ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 18:58
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ މައްސަލަ ބޮޑުވެ، އަދިވެސް ލިސްޓު އާއްމު ކުރެވޭ ވަރެއް ނުވޭ
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ މައްސަލަ ބޮޑުވެ، އަދިވެސް ލިސްޓު އާއްމު ކުރެވޭ ވަރެއް ނުވޭ
ރާއްޖެއެމްވީ ގްރެފިކްސް
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމް – ކޯޓުން ބުނަނީ އެއްވެސް މީހަކަށް ފްލެޓް ނުދޭން ނުނިންމާތީ ވަގުތީ އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށް!
ދައުވާ ކުރާ ފަރާތުން އެފްޑީސީ އިން ފްލެޓް ނުދިނުމަށް ނިންމި ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި މުޅި ދައުވާ ބިނާ ވެފައިވަނީ "ޚިޔާލެއްގެ މައްޗަށް" ކަމަށް ވެސް އެފްޑީސީ އިން ބުނެފައިވޭ
ފްލެޓް ދޫކުރުމުގެ މަސައްކަތް މަޑު ޖެހިފައިވަނީ އޭސީސީ އިން ކުރަމުން ގެންދާ ތަހުގީގެއްގެ ސަބަބުން އެ ފްލެޓްތައް ހަވާލު ކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ދައުލަތައް އެންގުމުން ކަމަށް އެފްޑީސީ އިން ބުނޭ
ވަކި ކަމެއް ކުރުން ހުއްޓުވުމަށް އެއްވެސް ފަރާތެއްގެ މައްޗަށް އަމުރު ކުރުމުގެ މަސްއޫލިއްޔަތެއް ނުވަތަ ބާރެއް އޭސީސީ އަށް ލިބިގެންވާކަން އެނގޭކަށް ނެތް" ކަމަށް އެެހެން މައްސަލަ އެއްގައި ބަންޑާރަ ނައިބު އޮފީހުން ކޯޓުގައި ބުނެފައިވޭ

"ގެދޮރުވެރިޔާ" ސްކީމް ގެ ދަށުން އެއްވެސް ފަރާތަކަށް ކުރިން ދޭން ނިންމާފައިވާ ފުލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ ކަމެއް މިވަގުތައް ކުރިއަށް ނުގެންދާތީ ޝަރީއަތުން އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

"ވަގުތީ އަމުރާ މެދު ނިންމި ގޮތް" ސިވިލް ކޯޓުން ހާމަ ކުރަމުން 12 ޖޫން 2025 ގެ ތާރީޚުގައި ބުނެފައިވަނީ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިރުޝާދާ އެއްގޮތައް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރުމަށް ހަމަ ޖެހިފައިވާ ފްލެޓް ތަކުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ އިދާރާތަކުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު، ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ވީ ނަމަވެސް އަދި އެ ޝަކުވާ ތަކާ ގުޅިގެން ގޮތް ނިންމާ ފްލެޓް ގެ ދާއިމީ ލިސްޓް އިއުލާނު ކޮށްފައި ނުވާތީ، އެއްވެސް ފަރާތަކަށް ކުރިން ދޭން ނިންމާފައިވާ ފުލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ ކަމެއް މިވަގުތައް ކުރިއަށް ނުގެންދާ ކަމަށް ދައުވާ ލިބޭ ފަރާތްތަކުން ބުނާތީ، އެފަދައިން ފްލެޓާއި ބެހޭ ކަމެއް ނުހިނގަނީސް ދައުވާ ލިބޭ ފަރާތުން އެދިފައިވާ ގޮތައް އަމުރެއް ޝަރީއަތުން ނެރެން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ކޯޓުން ބުނެފައިވަނީ ވަގުތީ އަމުރު ނެރެދީފި ނަމަ މައުޟޫއީ ދައުވާގައި އެދިފައިވާ ކަންކަމާ މެދު ކުރިއާލާ ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ދެކޭ ކަމަށެވެ.

