މާލޭގެ ޕާކިންއަށް އަދި ޓްރެފިކިންއަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރަށް ބޮޑުވާނެ


ބުދަ ދުވަހު ކުރިއަށް ގެންދިޔަ އިގްތިސާދީ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން
ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނުމުން ވަރަށް ބޮޑަށް ދަތިތަކާއި އުދަނގޫތައް ކުރިމަތިވާނެ ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ އިގްތިސާދީ ކޮމެޓީ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ވަގުތީ ރައީސް އިބްރާހިމް ނިޔާޒު ވިދާޅުވީ ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމައި، އެކަން ކުރުމަށް ތައްޔާރުވަމުންދާއިރު، މިހާރު މި ދާއިރާގައި މަސައްކަތް ކުރާ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށް މިސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގެ އުދަނގުލާއި، ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އިގްތިސާދީ ގޮތުން ނެދެވޭ އަސަރުކޮށް، ވިޔަފާރީގެ ވާދަވެރިކަން ނެތިގޮސް، ވަޒީފާގެ ކަންބޮޑުވުމާއި، މާލޭގެ ޕާކިންއަށް އަދި ޓްރެފިކް އަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރަށް ބޮޑުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އުޅަނދުތައް ހުރިހާކަމެއްގައި ވެސް އިސްކުރާނެ ކަމަށާއި، ޕާކިންއަށް ވެސް ފުރުސަތު ލިބޭނީ ސަރުކާރުން އުޅަނދުތަކަށް ކަމަށެވެ.
މީގެ އިތުރުން ނިޔާޒު ވިދާޅުވީ ޓެކްސީ އެކި ސެންޓަރުތަކުގައި 3000ށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުން ރަޖިސްޓަރ ވެފައިވާ ކަމަށާއި، ޓްރާސްޕޯޓު މިނިސްޓްރީގެ ދަފްތަރުގައި މިހުރިހާ ޑްރައިވަރުން ނުހިމެނިދާނެ ކަމަށެވެ. އަދި ވިދާޅުވީ އެތައް ވެހިކަލެއް މިހާރު ވެސް މާލެ ގެނެސްފައިވާއިރު، ރަޖިސްޓްރީ ނުކުރެވި، އުދަނގޫތައް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ޓެކްސީ ޑްރައިވަރުންގެ މިކަންބޮޑުވުންތަކަށް ހައްލު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެކްސީ ދާއިރާ އިތުރަށް ފުޅާކޮށް، ޚިދުމަތް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައްތަކަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު، ގާނޫނާ ގަވާއިދު އިސްލާހުކޮށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މި ޚިދުމަތް ހަރުދަނާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޚިދުމަތުގެ އަގުގެ މައްސަލަ އުޅޭ ކަމަށްވާނަމަ، މީޓަރު ހަރުކޮށްގެން ހައްލު ކުރެވޭނެ ކަމަށެވެ.
ޓެކްސީ ޚިދުމަތްތައް ދިނުމާއި ގުޅޭގޮތުންނާއި، ޑްރައިވަރުންގެ ގިނަ ކަންބޮޑުވުންތައް މިކޮމެޓީގައި ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހިއްސާކޮށްފައިވާއިރު، މިކަންބޮޑުވުންތަކާއި ގުޅިގެން ކޮމެޓީގެ މުގައްރިރުގެ ނައިބު ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކަންބޮޑުވުންތަކަށް ބެލުމަށްފަހު ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ. ބަދަލުތައް ގެނައުމުގައި ޓެކްސީ ޑްރައިވަރުންނާއި، އާއްމު ފަރުދުންގެ ހައްގުތަކާއި، ސަރުކާރަށް ވެސް އުދަނގޫ ނުވާނެ ގޮތަކަށް ކަންކަން ނިންމާނެ ކަމަށް މެންބަރު ސައުދުﷲ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަންކަން ނިންމައި، ކުރިއަށް ގެންދާނީ މަޝްވަރާގެ ދަށުން ކަމަށެވެ.