ކ. މާލެ
|
17 ފެބްރުއަރީ 2025 | ހޯމަ 16:44
ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް
ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް
ރާއްޖެއެމްވީ
މެމްބަރުން ގޮނޑި ގެއްލޭ އިސްލާހު
ގޮނޑި ގެއްލޭ މައްސަލަ ނުބެލޭނޭ ކަމަށް ބުނުމުން ފަނޑިޔާރުން ކުރި ގިނަ ސުވާލުތަކަށް ދައުލަތަށް ޖަވާބު ނުދެވުނު
މި މައްސަލަ އާ މައްސަލަ އެއް ކަމަށް ވީއިރު ސުޕްރީމް ކޯޓަށް މިފަދަ މައްސަލަ ބެލޭނޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން ބުނޭ
ވަކީލް ފާތިމަތު ހަލީމް ވިދާޅުވެފައިވަނީ ގާނޫނުއަސާސީ އިސްލާހުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށާއި މި އިސްލާހު ފާސްކޮށްފައިވަނީ މަޖިލީހުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށް
ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ މި މައްސަލަ މިހާރު ހުށަހެޅިފައިވާ ގޮތަށް ބަލާއިރު ސުޕްރިމްކޯޓަށް އެ މައްސަލަ ބެލިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ދުސްތޫރީ މައްސަލައެއް ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ހޯމަ ދުވަހު ވިދާޅުވުމުން ފަނޑިޔާރުން ކުރެއްވި ގިނަ ސުވާލުތަކަށް ވަކީލަށް ޖަވާބު ނުދެވުނެވެ.

ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ފަށާފައި ވަނީ ހޯމަ ދުވަހުއެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ބަންޑާރަ ނައިބު ޤަބޫލުކުރައްވާ ކަމަށެވެ. ޤާނޫނުއަސާސީ އިސްލާހުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ. ޤާނޫނުއަސާސީ އަށް ގެނައި 6 ވަނަ އިސްލާހު ފާސްކޮށްފައި ވަނީ މަޖިލީހުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މަޖިލީހަށް ޤަނޫނުއަސާސީ އިސްލާހު ކުރެވިދާނެކަމާއި މެދު ސުވާލު އުފެދޭ ހާލަތެއް މި މައްސަލައިގައި ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފައެވެ.

ކޮންމެ ކޯޓަކުން ބަލަމުންދާ މައްސަލަ އެއްގައި ވެސް އެ ކޯޓަކަށް ޤާނޫނުއަސާސީ މާނަކުރެވިދާނެ ކަމަށާއި ދުސްތޫރީ މައްސަލަ އެއްގެ ތެރޭގައި ހިމެނޭނީ ވަކި ބާވަތެއްގެ މައްސަލަތަކެއް ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ވެސް ސުޕްރީމްކޯޓަށް ބެލުމުގެ އިހުތިސާސް ލިބިގެން ވަނީ ވަކި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ މިހާރު ހުށަހެޅިފައިވާ ގޮތަށް ބަލާ އިރު ސުޕްރިމްކޯޓަށް އެ މައްސަލަ ބެލިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ވަކީލް ފާތިމަތު އެފަދައިން ވިދާޅުވުމުން ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ މި މައްސަލަ ދުސްތޫރީ މައްސަލަ އެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވަކީލާ ވިދާޅުވާ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. ދައުލަތަށް އެގޮތަށް ގަބޫލު ނުކުރެވޭ ކަމަށް ވަކީލާ ފާހަގަކުރެއްވުމުން އެކަމުގެ އަސާސަކީ ކޮބައިތޯ އިތުރަށް ސުއޫދު ވަނީ ސުވާލު ކުރައްވާފައެވެ.

