ކ. މާލެ
|
13 ފެބްރުއަރީ 2025 | ބުރާސްފަތި 00:41
އަޅިކެނޑި - ގަވައިދުގައިވާ ގޮތުން ހުއްދަ ނޫންތަނެއްގައި އަޅިކެނޑި ބެހެއްޓުމަކީ ކުށެއް
އަޅިކެނޑި - ގަވައިދުގައިވާ ގޮތުން ހުއްދަ ނޫންތަނެއްގައި އަޅިކެނޑި ބެހެއްޓުމަކީ ކުށެއް
ގެޓީ އިމޭޖަސް
ދުންފަތް ކޮންޓްރޯލު ކުރުން
މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ، މަނާ ތަނެއްގައި އަޅިކެނޑި އެއް ބެހެއްޓިޔަސް އަދަބު ލިބޭނެ
21 އަހަރުން ދަށުގެ މީހެއްތޯ ސުވާލު އުފެދިއްޖެ ނަަމަ އުފަންދުވަސް އެނގޭނެ ރަސްމީ ލިޔުމެއް ދުންފަތުގެ ބާވަތެއް ގަންނަން ދައްކަން ޖެހޭ
ޕޯސްޓުގެ ޒަރީއާއިން މެޝިނެއްގެ ޒަރީއާ އިން ނުވަތަ އިންޓަރނެޓްގެ ޒަރީއާ އިން ދުންފަތުގެ ބާވަތްތައް ގަނެ ވިއްކުން މަނާވާނެ
18 އަހަރުން ދަށުގެ ކުއްޖަކު ޖުރިމަނާ ކޮށްފިނަމަ ބެލެނިވެރިޔާ ޖުރިމަނާ ދައްކަން ޖެހޭނެ

މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އަޅިކަނޑި ބެހެއްޓުން ކުށެއް ކަމަށް ކަނޑައެޅުން ފަދަ ހަރުކަށި އުސޫލުތައް ހިމަނައިގެން ދުންފަތް ކޮންޓްރޯލު ކުރުމާ ގުޅޭ އާންމު ގަވައިދު ގެޒެޓް ކޮށްފިއެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު އާންމު ކުރި މި ގަވައިދުގައި މައިގަނޑު 70 މާއްދާ ހިމެނެއެވެ.

ގިނަ ތަންތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކޮށްފައިވާއިރު ގަވައިދުގައިވާ ގޮތުން، މަނާ ތަންތަނުގައި ތެރޭގައި އާންމު އުޅަނދުފަހަރާއި ތަންތަން ވަނީ ހިމަނާފައެވެ. އެ ގޮތުން އާންމު ދަތުރުފަތުރު ކުރާ އެންމެހާ އުޅަނދު ފަހަރާއި ކަނޑު އުޅަނދުފަހަރު ގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން އެއްގަމު އުޅަނދުފަހަރު ޕާކު ކުރާ ތަންތަނާއި ކަނޑު އުޅަނދުތައް މަޑު ކުރާ ސަރަހައްދުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އަޅިކެނޑިއެއް ބެހެއްޓުން އެއީ ގަވައިދުގެ ދަށުން ކުށެއް ކަމަށް ބުނެފައިވާއިރު، އެއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަ ކުރުން ދެއްކުން ކަމަށް ބެލެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ބެހެއްޓުމަކީ ވެސް ކުށެކެވެ.

އެއްވެސް އިރެއްގައި ވަކި ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިއްޖެނަމަ ގޮތެއް ނިންމާނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދީގެން ކަމަށްވެސް ގަވައިދުގައިވެއެވެ.

މިގަވައިދުގެ ދަށުން އުމުރުން 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުއްޖަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ކުށެކެވެ. އުމުރާ މެދު ސުވާލު އުފެދިއްޖެ ނަމަ ދުންފަތުގެ ބާވަތެއް ވިއްކަންވާނީ އައިޑީކާޑު، ލައިސަންސް، އުފަންދުވަހުގެ ތާރީޚު އެނގޭ ރަސްމީ ލިޔުމެއް ދައްކައިގެން ކަމަށާއި އެކަމުގެ ޒިންމާ ވިއްކާ ފަރާތުން އުފުލަން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.

މެޝިނަކުން ނުވަތަ ޕޯސްޓުގެ ޒަރީއާ އިން ނުވަތަ ސިޓީ މެދުވެރިކޮށް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވަތަ ގަނެގެން ނުވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދާ ޚިލާފުވާ ފުރަތަމަ ފަހަރު 1000 ރުފިޔާ އަދި ދެވަނަ ފަހަރު 2000 ރުފިޔާ އަދި ތިންވަނަ ފަހަރު 3000 ރުފިޔާ އިން ޖުރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ކަނޑައަޅާފައިވެއެވެ.

މުއައްސަސާ ތަކާއި ވިޔަފާރިތައް ހިންގާ ފަރާތްތައް ޖުރިމަނާ ކުރާ އަދަދު ފެށެނީ 3000 ރުފިޔާ އިން ނެވެ.

18 އަހަރު ނުފުރޭ ކުއްޖަކު ޖުރިމަނާ ކޮށްފިނަމަ އެކުއްޖާގެ ބެލެނިވެރިޔާ ޖުރިމަނާ ދައްކަން ޖެހޭނެއެވެ.

ދުންފަތުގެ ވަގު ވިޔަފާރި ކުރާ ފަރާތްތައް ތަކެތީގެ އަގުގެ 10 ގުނައިން ޖުރިމަނާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ދުންފަތުގެ ބާވަތްތައް ނުވަތަ ސިނގިރޭޓް ނުވަތަ ބިޑި އުފައްދަން ބޭނުން ކުރާ ރޯލުކޮށްފައި ހުންނަ ހުސް ޓިއުބު ނުވަތަ ޕައިޕް ނުވަތަ ހުސް ފޮއްޓާއި އެ ނޫންވެސް ވިޔަފާރީގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުން ކުރާ އާލާތްތަކާއި މެޝިން ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ވެސް ގަވައިދުގައިވެއެވެ.

- ކޮމެންޓް