މާލެ ސިޓީ ކައުންސިލު ގައި ފޯއް މަނާ ކުރުމާ އެ ކައުންސިލުގައި ހިމެނޭ ޕީއެންސީ އަށް ނިސްބަތްވާ ކައުންސިލަރު ސައީދާ ރަޝާދު ދެކޮޅު ހައްދައްވައިފިއެވެ.
"މިހާރު އަނެއްކާ އަނެކައްޗެއް މަނާ ކުރަންވީ، ސިނގިރޭޓު މަނާ ކޮށްގެންނާއި، ތި ވޭޕެއް މަނާ ކޮށްގެން ޒުވާނުން މުޅިން ހަލާކުވެގެން އެދަނީ،" މާލޭ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 196 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، މައްޗަންގޮޅި އުތުރުދާއިރާ ތަމްސީލު ކުރައްވާ ކައުންސެލަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިނގިރޭޓު ފަދަ އެއްޗެހި ހޯދަން އުޅެން ޖެހެނީ ކިއު ހަދައިގެން ވަރަށް ހާލުގައި ކަމަށެވެ.
"އެނެއް ފަހަރު ދުފާ އެއްޗެހި، ފޯއް މަނާ ކުރީމަ ދެން ކިހިނެއް ވާނީ.. އެންމެ ވަރުގަދަ އެތި އަނގައިގެ ހުރިހާ ކުނިވަހާ ހުރިހާ އެއްޗަކުން ސަލާމަތް ކުރަން އޮތް ހަމައެކަނި އެއްޗަކީ އެ، ދެން އޭތި މަނާ ކުރިމާ ދެން ނެތެންނު ... އެންމެން ދެން ތިބެންވި ދޯ ގޭގަ އަނގައިގަ ޓޭޕް ގަނޑެއް އަޅައިގެން،" ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، ޖަލްސާގައި ކުރެވުނު މަޝްވަރާ ގައި އޭނާ ވިދާޅުވިއެވެ.
"އަނގައިން ދުވާ ކުނި ވަހުން މީހުންނަށް ނޯއް ދިމާކޮށްލާކަށް ނުކުރޭނެ، ނޭވާ އެއް ލާކަށް ނުކެރޭނެ، އެންމެ ވަރުގަދަ އެތި މަނާކުރީމަ ދެން ކިހިނެއް ވާނި؛"
އޭނާ ސުވާލު ކުރެއްވީ ހަމަ އެކަނި ސިޓީ ކައުންސިލްގައި ފޯއް ނުބަހައްޓަންވީ ކީއްވެތޯއެވެ.
ސައީދާ ވަނީ ދުންފަތުގެ ޓެކްސް ބޮޑު ކުރުމުން އެތަކެތީގެ އަގު ބޮޑުވެ އެތަކެތި ހޯދަން އުޅެން ޖެހޭ ދަތި އުނދަގޫވެސް ޖަލްސާގައި ފާހަގަ ކުރައްވާފައެވެ.
"އިންސާނެއްގެ ހުރިހާ އުފާތަކުން މަހުރޫމު ކުރާކަށް ނުވާނެ."
ސައީދާ މި މޭމެރުމުން ޖައްސާގައި ވާހަކަ ދެއްކެވި ނަމަވެސް، ކެންސަރ ސޮސައިޓީން އެދުނު ގޮތަށް، މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ އެއް ވެސް ޙަފުލާއެއްގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބެހެއްޓުމަށް ބުދަ ދުވަހުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.