ކ. މާލެ
|
28 ޖޫން 2025 | ހޮނިހިރު 19:07
ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅުއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވުން
ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅުއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މިހާރު އޮތް ޓުއަރިޒަމް ހަރާމްތޯ؟
1972 ވަނަ އަހަރު މިގައުމުގައި ފަތުރުވެރިކަން ފެށުނީއްސުރެ، މިއަދާއި ހަމައަށް އެއީ ދިވެހީންގެ ރަންބިސްއަޅާ ކުކުޅެއެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން އެއީ އެސިނާއަތެއްގެ މައްޗަށް ރާއްޖޭގެ މުޅި އިގްތިޞާދު ބިނާވެފައި އޮތް މައިގަނޑު ސިނާއަތެއެވެ.

ދިގުގެ އިދިކޮޅު ބަހަކީ ކުރެއެވެ. ރީތީގެ ހުތުރެއެވެ. ފަލައިގެ ހިއްކެއެވެ. ހަމަ މިބީދައިން ހަލާލުގެ އިދިކޮޅު ބަހަކީ ހަރާމްއެވެ. އާއްމުކޮށް މީހަކު ކުރަމުން އަންނަ ކަމެއް ހަލާލުގެ ގޮތުގައި އަލުން ކުރަން ފަށާ ވާހަކަ ބުނެފިނަމަ އޭގެ މާނައަކީ ކުރިން އޭނާ އެކަންކުރީ ހަރާމް ގޮތަކަށް ކަމެއެވެ. މިސާލަކަށް ވިޔަފާރިކުރަމުން އަންނަ މީހަކު ތިމަންނަގެ ވިޔަފާރި ހަލާލު ވިޔަފާރިއަކަށް ބަދަލުކުރަން މަސައްކަތް ކުރަނީއޭ ބުނެފި ނަމަ، އޭގެ މާނައަކީ ކުރިން އޭނާ ކުރަމުން އައީ ހަރާމް ވިޔަފާރިއެއް ކަމެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ތަންކޮޅެއް ގިނައިން އުޅުއްވާ ދުވަސްކޮޅެކެވެ. ހައްޖުން ވަޑައިގެންނެވި ފަހުން، އަދި މުޅިންހެން އުޅުއްވަނީ އެކްސްގައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ޕޯސްޓެއް ފެނެއެވެ. މިގޮތުން އެންމެފަހުން ފެނުނު އެއް ޕޯސްޓަކީ ރާއްޖޭގައި ހަލާލު ފަތުރުވެރިކަން، ފައްޓަވަން އުޅުއްވާ ވާހަކައާއި، އެކަމަށް ރަށްތަކެއް ކަނޑައެޅުއްވި ވާހަކައެވެ. މިހާހިސާބުން ކުޑަކޮށް ހުއްޓިލާފައި އަލުން ވިސްނާލަން ޖެހިއްޖެއެވެ. ޕްލޭވަމުން އައި ކެސެޓް ރިވައިންޑް ކޮށްލަން ޖެހިއްޖެއެވެ. ކަންކަމާއި ދޭތެރޭގައި ފިކުރު ހިންގާލާ ބުއްދިކޮށްލަންވެސް ޖެހިއްޖެއެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ. 1972 ވަނަ އަހަރު މިގައުމުގައި ފަތުރުވެރިކަން ފެށުނީއްސުރެ، މިއަދާއި ހަމައަށް އެއީ ދިވެހީންގެ ރަންބިސްއަޅާ ކުކުޅެއެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން އެއީ އެސިނާއަތެއްގެ މައްޗަށް ރާއްޖޭގެ މުޅި އިގްތިޞާދު ބިނާވެފައި އޮތް މައިގަނޑު ސިނާއަތެއެވެ. އެއީ އެއާ ނުލައި، ދިވެހިންނަށް މިއަދު ކުރިއަށް ދެވެން ނެތް ސިނާއަތެއެވެ. އެއީ މިރާއްޖޭގެ ހުރިހާ ކަމެއް، އެމައްޗަށް ބަރޯސާވެފައިވާ ރާއްޖޭގެ އެއް ނަންބަރު ސިނާއަތެއެވެ. އެސިނާއަތު އުފެއްދީ ދިވެހިންނެއެވެ. ތަރައްޤީ ކުރީވެސް ދިވެހިންނެއެވެ. މުޅި ދުނިޔެއަށް މަޝްހޫރު ބްރޭންޑަށް އެސިނާއަތް ހެދީވެސް ދިވެހިންނެއެވެ. ދާދި މިދާކަށް ދުވަހަކާއި ޖެހެންދެކަށް، މިސިނާއަތުގައި މުޅިންވެސް މަސައްކަތްކުރީވެސް ދިވެހިންނެއެވެ. މުސްލިމުންއެވެ.

