Advertisement
ކ. މާލެ
|
5 އޯގަސްޓް 2025 | އަންގާރަ 15:10
ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު
ރައްޔިތުންގެ މަޖިލިސް
ފެނާއި ނަރުދަމާ
ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަނެފި
ބިލު ބަލައިގަތީ އަންގާރަ ދުވަހު
ބިމުގެ ފަށަލަ ތަޣައްޔަރުވާ ފަދަ އަމަލެއް ކޮށްފި ނަމަ 1 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ހުށަހަޅާފައިވޭ
ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ކަނޑައެޅިފައިވާ 5 އަހަރުގެ މުއްދަތު އިތުރުކުރުމަށް ބިލު ހުށަހެޅިފައިވޭ

ފެނާއި ނަރުދަމާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ 1 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެފިއެވެ.

އެ ބިލު މަޖިލީހަށް ބަލައިގަނެ، އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަށް ބިިލް ދިރާސާކުރުމަށް ވަނީ ފޮނުވާފައެވެ.

އަންގާރަ ދުވަހު ނެގި ވޯޓުގައި އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓުދެއްވި އިރު އެ ބިލް ބަލައިގަންނަން ނުފެންނަ ކަަމަށް 9 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ބިލު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު އެވެ.

އެ ބިލް ހުށަހަޅުއްވަމުން މެމްބަރު ލަތީފް ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށް ހިންގޭ އިންތިޒާމުތައް ހަމަޖެއްސުމަށް ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު)ގައި ކަނޑައަޅާފައިވާ 5 އަހަރު ދުވަހުގެ މުއްދަތު އިތުރުކުރުމަށް ކަމަށެވެ. އަދި އެ ނޫނަސް ޤާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކާ އެ ޤާނޫނަށް އިސްލާހު ގެނައުމަކީ ބިލުގެ މަޤްސަދެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ބިލުގައި ހިމެނޭ މުހިންމު އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ސ)ގެ ފަހަތަށް ދެ އަކުރު އިތުރުކުރުން ހިމެނެއެވެ. އެއީ ބިމުގެ ފަށަލަ ތަޣައްޔަރުވާ ފަދަ އަމަލެއް ކޮށްފި ނަމަ 1 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާ، އެ ޤާނޫނުގައި މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ ވަކި އަދަބެއް ބަޔާންކޮށްފައި ނެތް ކުށްތައް ކުރާ މީހުން، 5000 ރުފިޔާ އާއި 1 ލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ 1 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

އެ ބިލުގެ 62 ވަނަ މާއްދާގެ ފަހަތަށް (ޗ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. އެ އަކުރުގައި ބުނެފައި ވަނީ، އެ ޤާނޫނުގައި ފެނާއި ނަރުދަމާގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަަމަށް ބުނެފައި ވަނީ، އެ ނިޒާމްގެ ބައިތައް ފަރުމާކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އޭގެ ބައެއް ފަރުުމާ ކުރުމާއި، އޭގެ ބައިތައް ބޭނުން ކުރުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ކަމާއި ގުޅޭ ޚިދުމަތެއް ދިނުމަށް ނުވަތަ ނިޒާމް ބޭނުން ކުރުން ކަމަށެވެ.

- ކޮމެންޓް