Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭގައި ފެންބޮޑުވުން

މާލޭގެ ފެންބޮޑުވުން - އެންމެ ގިނަ މަޝްރޫއު ތަކުގެ ވާހަކަ ދެއްކެވީ ވެސް، ހައްލު ހޯދުމަށް އެންމެ ގިނަ ދުވަހުގެ ފުރުސަތު ލިބިވަޑައިގަތީ ވެސް މުއިއްޒަށް

ރައީސް މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގެ 7 އަހަރާއި މޭޔަރު ކަމުގައި ހޭދަކުރެއްވި 2 އަހަރު ވެސް ފެން ބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުގެނެވުނެވެ. ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އަހަރެއް ފާއިތުވީއެވެ. 10 އަހަރުގެ މުއްދަތަކީ ލައްކަ ދުވަހެވެ. ރައްޔިތުންނަށް ކަމެއް ރަނގަޅު ކޮށްދޭން ދެން މިފަދަ ފުރުސަތެއް ލިބުނު އެހެން ފަރާތެއް ފަހުގެ ތާރީޚުގައި ރާއްޖެ ދެކެފައެއް ނުވެއެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 07:18
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެވޭ މަގާމުތަކުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެތައް އަހަރެއް ވަނީ ހޭދަކޮށްފައި

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެވޭ މަގާމުތަކުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެތައް އަހަރެއް ވަނީ ހޭދަކޮށްފައި

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ދިމާވަމުން އަންނަ މައްސަލައެކެވެ. މި މައްސަލައަށް ހައްލު ހޯދުމަށް އެކި ސަރުކާރުތަކުން އެތައް މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް، އަދިވެސް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.

މިދިއަ ހުކުރު ދުވަހު ވެހެމުން ދިއަ ބޯވާރެއާއެކު މުޅި މާލޭގައި ފެންބޮޑުވެ، އެތައް ބައެއްގެ މުދަލަށް ގެއްލުން ލިބުނުއިރު، ހާލުގައި އުޅެމުންދިއަ އެތައް އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ދަށަށް ދިއައެވެ. ހުކުރު ދުވަހަކީ ފަހުގެ ތާރީޚެއްގައި މާލެއަށް އެއްމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވުނު ދުވަހެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭ ގިނަ ދުވަސް ދުވަހު މާލޭގެ ހާލަތަކީ މިއީ އެވެ. އޭރެއްގެ އޮންނަ ސަރުކާރަކަށް އެތައް ފާޑުކިއުމެއް އަމާޒުވެއެވެ. މި ފަހުގެ ފެންބޮޑުވުމުގެ މި ހާދިސާގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ފެން ހިންދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވި ލަސްވެގެން ދިއަ ދިއުމެވެ. މާފަންނު ސަރަހައްދު، މަޖީދީމަގުގައި ހެދުނު ފެންގަނޑު ނުހިނދި، އެމަގުން ދުއްވާފައި ދިއަ އެތައް އުޅަނދުތަކެއްގެ ރާޅު ބާންޏާއެކު އެ ސަރަހައްދުގެ ފިހަރާތަކަށް ފެންވަދެ އެތައް މުދަލަކަށް ގެއްލުން ވިއެވެ. އެހީތެރި ކަމަށް އެދި އެތައް ފޯންކޯލް އެއް ކުރި އިރުވެސް އެ އެހީތެރިކަން ނުލިބި ލަސްވުމުން، އެންމެ ފަހުން ފިހާރަތަކުގެ އޯނަރުން ނުކުމެ މަގުމަތިން އައި ވެހިކަލްތައް ހުއްޓުވާ ހިސާބަށް ދިއައެވެ. އަދި އެ ވަރުން ނުވެގެން ރަސްފަންނާ ވީ ހިސާބުން ކޯރު ކަނޑާ ފެންގަނޑު ހިންދޭތޯ މަސައްކަތް ކުރިއެވެ.