މިއޮތްހާ ދުވަހު ދިވެހިންގެ ފުރާގުގައި ހިމެނުނީ އެއެވެ. ލޭގައި ދައުރުވަމުން އައީ އެއިން ލިބުނު އެއްޗެކެވެ. ގޯތި ގެދޮޅު އަޅާ، ދަރިންނަށް ކިޔަވައިދީ، އުނު އޮރިޔާން ނިވާކޮށް ހެދީ އެއިން ލިބުނު އެއްޗަކުންނެއެވެ. އެކަމަކު މިއަދު މިވީ ގޮތް ބައްލަވާށެއެވެ. ރާއްޖޭގެ ރައީސް މުއިއްޒު މިއަދު މިކަނޑައެޅުއްވީ މިއޮތްހާ ދުވަހު، ދިވެހިން ހިންގަމުން މިއައި ފަތުރުވެރިކަމަކީ ހަރާމް އެއްޗެއް ކަމަށެއެވެ. އެހެން ނުބުނެވެންވީ ސަބަބެއް ނެތެއެވެ. 50 އަހަރަށްވުރެ ގިނަ ދުވަސްވީ ފަތުރުވެރިކަން، މިއަދުވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ގޮތުގައި ކުރިއަށް ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ހަލާލު ޓުއަރިޒަމް ފައްޓަވަން ގަސްދުކުރެއްވި ވާހަކައާއި، އެކަމަށް ރަށްތަކެއް ކަނަޑައެޅުއްވި ވާހަކައާއި އެކަމަށް ކުރިމަތިލާ މީހުންނަށް ހާއްސަ ލުއިތަކެއް ދެއްވަން ނިންމެވި ވާހަކަ އިއުލާންކުރެއްވުމުން، އެވިދާޅުވެވުނީ މީގެ ކުރިން މިގައުމުގައި އޮތީ ހަރާމް ޓުއަރިޒަމްއޭ ނޫން އެހެން ދެން ކޮން އެއްޗެއްތޯއެވެ.

މީހަކު ހައިރާނެއް ނުވާނެތޯއެވެ. ހަރާމް ވިޔަފާރިއަކުން ގައުމުގެ ބަޖެޓް ހިންގަވަމުން، ގައުމުގެ ތަރައްޤީގެ މަޝްރޫއުތައް އޭގެއިން ކުރިއަށް ގެންދަވަމުން، މިވަރުގެ ހަރާމްކަމެއް ފުޅާކުރެއްވުމަށް ކޮންމެ އަހަރަކު މާކެޓަށް އައު ރަށްތައް ނެރުވަމުން، އެވަރުގެ ހަރާމްކަމެއް ޕްރޮމޯޓްކުރައްވަން ބޮޑު ކުންފުންޏެއް ހައްދަވައިގެން ދައުލަތުގެ ބަޖެޓުން އެތައް ހަރަދެއް ކުރައްވަމުން، ރާއްޖޭގައި އުފެދެނުހާ ސަރުކާރަކުން މިއުޅުނީ ހަމަ ތަނެއް ދޮރެއް ނޭނގިގެން ހެއްޔެއެވެ. ހަރާމް ހަލާލެއްވެސް ވަކި ނުވެގެން ހެއްޔެއެވެ. ނުވަތަ، މިއީ ހަރާމް ކަމެއްކަން ރާއްޖޭގެ ސަރުކާރަކަށް މިއެނގުނީ މިކަމަށް 53 އަހަރުވީ ފަހުން ހެއްޔެއެވެ.

ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ. އެއްޗެކޭ ވިދާޅުވާއިރު މިވިދާޅުވެވެނީ ކީކޭތޯވެސް ބައްލަވާލައްވަންވެސް ވާނެ ނޫންތޯއެވެ. މީސްމީހުންނާއި މަޝްވަރާވެސް ކޮށްލަންވާނެ ނޫންތޯއެވެ. މިވަރުން ދަންޏާ މާދަމާ ހަލާލު އަލްކަހޯލްއާއި ހަރާމް އަލްކަހޯލްވެސް ހުންނާނެތާއެވެ. މިހާބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ދިވެހިން ވައްޓާލާފައި، މިހާ ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ދިވެހިން ވައްޓާލާ ރާއްޖޭގައި މިހާރު އޮތް، ޓުއަރިޒަމް އެއީ ހަރާމް އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ރައީސް އެޗެއްކޭ ވިދާޅުވާއިރު ދެން އެތަންތަނުގެ ސަލާމަތަށް ވާނެ ގޮތަކާއި މެދުވެސް ވިސްނާލަން ޖެހޭނެ ނޫންތޯއެވެ.

ކަންއޮތީ މިހެން ކަމުގައިވާނަމަ، ހަލާލު ޓުއަރިޒމް ރާއްޖޭގައި އުފެދި އޭގެއިން އާމްދަނީ ލިބެން ފަށަން ދެން، ހަރާމް ޓޫއަރިޒަމްއިން ލިބޭ އާމްދަނީ ބޭނުންކޮށްލަ ކޮށްލާ ތިބުމަށް އެއީ ހަމަ ހުއްދަ ރަނގަޅު ކަމަކީތާއެވެ. ހަލާލު އެއްޗެއް އަތު ޖެހެންދެން، ހަރާމް އެއްޗެއް ކާލަންވެސް ހަމަ އެންމެ ރަނގަޅުވީތާއެވެ.

- ކޮމެންޓް