ކޯޓުން އިތުރަށް ބުނެފައިވަނީ، މި ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާ 15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރި ދާއިމީ ލިސްޓް އެކުލަވާލުމުގައި ކަރަޕްޝަން އަށް މަގު ފަހިވާ ގޮތައް އަމަލު ކޮށްފައިވާ ކަމަށް ބުނެ އޭސީސީ އަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި އެ ފްލެޓް ތަކާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީ އިން އޭރުގެ ހައުސިންގ މިނިސްޓްރީ އަށް އަންގާފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމަކީ ކޮމިޝަނަށް ލިބިގެންވާ ބާރެއް ކަން އެނގެން އޮންނަ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، އެދިފައިވާ އަމުރުތަކަކީ ނެރެވޭނެ އަމުރުތަކެއް ކަމަށް ގަބޫލު ނުކުރެވޭތީ، މި ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައެވެ. އެއީ ހުށަހަޅާފައިވާ ދައުވާ އަކީ "ދައުވާ އެއް ހުށަހެޅުމުގެ ހައްގު ވުޖޫދު ނުވަނީސް، އެކަށީގެންވާ ގާނޫނީ ސަބަބެއް ނެތި" ހުށަހަޅާފައިވާ ދައުވާ އެއް ކަމުގައި ދެކޭތީ ކަމަށް ބުނެފައިވެއެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މި ދައުވާ ގައި މައިގަނޑުގޮތެއްގައި ވަނީ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ދައުވާ ކުރާ ފަރާތުގެ ނަން ހިމެނި، ފްލެޓް އެލޮކޭޓް ކުރުމުގެ ބޭނުމުގައި އެފްޑީސީ އާ އެކު ސޮއި ކޮށްފައިވާތީ، މައިގަނޑު ގޮތެއްގައި މި އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަން ކަނޑައަޅައި ދެއްވާ، އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ކަންކަން ލަސްނުކޮށް ކުރުމަށް ދައުވާ ރައްދުވާ ފަރާތައް އަމުރު ކޮށް ދިނުމަށާއި، އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަހެއް އައިސްފާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އެއްބަސްވުން ބާތިލު ކުރަން ޖެހޭނީ ކޯޓުން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެފްޑީސީ އިން ބުނެފައިވަނީ ދައުވާ ހުށަހެޅުމުގެ ގާނޫނީ ސަބަބު މެދުވެރިވެފައި ނުވާ ކަމަށާއި ފްލެޓް ދޫކުރުމުގެ މަސައްކަތް މަޑު ޖެހިފައިވަނީ އޭސީސީ އިން ކުރަމުން ގެންދާ ތަހުގީގެއްގެ ސަބަބުން އެ ފްލެޓްތައް ހަވާލު ކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ދައުލަތައް އެންގުމުން ކަމަށެވެ. އަދި އެ ތަހުގީގަކީ އަދި މިހާތަނަށް ވެސް ނިމިފައި ނުވާ ތަހުގީގެއް ކަމަށާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ އެއްވެސް ފަރާތަކަށް އެއިން ފްލެޓެއް ނުދިނުމަށް ނިންމާފައި ނުވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ތަހުގީގަށް ބިނާ ކޮށް ދައުވާ ކުރާ ފަރާތައް ފްލެޓް ނުދިނުމަށް ނިންމާ އެކަން ރަސްމީ ކޮށް ނާންގާހާ ހިނދަކު މި ދައުވާ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތެއް ދައުވާ ކުރާ ފަރާތައް ލިބިގެން ނުވާ ކަމަށެވެ.

ދައުވާ ކުރާ ފަރާތުން އެފްޑީސީ އިން ފްލެޓް ނުދިނުމަށް ނިންމި ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި މުޅި ދައުވާ ބިނާ ވެފައިވަނީ "ޚިޔާލެއްގެ މައްޗަށް" ކަމަށް ވެސް އެފްޑީސީ އިން ބުނެފައިވެއެވެ.

"ދައުވާ ކުރާ ފަރާތުން ދައުވާ ހުށަހަޅާފައި ވަނީ ޕްރީމެޗުއަރ ކޮށް އެކަށީގެންވާ ގާނޫނީ ސަބަބެއް ނެތި އަދި ދައުވާ ކުރުމުގެ ހައްގު ވުޖޫދު ނުވަނީސް ކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގޭކަން ފާހަގަ ކުރަމެވެ." އެފްޑީސީ އިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ.

އެފްޑީސީ އިން ކޯޓުގައި ބުނީ "ދައުވާ ކުރާ ފަރާތް ހިމެނޭ ގޮތުން، 15 ނޮވެމްބަރު 2023 ގެ ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތަކަށް ފްލެޓް ނުދިނުމުގެ އެއްވެސް ވިސްނުމެއް ދައުލަތުގެ ނުވަތަ އެފްޑީސީގެ ނެތްކަން ސާބިތުވާ" ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އިއުލާނު ކުރި ފްލެޓް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ދޫކުރުން ހުއްޓާލާފައިވަނީ އޭސީސީ ގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމަށް އެފްޑީސީ އިން ބުނެފައިވާ އިރު އަދި އެކަން ސިވިލް ކޯޓުގެ ނިންމުގައި ބަލައިގަނެފައިވާ އިރު، މީގެ ކުރީގެ އެހެން މައްސަލަ އެއްގައި އޭސީސީ އަށް ކަމެއް ހުއްޓުވުމުގެ ބާރު ލިބިފައި ނުވާ ކަމަށް ބުނެ ދައުލަތުގެ ފަރާތުން އެޓާރނީ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގައި ވަކާލާތު ކޮށްފައެވެ.

"އެ ކޮމިޝަނުން (އޭސީސީ) އަންގާފައިވާ އެންގުން އެންގުމުގެ ބާރު ލިބި ދީފައިވަނީ ގާނޫނު ނަންވަރު 2008/13 (އެންޓި ކަރަޕްޝަން ކޮމިޝަން ގެ ގާނޫނު) ގެ 21 ވަނަ އަދި 22 ވަނަ މާއްދާ އިން ކަމަށް އެ ކޮމިޝަނުން ބަޔާން ކޮށްފައި ވީ ނަމަވެސް އެ ދެ މާއްދާ އަށް ބަލާއިރު، ވަކި ކަމެއް ކުރުން ހުއްޓުވުމަށް އެއްވެސް ފަރާތެއްގެ މައްޗަށް އަމުރު ކުރުމުގެ މަސްއޫލިއްޔަތެއް ނުވަތަ ބާރެއް އެ ކޮމިޝަނަށް ލިބިގެންވާކަން އެނގޭކަށް ނެތް" ކަމަށް އޭސީސީ އިން ދިވެހި ރާއްޖޭގެ ހައިކޯޓަށް ދިވެހި ފުލުހުންގެ ޚިދުމަތާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފް މައްސަލަ އެއްގައި އެޓާރނީ ޖެނެރަލުގެ އޮފީހުން ބުނެފައިވެއެވެ.

- ކޮމެންޓް