ރައްޔިތުން މިއަދު އުފައްދާ ސުވާލަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ހައުސިންގ މިނިސްޓަރު ކަމުގައި އާއި މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުތަކާ މިއަދުގެ މިހާލަތާ ދިމާނުވުމެވެ.

ސެޕްޓެމްބަރު 1، 2016 ގައި، އޭރުގެ ހައުސިންގ މިނިސްޓަރު ކަމުގައި މުއިއްޒު ހުންނަވައިގެން ވިދާޅުވެފައިވަނީ މަގުތަކުން ފެން ނުހިނދި އުޅެންޖެހޭ ޖެހުން ދިވެހިން މުޅިން އެކީ ހަނދާން ނެތިއްޖެ ކަމަށެވެ. 45 މިނެޓްގެ ތެރޭގައި ފެންގަނޑު ހިންދާލެވޭނެ ކަމަށެވެ. ނަމަވެސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މާލެއަށް ވެހުނު ބޯ ވާރޭއާ ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، މިނިސްޓަރު މުއިއްޒު ރައްޔިތުން ކިބައިން މައާފަށް އެދިވަޑައިގަތެވެ. ދެން އެކަން އެޅުވީ ރައްޔިތުންގެ ބޮލުގައެވެ. ފެންބޮޑުވުމާ ގުޅިގެން، އޭރުގެ މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާން ދިމާވީ، މަގުތަކުން ފެން ހިންދަން އެ ސަރުކާރުން ގާއިމް ކުރި ނިޒާމް، ސްޓޯމް ވޯޓާ ސިސްޓަމްއަށް ބަޔަކު ގެއްލުންދީފައި ވާތީ އެ ނިޒާމު މަސައްކަތް ނުކުރާތީ ކަމަށެވެ. އަދި އެ ނިޒާމުގެ ޕެނަލް ބޯޑުތަކަށް ގެއްލުންދީ އެ ނިޒާމު މަސައްކަތް ނުކުރާ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވެ އެކަން ބޮލުން ނައްޓާލެއްވިއެވެ. ނަމަވެސް ވެރިކަން ބަދަލުވެ އިދިކޮޅުގައި މަސައްކަތް ކުރައްވަން ފެށި ހިސާބުން ރާގު ބަދަލު ކުރައްވާ އެކަން އެމްޑީޕީ ސަރުކާރުގެ ބޮލަށް ޖަހަން މަސައްކަތް ކުރެއްވިއެވެ.

