އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ)ގެ ދަރިފުޅު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކޮށްފައި ވަނީ ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ފުލުހުން ވަނީ 26 ޑިސެންބަރު 2024 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރުގެ ދަށުން މެންދަމު 1:30 ހާއިރު އާރްޑީސީގެ ކުރީގެ އެމްޑީ މޫކޭ ދިރިއުޅޭ ގ. ދިލްކަޝްގޭގެ އެޕާޓްމެންޓެއްގެ އިތުރުން، އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންއަށް ނިސްބަތްވާ ދެ ގެއެއް ބަލާ ފަސްކޮށްފައެވެ. އަދި މޫކޭގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓު ވެސް ބަލައި ފާސްކޮށްފައިވެއެވެ. އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޫކޭ ވަނީ ކުއްލިއަކަށް މިހާރު އަނެއްކާވެސް ތަންތަން ބަލާ ފާސްކޮށް މައްސަލަ ބަލާ ކަމަށް ދައްކާ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ.
އަދި ބަލާ ފާސްކުރަން ގެނައި ކޯޓު އަމުރުގައި އޭނާގެ ދަރިފުޅު ދިރިއުޅޭ ގެ ބަލާ ފާސްކުރީ އެއީ އޭނާ ދިރިއުޅޭ ތަނެއްކަމަށް ފާހަގަކޮށް ކަމަށް ވީ ނަމަވެސް އެތަނުގައި ދިރި ނޫޅޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ބަލާ ފާސްކުރުމުގައި ފުލުހުން އަމަލުކުރީ ވަރަށް -ޕްރޮފެޝަނަލްކޮށް ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދުނު ނަމަވެސް އެކަން ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 20 ވަރަކަށް މިނިޓު ތެރޭގައި އެތަން ބަލާ ފާސްކޮށް ނިންމާފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ އޭނާގެ ގެ ފާސްކުރަން އައި ދުވަހަކީ ސަރުކާރުގެ ޚިޔާނާތުގެ ވާހަކަ އޭނާ އެކި ޕްލެޓްފޯމްތަކުގައި ދައްކާފައިވާ ދުވަހެއް ކަަމަށެވެ. އެގޮތުން އެ ދުވަހު އޭނާ ވަނީ ރާއްޖޭގެ ޓީވީ ޗެނަލް އެއްގެ އިތުރުން އެމްޑީޕީ ހަރުގެ ޖަލްސާގައި ވެސް ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަދައްކާފައި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ލޯޔަރެއްގެ ފުރުސަތަށް އެދުނިން. އެ ބޭފުޅުން ކުރައްވަން ޖެހޭ ކަމެއް ކުރައްވާފަ ވަޑައިގަތީ. ގެންދެވީ ހަލާކުވެފައި ހުރި ލެޕްޓޮޕަކާ އޭރު ގެންގުޅުނު ފޯނާ. އަޅުގަނޑުގެ ދަރިފުޅު އުޅޭ ގެއަށް ވަދެފައި ވަނީ ގޯސްކޮށް. އެއީ ދޮގު މައުލޫމާތެއް ކޯޓު އަމުރުގައި އޮތީ. އެއީ ދިރިއުޅޭ ތަނެއް ކަމަށް އޮތީ. އަޅުގަނޑު އެ ތަނުގައި ދިރި ނޫޅޭތާ ކިތަންމެ ދުވަހެއް.އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ)
ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެ ބަލައި ބަލައި ފާސްކުރަން ކޯޓު އަމުރު ހޯދީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިގެން ކަމަށް ވާއިރު އެއީ ވެސް މި ސަރުކާރުން މީހުން ހައްޔަރުކުރުމާއި އަނިޔާގެ އާ ބޮޅެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ. ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) މާލޭގައި ދިރިއުޅުއްވާ އެޕާޓްމެންޓާއި، އޭނާގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭގައި ދިރިއުޅުއްވާ އެޕާރޓްމެންޓު އަދި އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެކެވެ. ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން މޫކޭ ދިރިއުޅޭ އެޕާޓްމަންޓާއި ޔާސިރާ ގުޅުން އޮތް ތަންތަން ބަލައިފާސްކޮށް ބައެއް އިލެކްޓޯނިކް ސާމާނުތައް ގެންގޮސްފައެވެ.
ފުލުހުން މި މައްސަލަ އާއި ގުޅިގެން ބުނެފައި ވަނީ މިމައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާ ކަމަށާއި އަދި އެތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މީގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެވެ. ފުލުހުން ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. އަދި ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާ ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މޫކޭ ވިދާޅުވީ މި މައްސަލަ ބަލަމުން ދަނީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ދައްކަން ފެށުމުން އެ ވާހަކަތައް އޮއްބާލުމަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ހިޔާނާތްތެރިވި ކަމަށް ބެލެވޭ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ވެސް ވަދެފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސެޕްޓެމްބަރު، 2022، ގަ އެވެ. އެ މައްސަލައިގައި ފުލުހުން އާރުޑީސީ ބަލައި ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގަ އެވެ.
އާރުޑީސީގެ މައްސަލައިގައި މޫކޭ އާއި ޔާސިރުގެ ގެ ބަލައި ފާސްމިކުރީ މި ފަހަކަށް އައިސް މި ސަރުކާރުގެ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެ ރައްޔިތުންގެ ފާޑުކިޔުންތައް ގިނަވެފައި ވަނިކޮށެވެ.