"ހިރިނައިދޫ" އަކީ އެ އަތޮޅު "ނެއްލައިދޫ" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެގޮތައް ހަމަޖެއްސެވީ ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ކަމުގައެވެ.
ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އަކީ އެ އަތޮޅު "ނެއްލައިދޫ" ގެ ބައެއް ކަމުގައި ކަނޑައަޅައި ބުދަ ދުވަހު ވަނީ ގަރާރެއް ނެރެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.ބުދަ ދުވަހުގެ ޤަރާރުގައި ހދ. "ހިރިނައިދޫ" ގެ ނަން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އެ އަތޮޅުގެ "ނެއްލައިދޫ" ގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސް މުއިއްޒު ޢިއުލާން ކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.