ޑިސެމްބަރު 15، 2021 ގައި ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ވިދާޅުވީ ސިޓީ ކައުންސިލާ ހަވާލުކޮށްފި ނަމަ ރައްޔިތުންނަށްޓަކާ ޕަމްޕުތައް ޖައްސައިގެން ބަލަހައްޓާނެ ކަމަށެވެ. ޕަމްޕުތައް އެއްފަހަރާ މަސައްކަތް ކުރާނަމަ ބުރުޒުމަގުން ފެށިގެން ދެކުނަށް ހުރި މަގުތައް އަދި އިއްޒުއްދީން މަގުން ފެށިގެން ހުޅަނގަށް ހުރި ގިނަ މަގުތަކުން ތިން ގަޑި އިރުގެ ތެރޭގައި އެއްކޮށް ފެން ހިންދޭނެ ކަމަށެވެ. ހަމައެއާއެކު 2023 ވަނަ އަހަރުގެ އެޕްރީލް މަހު، މުއިއްޒު ވިދާޅުވެފައިވަނީ ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތުން ޒިންމާ އަދާނުކުރާ ކަމަށެވެ. މާލެ އަށް ވާރޭ ވެހި، މަގުތަކުގައި ފެން ނުހިނދި އޮތް މައްސަލައާ ގުޅިގެން އޭރު މޭޔަރު ކަމުގައި ހުންނަވައިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، މިހެން ދިމާވާން މެދުވެރިވީ ސްޓޯމް ވޯޓާ ބަލަހައްޓާ ފަރާތުން ޕަމްޕުތަކުގެ ސްވިޗް އޮން ނުކޮށް ގިނައިރު ވަންދެން ބަހައްޓާފައި ހުރުމުން ކަމަށެވެ. މި ފަހަރު ސަރުކާރުގެ ބޮލުގައެވެ. ސްޓޯމް ވޯޓާ ސިސްޓަމްގެ ޕަމްޕުތައް ބަލަހައްޓަނީ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ނެވެ. ނަމަވެސް އެ ކުންފުނިން އޭރު ބުނީ، ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ކަމަށާއި، މަގުތަކުގައި ފެން ބޮޑުވާ ހާލަތްތަކުގައި ޕަމްޕުތައް އަމިއްލަ އަށް އޮން ވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މިނިސްޓަރު ކަމުގެ 7 އަހަރުގައި ވެސް ފެން ބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުގެނެވުނެވެ. ސަރުކާރުގައި ހުންނަވާ ކޮންމެ ފަހަރަކު ކުށްވެރި ކުރައްވަނީ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކެވެ. އިދިކޮޅުގައި ހުންނަވާ ކޮންމެ ފަހަރަކު އޭރެއްގެ އޮންނަ ސަރުކާރުގެ ބޮލުގައެވެ. މޭޔަރު ކަމުގައި ހުންނަވައިގެން ގޯސް ކުރެއްވީ އޭރުގެ ސަރުކާރެވެ. މިހާރު އެހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައެވެ. ހުރިހާ ކަމެއް ނިންމުމުގެ ބާރުވެރިކަމުގައެވެ. މޭޔަރު ކަމުގައި ހުންނަވައިގެން އެ ދެއްކެވި ވާހަކަތަކަށް އަމަލީ ސިފަ ގެނެވޭ ހިސާބުގައެވެ. މިއިން ޒަމާނެއްގައި މާލެ އަށް ވާރޭ ނުވެހޭ މިންވަރަށް ވާރޭވެހި އެތައް ގެއްލުމެއް ލިބުނު އިރު އެމަނިކުފާނު ހުންނެވީ ޗުއްޓީ ހޭދަކުރައްވަން އާ ރަށުގައެވެ. އަދި މިވަގުތާ ހަމައަށް ވެސް އެމަނިކުފާނު ބަހެއް ވިދާޅެއް ނުވެއެވެ.

ކޮންމެއަކަސް މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫޢު އެއް މެއި 9، 2024 ގައި އިފްތިތާހު ކޮށްފިއެވެ. މާލޭ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެށި މި މަޝްރޫއުގެ ދަށުން މާލޭގެ ދެ ސަރަހައްދެއްގައި ވަނީ ވަގުތީ ނިޒާމު ގާއިމުކޮށްފައެވެ. ވަގުތީ ނިޒާމެއް ގާއިމްކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ވެސްޓް ޕާކު ހިމެނޭ ސަރަހައްދާއި ވިލިގިނލީ ފެރީ ޓާރމިނަލް ހުރި ސަރަޙައްދު ހިމެނެއެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު މާލެއަށް ވެހުނު ބޯވާރޭއާ ގުޅިގެން މާލޭގެ މަގުތަކުގައި އަނެއްކާވެސް ފެންބޮޑުވެ، މިހާތަނަށް ގާއިމުކުރެވިފައިވާ ވަގުތީ ނިޒާމުތައް ވަނީ ފެއިލްވެފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ އެއްފަހަރަކު ދެ ފަހަރަކު ނޫނެވެ. ފެއްޓެވީ އެންމެ މަޝްރޫއެއް ދެ މަޝްރޫއެއް ނޫނެވެ. މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މަތީ މަގާމުތަކުގައި ހުންނަވަން 10 އަހަރުގެ މުއްދަތަކީ ލައްކަ ދުވަހެވެ. ރައްޔިތުންނަށް ކަމެއް ރަނގަޅު ކޮށްދޭން ދެން މިފަދަ ފުރުސަތެއް ލިބުނު އެހެން ފަރާތެއް ފަހުގެ ތާރީޚުގައި ރާއްޖެ ދެކެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު