާއަށް ލިބިފައިވީ ނަމަވެސް، ކަމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ނޫނީ އޭނާ ސޮއި ނުކުރާ ކަމަށެވެ.
އަޑުއެހުމުގައި ދައުލަތުން އަލީ އުމަރާ ސުވާލުކޮށްފައިވަނީ އެފްއޭއެމްގެ ވަކި މާލީ މުއާމަލާތްތަކާ ގުޅޭގޮތުންނެވެ. އެކަމަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ އެ ތަފްސީލުތައް މިހާރު ހަނދާން ނެތް ނަމަވެސް، އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭގޮތުން ފުލުހުންގެ ތަޙުޤީޤަށް އޭނާ ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމަށެވެ.
އަލީ އުމަރު އިތުރަށް ބުނެފައިވަނީ ޖެނެރަލް ސެކްރެޓަރީ އެފްއޭއެމްގެ ހުރިހާ އިދާރީ މަސައްކަތެއް ބަލަހައްޓާތީ، ރައީސްއާއި ނައިބު ރައީސްގެ ދައުރު ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި މާބޮޑު ނުވާ ކަމަށެވެ. އޭނާ ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި ބައްސާމަށް 5،000 ޑޮލަރުގެ އެލަވަންސެއް ހަމަޖެހިފައިވީ ނަމަވެސް، ބައްސާމް އެ އެލަވަންސް ނަގާފައިވޭތޯ އޭނާއަށް ސާފުނުވާ ކަމަށެވެ.
ހެކިބަސް ދިން ފުލުހުންގެ އޮފިސަރަކު ބުނެފައިވަނީ އެފްއޭއެމްގެ އޮފީހާއި ބައްސާމްގެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު، އެއްވެސް އެއްޗެއް ފޮރުވަން ނުވަތަ ލިޔެކިޔުމެއް ދޭން އިންކާރު ކޮށްފައި ނުވާ ކަމަށެވެ.
އެފްއޭއެމްގެ މައްސަލައިގައި ފައިސާ އަމިއްލައަށް ބޭނުންކުރުމާއި މަނީ ލޯންޑަރިންގގެ އިބްތިދާއީ ދައުވާތަކަށް ބައްސާމް އިންކާރުކޮށްފައިވާތީ، މިހާރު މައްސަލަ ކުރިއަށްދަނީ އޭނާގެ މައްޗަށް ދައުލަތުގެ ހެކިން ދޭ ހެކިބަސް އަޑުއެހުމުގެ މަރުހަލާގައެވެ.
އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.
22 ޑިސެމްބަރު 2024 ގައި ބައްސާމުގެ މައްޗަށް ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ އާއި އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީއެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި 2 މީހަކާއި ކުންފުންޏެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ. އެއީ 19 ޖެނުއަރީ 2025 ގައެވެ. ދައުވާ ކޮށްފައިވާ ދެމީހުންގެ ތެރެއިން ގއ. ގެމަނަފުށި، ފެހިކުރި، މުޙައްމަދު ޢަޤީލްގެ މައްޗަށް ދައުވާ ކުރީ 2013 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ، ކ.މާލެ، ގ.ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް، 26 ޖަނަވަރީ 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އެފް.އޭ.އެމްގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދީ، 14 އޭޕްރީލް 2021 ދުވަހު އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުޢާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްއަށް ލިބިފައިނުވަނީސް، އަމީން ކޮންސްޓްރަކްޝަނުން އެފް.އޭ.އެމްއަށް، ޖުމްލަ 15،420،000 (ފަނަރަ މިލިއަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީއާއި، އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރުމަށް ބައްސާމު ޢަދީލް ޖަލީލްއަށް އެހީތެރިވެދީފައިވާތީއެވެ.
މީގެ އިތުރުން މ. ހިރިނައިދޫ، ޙަސަން ވަޙީދުގެ މައްޗަށް ދައުވާ ކުރީ 2014 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ އެކި މަޤާމުތައް އަދާކުރަމުން އައިސް، ކ.މާލެ، ގ.ފަހިވާގެ، ބައްސާމް ޢަދީލް ޖަލީލް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން،
- އެފް.އޭ.އެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް USD100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،000 (އެއް މިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އެފް.އޭ.އެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަރޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީއާއި، އެފް.އޭ.އެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސް އަށް USD100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،500 (އެއް މިލިއަން ފަސްލައްކަ ސާޅީސްދެހާސް ފަސްސަތޭކަ ރުފިޔާ) އެފް.އޭ.އެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީ، އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރަން ބައްސާމު ޢަދީލް ޖަލީލްއަށް އެހީތެރިވެދީފައިވާތީއެވެ.
މީގެ އިތުރުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރަނީ ބައްސާމު ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ އެކައުންޓުގެ ޗެކު، 08 އޭޕްރީލް 2021 ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެފް.އޭ.އެމްގެ އެކައުންޓަށް USD1,919,950 (އެއް މިލިއަން ނުވަލައްކަ ނަވާރަހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ނެގޭ ގޮތަށް ބައްސާމު ޢަދީލް ޖަލީލް، އިސްވެ ދެންނެވި ޗެކު އަމީން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފް.އޭ.އެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާތީއާއި،
- އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑަރކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމު ޢަދީލް ޖަލީލްއަށް އެހީތެރިވެދީފައިވާތީއާއި، މީގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) އަމީން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށާއި، އަމީން ކޮންސްޓްރަކްޝަންގެ މި ޢަމަލުގެ ސަބަބުން، ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް އެދިފައިވެއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 2 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ 2 ދަޢުވާ ކޯޓަށް ހުށަހެޅި ހިނގަމުން އެބަދެއެވެ.