"ގަބޫލު ކުރުމާ ޤާނޫނީ ހުއްޖަތެއް ދެއްކުމާއި ތަފާތު" ކަމަށް ފާހަގަކުރައްވާ ސުއޫދު ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން ބުނާތީ އެކަމާއި މެދު ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ވޯޓަކަށް ގޮސްގެން އިސްލާހުކުރަންޖެހޭ ކަމެއް އެ ގޮތަށް ޢަމަލު ނުކޮށް އިސްލާހު ކޮށްފި ނަމަ އެކަން ބާތިލުކުރުމުގެ އިހުތިސާސް ސުޕްރީމްކޯޓަށް އޮންނާނެ ކަމަށް ވަކީލާ ޤަބޫލު ނުކުރައްވަނީތޯ ސުއޫދު ސުވާލުކުރެއްވިއެވެ.

އެހެންނަމަވެސް އެ ސުވާލަށް ވަކީލާ ފާތުމަތު އަށް ޖަވާބެއް ނުދެވެއެވެ. ފަނޑިޔާރު ސުއޫދު ވަނީ މި މައްސަލަ އަކީ އާ މައްސަލަ އެއް ކަމަށް ވެސް ވިދާޅުވެފައެވެ. ސަބަބަކީ މީގެ ކުރިން ޤާނޫނުއަސާސީ އަށް ގެނައި އިސްލާހެއް ބާތިލްކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވުން ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މައްސަލަ އެއް އެ ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމަކީ އަބަދުގެ އަބަދަށް ސުޕްރީމްކޯޓަށް މި ބާވަތުގެ މައްސަލަތައް ބެލުމުގެ ފުރުސަތު ގެއްލުން ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.

އެހެންވީމަ ތި ވިދާޅުވާ ގޮތުން، އަޅުގަނޑުމެން ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނާ ދުސްތޫރީ މައްސަލައިގެ ޑެފިނިޝަންގައި އެ އޮތް ލަފްޒު، ޤާނޫނެއް، ޤާނޫނު އަސާސީ އާއި ޚިލާފުވުން. އެ ބޭނުންކުރާ ޤާނޫނުގެ ތެރޭގަ ތި ވިދާޅުވަނީ ޤާނޫނު ނަމްބަރު 25/2004 ނުހިމެނެއޭ. ރައިޓް؟

ފަނޑިޔާރު ހުސްނުއް ސުޢޫދު

ސުއޫދުގެ އެ ސުވާލާއި ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ޤާނޫނުން ގެނައި އިސްލާހު ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނިގެން ދާ ކަމަށެވެ. ވަކީލާގެ އެ ވާހަކަ އަށް ފަނޑިޔާރު ސުއޫދު ވެސް ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ. އެހެންނަމަވެސް ޤާނޫނުއަސާސީގެ 204 ވަނަ މާއްދާގައި ބުނާ ފަދައިން ޤާނޫނު ނަމްބަރެއް ދީފައިވާ ޤާނޫނެއްގެ "ވެލިޑިޓީ" ނުވަތަ ސައްހަކަމާއި މެދު މައްސަލަ ބެލުމުގެ އިހްތިޞާސް ސުޕްރީމް ކޯޓަށް ނޯންނާނެތޯ ސުއޫދު ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ވެސް ވަކީލާ އަށް ސާފު ޖަވާބެއް ދެއްވިފައެއް ނުވެއެވެ. އަދި ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށް މި މައްސަލަ ހުށަނޭޅޭނެ ކަމަށް ނުބުނާ ކަމަށް ވަކީލާ ވިދާޅުވުމުން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވަނީ ދެން މި މައްސަލަ ހުށަހަޅަންޖެހޭނީ ކޮން ކޯޓަކަށްތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ވެސް ވަކީލާ އަށް ސީދާ ޖަވާބެއް ނުދެއްވުނެވެ. ސާފު ޖަވާބެއް ނުލިބުމުން ވަނީ ވަކީލާގެ ވާހަކަތަކަކީ "މެރިޓް އާގިމެންޓް އެއް" ކަމަށް ނުބެލެވޭ ކަމަށް ފާހަގަކުރައްވާފައެވެ.

ދައުލަތުން މި މައްސަލައިގައި އެދިފައި ވަނީ މި މައްސަލަ އަކީ ސުޕްރީމްކޯޓަށް ބެލޭނެ މައްސަލަ އެއް ނޫންކަމަށް ނިންމާދެއްވުމަށެވެ.

- ކޮމެންޓް