ސިފައިންނަށް 133 އަހަރު ވެގެން ބޭއްވި ޖަލްސާގައި ދިވެހި ރައްޔިތުންނަށް ފުކަކަށް ދެއްވުމަށްފަހުވެސް ރައީސް މުއިއްޒުއަކަށް ހަމަޖެހުމެއް ލިބިވަޑައިނުގަތެއެވެ. އޭގެ ހައެއްކަ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުންނަށް 92 އަހަރު ވެގެން ބޭއްވި ޖަލްސާގެ ބޭނުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްޕެވީވެސް ރައްޔިތުންނަށް އެއްޗެހި ގޮވުމަށާއި އެހެން މީހުންގެ ބޮލުގައި ކަންކަން އެޅުވުމަށާއި ޒިންމާއިން ރެކި ވަޑައިގަތުމަށް ރައީސް މުއިއްޒުގެ ހުންނަ ކަރު ހިއްކުން ފިލުވާލަން ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައޭ ބުނާ މީހުން މަދެއް ނޫނެއެވެ. ރައީސް މުއިއްޒު ހަމަތޯ ސުވާލު ކުރާ މީހުންވެސް މިގައުމަކު މިހާރަކު މަދެއް ނޫނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެއެވެ. މިގޮތަށް ވާހަކަ ދައްކާ ގިނަ މީހުން ސަބަބެއް ކަމުގައި ބުނަނީ މިކަހަލަ ކޮންމެ ޖަލްސާއެއްގައި ހުންނަވައިގެން ވާހަކަފުޅު ދެއްކެވުމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ ވައްޓަފާޅިއެވެ.
ފުލުހުންނަށް 92އަހަރު ވެގެން ބޭއްވި ޖަލްސާގައި ކޯފާވެ ހުންނަވައިގެން ދެއްކެވި ތާކުންތާކު ނުޖެހޭ އެތައް ވާހަކަތަކެއްގެ ތެރެއިން އެއްވާހަކަ އަކީ މިފަހަކުން މާލޭގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅުވާ ދެއްކެވި ވާހަކަފުޅެއެވެ. ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް އެއްލާލާފައި އޮތް ހާދިސާއާއި ގުޅުވައިގެން ދެއްކެވި ނާތަހުޒީބް ވާހަކަފުޅެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު މިހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި، ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ކަމަށެވެ. އެއީ އެސަރުކާރުން ބިރަކާއި ނުލައި މަޖާކުރަންޖެހޭނެއޭ ބުނެފައި އޮތުމުން ހިނގައިގެން އުޅޭ ހާދިސާއެއް ކަމަށެވެ.
ރައީސްއެވެ. ވެރިކަމުގައި ހުންނެވީ މަނިކުފާނު ނޫންތޯއެވެ. ތިޔަ ވިދާޅުވާ ވެރިކަމެއް އޮތީ މީގެ 15 ވަރަކަށް އަހަރު ކުރިން ނޫންތޯއެވެ. ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ގައުމަށް ނަގާފައި ހުރި ލޯނުތަކާއި ދަރަނިތަކާއި ކުރީ ސަރުކާރުތަކުގެ ބޮލުގައި އަޅުވައިގެން ޒިންމާއިން ބަރީއަވެވަޑައިގަންނަވަން ދޮޅު އަހަރުވަންދެން ވާހަކަފުޅުދެއްކެވުމުން ރައްޔިތުން ހީކުރީ އެހާވަރުން މަނިކުފާނު ނިންމަވާލައްވާނެ ކަމަށެއެވެ. އެކަމަކު ދިވެހި ރައްޔިތުންނަށް ހީވީ ގޯސްކޮށެއެވެ. ޒިންމާ އުފުލުމުގެ ޒައްރެއްގެ މިންވަރުވެސް މަނިކުފާނުގެ ކިބައިގައި ނެތެއް ނޫންތޯއެވެ. ހުރިހާ އާރަކާއި ހުރިހާ ބާރަކާއި، ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ރައްކާތެރިކަމާއި، ދެންވެސް އޮތިއްޔާ އޮތްހާ އެއްޗެއް، މަނިކުފާނަށް ހަވާލުކޮށް މިގައުމު ޒިންމާދާރުކަމާއިއެކު ހިންގަވާށޭ ބުނުމުން ތިޔަ އުޅުއްވަނީ ކިހިއްނެއްތޯއެވެ.
ކުރީގެ ވެރިކަންތަކާއި ކުރީގެ ރައީސުންނާއި، ދިވެހި ރައްޔިތުންގެ ބޮލުގައި މަނިކުފާނަށް ނުކުރެވޭ ހުރިހާ ކަމެއް އަޅުވައިގެން، އަމިއްލަފުޅު ނާގާބިލް ކަމާއި، ނުފޯރުންތެރިކަން ފޮރުވަން މަސައްކަތްޕުޅު ކުރެއްވުމަކުން އެކަމެއް އެހެނެއް ނުވާނެ ނޫންތޯއެވެ.
