ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ޕީއެންސީ އަށް ވަގަށް ވެއްދި ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކޮށްފައިވަނީ ރ. އަލިފުށީ، ކިޔުބާ އައިމިނަތު އަލީ އާއި ސ.ހުޅުދޫ ސުވާސާގޭ އަލީ އިޒްހާން ކަން ހާމަވެއްޖެއެވެ.
ޕީއެންސީގެ ޕާޓީގެ ރަޖިސްޓްރަރ މުހައްމަދު އަފޫ ހާމިދު ޒިންމާވާ ގޮތައް ޕާޓީގެ ތައްގަނޑު ޖަހާފައިވާ ފިއްޓޭގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 24 ޑިސެމްބަރު 2024 ގައެވެ.
މެމްބަރު ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ޒިޔާދު ތަމްސީލު ކުރައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ކުށްވެރިކޮށްފައެވެ.
ހޯމަ ދުވަހު މައްސަލަ ފެންމަތިވިއިރު، ޕީއެންސީ އަށް އޭނާ ވެއްދި ގޮތް އެނގިފައި ނުވާ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ އިން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.
ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނެސްފައިވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
"އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މި ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ."
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީ އިން އީސީގައި އެދިފައިވާނެ ކަމަށް ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.