ކ. މާލެ
|
28 މެއި 2025 | ބުދަ 23:39
މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެކްސް
މާފަންނު ބޮނޑިބަތް ޕާކު
ބޮނޑިބަތް ޕާކު ގައި އިމާރާތެއް އަޅަން މުއިއްޒުގެ މޭޔަރު ކަމުގައި އަމިއްލަ ބަޔަކަށް ދީފައިވާކަން ހާމަ ވެއްޖެ
ބިން ހަވާލު ކޮށް ކޮންޓްރެކްޓް ގައި ސޮއި ކުރި އިރު އެ ބިމަކީ ގްރީން އޭރިއާ އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއް
ބިމުގައި ހަދާ އިމާރާތްތަކުގެ ކުރެހުންތައް ވެސް އޮތީ ފާސް ކޮށްފައި
މަޝްރޫއު ހިންގުމަށް މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ފިނޭންސަށް ހުށަހެޅުމަށް ކައުންސިލުން ވަނީ ފާސް ކޮށްފައި

ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާފަންނު ބޮނޑިބަތް ޕާކު (ފިނިފާކު) ގެ ބިމުގައި އިމާރާތެއް އަޅަން އަމިއްލަ ބަޔަކަށް ދީފައިވާ ކަން ހާމަ ވެއްޖެއެވެ.

ބިމުގެ ކޮންޓްރެކްޓް ހަދާ މަޝްރޫއު އެވޯޑު ކުރި އިރު މާލޭގެ ލޭންޑްް ޔޫސް ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެސް އެކަން ކޮށްފައި ވުމާއެކު އެ މައްސަލަ މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާ އެއްގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 196 ވަނަ ޖަލްސާގައި މި ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މާލޭ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް ވަނީ ފާސް ކޮށްފައެވެ.

މިހާރު ފާސް ކޮށްފައިވާ މާލޭގެ ލޭންޑް ޔޫސް ޕްލޭން ގައި އެ ސަރަހައްދަކީ ގްރީން އޭރިޔާ އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ މިއީ މިކްސްޑް ޔޫސް ޑިވެލޮޕްމަންޓަށް ކޮންޓްރެކް ކުރެވިފައިވާ މަޝްރޫއެއް ކަމަށާއި އެހެން ނަމަވެސް އެ ބިމަކީ މިހާރުގެ ލޭންޑް ޔޫސް ޕްލޭން ގައި ގްރީން ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއް ކަމަށެވެ.

ޑެޕިއުޓީ މޭޔަރު އަރީޝް ފާހަގަ ކުރެއްވި ގޮތުގައި ލޭންޑް ޔޫސް ޕްލޭން މިހާރު އޮތް ގޮތައް އޮއްވާ ތަނުގެ ކުރެހުން ނިމި ކުރެހުންތައް އޮތީ ފާސް ވެސް ކޮށްފައެވެ.

"އިމްޕިލެމެންޓް ކުރާ ހިސާބުގައި އޮތީ،" ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ޕްރޮޖެކްޓް ކުރިއަށް ގެންދެވެން އޮތީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްގެން ކަމުގައެވެ.

"ގްރީން ޒޯނުން މިތަން ކަނޑާލެވިގެން."

ޑެޕިއުޓީ މޭޔަރު ހުށަހެޅުއްވީ އެ ސަރަހައްދު ގްރީން ޒޯނުން ކަނޑާލުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމަށެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ގްރީން ޒޯނުގައި އެ މަޝްރޫއު ހިންގުމަށް ސިޓީ ކައުންސިލުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް (ބީޑީޔޫ) އިން އޮތީ ފާސް ކޮށްފައި ކަމަށެވެ.

"އެތަނުގެ ބިން ވެސް އޮންނަނީ ހަވާލު ކޮށްފައި،" އާޒިމް ވިދާޅުވިއެވެ.

ޑެޕިއުޓ މޭޔަރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިމާލެ ތަމްސީލު ކުރައްވާ ކައުންސިލަރު ނަހުލާ އަލީ އެވެ.

"ޑރ. މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރުގައި ހިންގެވި ބީޑީޔޫ ޕްރޮޖެކްޓްސް ގެ ތެރެއިން ބޮނޑިބަތް ޕާކުވެސް، އެތަން ވެސް ޕާކިން ބިލްޑިން އެއް ގޮތައް ތަރައްގީ ކުރަން ބަޔަކާ ކޮންޓްރެކްޓް ކުރެވިފައި އޮތް ތަނެއް،" ނަހުލާ ވިދާޅުވިއެވެ.

އެތަނުގައި ހަދާ އިމާރާތުގެ ކުރެހުންތައް ހުށަހަޅާ ފާސް ކޮށްފައިވާ ކަން ނަހުލާ ވެސް ފާހަގަ ކުރެއްވިއެވެ.

ނަހުލާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ގްރީން ޒޯނެއްގެ ގޮތުގައި އޮތް ތަނެއް ބަދަލު ކޮށްގެން ނޫނީ މަސައްކަތް ހަވާލުވި ފަރާތައް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމުގައެވެ.

ގްރީން އޭރިޔާ އެއްގެ ގޮތުގައި އޮތް ބޮނޑިބަތް ޕާކު ޕާކިން އެކުލެވޭ ގޮތައް ހަދާ އިމާރާތަކަށް ބަދަލު ކުރަން މާލޭ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް ޖަލްސާ ގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިން ދީފައިވަނީ އޭޝިއާ ފޯވާޑިންގ ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ.

ލޭންޑް ޔޫސް ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން އެކުލަވާލާ އެއްޗަކަށް ވީ ނަމަވެސް އެ ޕްލޭނަށް ބަދަލު ގެންނަން ނިންމި އިރު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމާފައެއް ނުވެއެވެ.

ބޮނޑިބަތް ޕާކަކީ ތޮއްޖެހުން ބޮޑު މާލޭގައި މީހުން ހިތްފަސޭހަ ކޮށްލަން ހުރި މަދު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދަކަށް ވުމުގެ އިތުރުން ބައެއް ސިޔާސީ އެއްވުންތައް ވެސް ބާއްވާ ތަނެއްގެ ގޮތުގައި އެ ސަރަހައްދު ފާހަގަ ކުރެވެއެވެ.

- ކޮމެންޓް