މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސުގެ ތެރޭގައި ފަޅު ރަށްތައް ހިމަނުއްވަން ފެއްޓެވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ކަނޑައެޅިގެން އިތުރުފުޅު ހައްދަވައިފި އެވެ.
އާންމު ގޮތެއްގައި ވެސް ވަރަށް ބޮޑަށް މުއިއްޒު އަށް ޚުޝާމަދު ކުރައްވާ ކަން ފާހަގަ ކުރެވޭ މިނިސްޓަރ ޝަރީފް ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ ފަޅު ރަށްތަކަކީ މީގެ ކުރިން ވަކި ގިންތިއެއްޖެ ބަޔަކަށް ނޫނީ ނުލިބޭ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް މިހާރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފަޅު ރަށްރަށް މީހުންގެ ދިރިއުޅޭ ރަށްރަށުގެ އިހުތިސާސުގައި ވެސް ހިމަނައިދެއްވަން ފައްޓަވާފައިވާ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް އަޑު އިވެމުން އައީ ފަޅުރަށްތައް ހުންނާނީ ވަކި ގިންތި ތަކެއްގެ މީހުންނަށް ދެވިފައި ކަމަށް، އެއްވެސް ހާލެއްގައި ރަށެއްގެ ރައްޔިތުންނަށް އޭގެ މަންފާ ލިބޭ ގޮތަކަށް ފަޅު ރަށެއް ދެވިފައި އޮތް ތަނެއް މި ފަހުގެ ތާރީޚުގައި ފެންނާކަށެއް ނެތް." މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ މަސައްކަތްތައް ފުށުއަރާ ގޮތައް ރާއްޖޭގައި އުފެއްދި ފުރަތަމަ މިނިސްޓްރީގެ މިނިސްޓަރ އިތުރަށް ވިދާޅުވީ، "އެހެން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޒައާމަތައް ވަޑައިގެނެންވުމަށްފަހު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ޚާއްސަ ކޮށް ރަށްރަށުގެ އިހްތިސާސުގެ ތެރޭގައި ވެސް ބައެއް ފަޅުރަށްރަށް ހިމެނޭ ގޮތައް ހަމަ ޖައްސަވައި ދެއްވަމުން؛" ކަމަށެވެ.
އާދަމް ޝަރީފް އިޝާރާތް ކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއް ކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ "ތާވަތާ" އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި މި ހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ސަރުކާރުން ކަނޑައެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
"މިއީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ހިނގާފައިވާ ކަމެއް ނޫން، ޚާއްސަ ކޮށް ކައުންސިލުތައް އަދި ރައްޔިތުން ބާރުވެރި ކުރުވުމަށް ޓަކައި، މީގެ ކުރިން ދައުލަތުގެ ހަރު މުދަލެއްގެ ގޮތުގައި ހުރި ބައެއް ތަކެތި ރައްޔިތުންނަށް އޭގެ މަންފާވާ ގޮތައް ހަމަޖައްސަން މި ފެށީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު؛" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި މި ގޮތައް ފަޅު ރަށްތައް މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސުގައި ހިމެނޭ ގޮތައް ސަރުކާރުން ދީފައި ނުވާ ކަމަށް އާދަމް ޝަރީފް ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުއިރު، ލާމާރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އިހްތިސާސު ކަނޑައެޅި އިރު ކިތަންމެ ފަޅު ރަށެއް ހުރީ މީހުން އުޅޭ ރަށްރަށުގެ އިހްތިސާސުގައި ހިމަނާފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެކަން ކުރީ ގާނޫނަށް ގެނައި އިސްލާހްތަކުގެ ތެރެއިން ގާނޫނީ އުސޫލެއް ކަނޑައަޅާ އެ އުސޫލުގެ ދަށުންނެވެ.
19 ވަނަ މަޖިލިހުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސް ކަނޑައެޅި އިރު، ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 (ހަތްސަތޭކަ) މީޓަރު ކަމުގައެވެ.
ވަކި ފަޅެއްގައި އޮންނަ ފަޅުރަށެއް ނުވަތަ ފަޅު ރަށެއްގެ ބައެއް ނަމަވެސް ރަށު ކައުންސިލްގެ އިހްތިސާސްގައި ހިމެނޭނަމަ، އެ ކައުންސިލްގެ އިހްތިސާސްގައި އެ ފަޅުރަށެއް ހިމެނޭނެ ކަމަށް ކަނޑައަޅަން ވާނެ ކަމަށް ވެސް ގާނޫނުގައި ވެއެވެ.
މިނިސްޓަރ އާދަމް ޝަރީފް މިހާ ސާފު ކޮށް އޮތް ކަމެއްގައި އިތުރުފުޅު ހެއްދެވި އިރު، ފަޅު ރައްތައް ހަވާލު ކުރުމުގައި އޭރާ މިހާރު އޮތް އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި ފެންނަނީ ނިމި ދިޔަ އެމްޑީޕީ ވެރިކަމުގައި ފަޅު ރަށް ހަވާލު ކުރީ ގާނޫނުގެ އުސޫލުތަކާ ހަމަ ތަކުގެ މަތިންނެވެ. އެހެން ނަމެވެސް މިހާރު "ކޮށްދެއްވަނީ" ރައީސް އަށް ދަންވައިގެން ފެނިވަޑައިގަތުމުންނެވެ.