ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 02:13
ޗީޒް ބާގަރ ގެ ފޮޓޯއެއް
ޗީޒް ބާގަރ ގެ ފޮޓޯއެއް
ގެޓީއިމޭޖަސް
ރަަމަޟާން
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
ގަވައިދުގައިވާ ގޮތުން ކާބޯތަކެތީގެ މަގްބޫލުކަން އިތުރުކުރުމަށް ހިންގާ ކޮންމެ ކަމަކީ އިޝްތިހާރު ކުރުން ކަމަށް ބެލޭއިރު، ހުއްދަ ނުނަގާ އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އިޝްތިހާރު ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމު ކުރި ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދު މިހާރު އޮތް ގޮތުން ރެސްޓޯރެންޓް ތަކުން ރޯދަ މަހަށް ނެރޭ ކާބޯތަކެތީގެ މެނޫތައްވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭނެއެވެ.

ރަމަޟާން މަސް ވަރަށް ކައިރިވެފައި ވަނިކޮށް ގެޒެޓު ކުރި މި ގަވައިދުގައި ގިނަ ކަންތައްތައްތަކެއް މަނާކޮށްފައި ވާއިރު މި ގަވައިދު ބުނާ ގޮތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. އަދި ހުއްދަ ލިބިފައިވާ އިޝްތިހާރެއް ބަދަލު ކުރުމަކީ ވެސް މަނާ ކަމެކެވެ.

"އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އިޝްތިހާރު ކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓީ އަށް ހުށަހަޅާ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެ؛" ކަމަށް ގަވައިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ.

ގަވައިދުގައި ބުނެފައިވަނީ ހުއްދަ ދީފައިވާ އިޝްތިހާރަކަށް ބަދަލެއް ގެނައި ކަމުގައި ވީނަމަވެސް ބެލޭނީ އައު އިޝްތިހާރެއް ކަމުގައެވެ. އެހެން ކަމުން ބަދަލު ގެނެވުނު އިޝްތިހާރަށް ވެސް އަލުން ޖެހޭނީ ހުއްދަ ހޯދަން ކަމަށެވެ.

އިޝްތިހާރު ކުރާ އިރު އެ އުފެއްދުމެއް އެފަދަ އެހެން އުފެއްދުމަކާ އަޅައި ކިޔައިގެންވެސް ނުވާނެ ކަމަށް ގަވައިދުގައިވެއެވެ. "އެންމެ މޮޅު"، "ދެވަނައެއް ނެތް"، "މިވަރެއް ނެތް" ފަދަ އިބާރާތް ތައް އިޝްތިހާރުގައި ބޭނުން ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.

ގަވައިދާ ޚިލާފު ވާ ފަރާތްތައް ފުރަތަމަ ފަހަރު 10،000ރ ގެ ޖުރިމަނާ އެއް އަދި ދެވަނަ ފަހަރު 100،000 ރުފިޔާގެ ޖުރިމަނާ އެއް އަދި ތިންވަނަ ފަހަރު 300،000ރ އިން ޖުރިމަނާ ކުރުމުގެ އިތުރުން ތިން ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 500،000ރ އިން ޖުރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

މިހާރު ގަވައިދު އޮތް ގޮތުން ކާބޯތަކެތީގެ އެއްވެސް ބާވަތެއް އިޝްތިހާރު ކުރެވޭނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށް ވުމާއެކު ކޮންމެ ހުއްދަ އަކަށް ފީ އެއް ދައްކަން ޖެހޭނެއެވެ. އަދި އިޝްތިހާރަކަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކުވެސް ހުއްދަ ހޯދަން ޖެހޭނެއެވެ.

ގަވައިދު އޮތް ގޮތުން ކާބޯތަކެތީގެ އިޝްތިހާރެއް ފާސް ކުރުމަށް ކޮންމެ ފަހަރަކު 1،500ރ ގެ ފީއެއް ދައްކަން ޖެހޭނެ އެވެ. މީގެ އިތުރަށް ބުނެފައިވަނީ އެނަރޖީ ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ޑްރިންކެއްގެ އިޝްތިހާރު ފާސް ކުރުމަށް 3000ރ ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ކާބޯތަކެތި އިޝްތިހާރު ކުރުން ވަރަށް ހަރުކަށި ކޮށް މާނަ ކޮށްފައި އޮތުމާއެކު، ވަރަށް ގިނަ ކަންތައްތަކެއް ބެލެވޭނީ އިޝްތިހާރު ކުރުން ކަމަށް ފާހަގަ ކުރެވެއެވެ.

އެ ގޮތުން ގަވައިދުގައި ބުނެފައިވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުދެއްދުމަށް ބޭނުން ކުރާ ކާބޯތަކެތީގެ ބާވަތްތައް ގަނެ ވިއްކުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ވިޔަފާރި ކުރުމުގެ މަގްސަދުގައި އާންމުކޮށް ރައްޔިތުންނަށް މުއާސަލާތު ކުރުމަކީ ކާބޯތަކެތި އިޝްތިހާރު ކުރުން ކަމުގައެވެ.

ގަވައިދު ބުނާ ގޮތުން މުއާސަލާތް ކުރުމަކީ އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ނުވަތަ ވިޝުއަލް ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުން ކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެނޫންވެސް މީޑިއަމް އެއް މެދުވެރިކޮށް ވަކި ބާވަތެއްގެ ނުވަތަ އެއްޗެއްގެ މަގްބޫލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތް ކަމަށެވެ.

އޭގެ ތެރޭގައި ކާބޯތަކެތީގެ މަގުބޫލުކަން އިތުރު ކުރުމަށް ލޭބަލުގައި ހިމަނާ މައުލޫމާތާއި އަދި އެފަދަ ލިޔެކިޔުން ތަކާއި އެހެނިހެން ވަސީލަތްތަކާއި ވިޔަފާރީގެ މަގްސަދުގައި ވަކިވަކި ފަރުދުންނަށް އަމާޒު ކޮށްގެން ހިންގާ މައުލޫމާތު ދިނުން ފަދަ މުއާސަލާތު ކުރުން ފަދަ ހަރަކާތްތައް ހިމެނޭ ކަމަށް ގަވައިދުގައި ވެއެވެ.

ކާބޯތަކެތި އިޝްތިހާރު ކުރުން މާނަ ކޮށްފައިވާ ގޮތަށް އެއްވެސް އިސްތިސްނާއެއް ގަވައިދުގައި ދީފައި ނުވުމާއެކު އޮޅުން ބޮޅުން އުފެދުމުގެ އިތުރުން ވިޔަފާރީގެ ވަރަށް ބޮޑެތި ދަތިތަކެއް ޚާއްސަ ކޮށް ކުދި ވިޔަފާރިތަކަށް ކުރާނެ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ މި ގަވައިދަކީ 19 ވަނަ މަޖިލިހަށް ވެސް ފާސް ކުރަން ހުށަހެޅި ގަވައިދެކެވެ. އެހެން ނަމަވެސް ގަވައިދު އޮތް ގޮތުން މާ ހަރުކަށި ކަމަށް ފެންނާތީ އޭގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓްރީން ދިން ލަފާގެ މަތިން ގަވައިދު އެ އޮތް ގޮތައް ފާސް ނުކުރަން 19 ވަނަ މަޖިލީހުން އޮތީ ނިންމާފައެވެ.

- ކޮމެންޓް