މަނިކުފާނުގެ ވަޒީރު ބޭފުޅުންގެ ގެކޮޅުތަކުގައި ޕާޓީކޮށް، މީހުން އަމަލުވެ މަނިކުފާނު އައްޔަންކޮށްފައި ތިއްބަވާ ސިޔާސީ ބޭބޭފުޅުން އެފަދަ ޕާޓީތަކަށްގޮސް ބޮއެ، އަމަލުވެ ވާނުވާ ނޭނގި އަތުން ފައިން ގޯސްހެދި، ބަދުއަޚްލާގީ އަމަލު ހިންގާ، އެކަންކަން ފަޅާ އެރުމުން ކުރީ ސަރުކާރޭ، ޒިންމާއޭ ކިއުމަކުން ރައީސް މުއިއްޒުގެ ސަރުކާރަށް ލިބުނު ހުތުރު ނަން ފިލުވައެއް ނުލެވޭނެ ނޫންތޯއެވެ. އަމިއްލަފުޅު ގެކޮޅުގައި މަނިކުފާނުގެ އަނބިކަނބަލުން ކަމަށް ބެލެވޭ، އަންހެނަކު ކަރޯކޭ ޖައްސާ ބީޓަށް ހަރަކާތްކޮށް، އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް އާއްމުވުމުން އެއީ ނާޗަރަންގީއޭ ބިރަކާއި ނުލައި މަޖާކުރުމޭ އެއީވެސް ކުރީ ސަރުކާރާއި ހެދި ވީކަމަކޭ، ޒިންމާ ނަގަންޖެހޭނީ އެމްޑީޕީންނޭ ވިދާޅުވުމަކުން އެކަން ގަނޑުވަރުކޮޅުގެ ތެރޭގައި ނުހިނގާ ކަމަކަށްވެސް ނުވާނެ ނޫންތޯއެވެ.
ރަށުތެރޭގައި މާރާމާރީއެއް ހިނގިއަސް، މީހަކު ނަހަލާލަށް ބަލިވެ އިނަސް، ދައުލަތުގެ ކުންފުންޏެއްގެ ތެރޭގައި ވައްކަމެއް ހިނގިއަސް، ސަރުކާރުތެރޭގައި މީހަކު ސިހުރު ހެދިއަސް، ޒިންމާ ނަގަންޖެހޭނީ ކުރީގެ ސަރުކާރޭ އަބަދު ވިދާޅުވާނަމަ، މަނިކުފާނު ކުރައްވަން އޮތީ ކޮންކަމެއްތޯއެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން މާތްﷲ ގަންދީ ހުވާކުރެއްވީ ކޮންކަމެއް ކުރައްވަންތޯއެވެ. ކޮން ޒިންމާއެއް ނަންގަވަންތޯއެވެ. ކޮން ބައެއްގެ ހައްގުތައް އަދާކުރައްވަންތޯއެވެ. ކޮން ކަމަކަށް އަމާނާތްތެރިވެވަޑައިގަންނަވަންތޯ އެވެ.
ޤަބޫލުފުޅުކުރައްވާށެއެވެ. އަދުގެ ދިވެހިންނަނީ ތިޔަ ހީފުޅުކުރައްވާހާ ހޭނުޖެހޭ ބައެއް ނޫނެއެވެ. ސޮހޮލުންނެއް ނޫނެއެވެ. ގަމާރުންނެއްވެސް ނޫނެއެވެ. ކުޅަނދު ހަމަނުވާ ގަބުޅި ކަތީބުންނެއްވެސް ނޫނެއެވެ. މިހާރުގެ ދިވެހި ޖީލަކީ އެއަށްވުރެ ތައުލީމީ ވިސްނުންތެރި ޖީލެކެއެވެ. ވީއިރު، ތާއަބަދު ކުރީގެ ސަރުކާރޭ ވިދާޅުވުމަކުން ޒިންމާ ނަގަންޖެހޭނީ އެހެން މީހުންނޭ ވިދާޅުވުމަކުން، އެކަން ގަބޫލުކުރާނެ ބަޔަކު މަނިކުފާނަކަށް ނުހޯއްދެވޭނެ ނޫންތޯއެވެ. ތިޔަ ވިއްކަވަން އުޅުއްވަނީ ތަންކޮޅެއް ފޭކް ޕްރޮޓަކްޑެކެވެ. މިޒަމާނަށް ނުފެތޭ މިޒަމާނަށް ނުގުޅޭ، ވިޔާނުދާ ޙިޔާލުފުޅެކެއެވެ. ތިޔަކަން ދޫކޮށްލައްވާށެއެވެ. ޒިންމާ ނަންގަވާށެއެވެ. ބަޖެޓް އޮތީ މަނިކުފާނުގެ އަތްޕުޅުގައެވެ. ހުރިހާ ބާރެއް އޮތީ މަނިކުފާނުގެ އަތްޕުޅުގައެވެ. ވެރިކަމުގައި ހުންނެވީ މަނިކުފާނުއެވެ. މަނިކުފާނުގެ ދައުރުގެ ތެރޭގައި ގޯހެއް ހިނގިއަސް، ރަނގަޅެއް ހިނގިއަސް، އެކަމުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ޖެހޭނީ މަނިކުފާނު އެވެ. ބޯދަމައިގަންނަވަން ނޫޅުއްވާށެވެ.