ކ. މާލެ
|
20 އޮކްޓޯބަރ 2024 | އާދީއްތަ 19:11
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު
ރައީސް މުއިއްޒު އަދި މާލީ ވަޒީރު ޒަމީރު
ރާއްޖެއެމްވީ
މާލީ ހިސާބުތައް ސިއްރުކުރުން
ދޮގެއްވާ ނޫން، އަރަންޏާ ހަވާލުވަންޏާ، ދަރަންޏާ ވެސް ހަވާލުވާން ވާނެ!
ސަރުކާރުން ބޭނުންވަނީ ހުސްއެކަނި ކްރެޑިޓެވެ. އަރަނި ވީމަ އެކަން ހިސާބުގައި ހިމަނާފަ، ދަރަނި ޖަހަން ބޭނުމީ ކުރީ ސަރުކާރު ބޮލަށެވެ. އެކަމަކު އަރަންޏާ ހަވާލުވަންޏާ، ދަރަންޏާ ވެސް ހަވާލުވާން ވާނެތާއެވެ.

ދެން މި ދެ ދުވަހަކު މި ނޫން ވާހަކަ އެއް މީޑިއާ އަކަސް މީސްމީޑިއާއަކަސް ނުފެންނާނެއެވެ. ދައުލަތުގެ ޚަރަދުތައް ނިމިދިޔަ ސަރުކާރުން ރެކޯޑުކުރަމުން ދިޔަ ގޮތުން ސީރިއަސް މައްސަލަތަކެއް ދިމާވި ވާހަކައެވެ. އަދި ޤާނޫނާ ފުށުއަރާ ފަދަ މައްސަލަތަކެއް ފާހަގަކުރެވުނު ވާހަކައެވެ. ވެރިކަމަށް އަހަރު ދުވަސް ވާން ކައިރިވެފައި ވަނިކޮށް މި ސަރުކާރުން މި ފެށީ ސަރުކާރުގެ "ކުރީ ސަރުކާރު، ކުރީ ސަރުކާރުގެ" މުޅިން އާ ބޮޅެކެވެ. ފެށުނީއްސުރެ އަމަލުކުރަމުންދާ ބީދައިން މާލީ ހިސާބުތައް އޮޅުންބޮޅުންވުމުގައި ކުށްވެރިއަކީ ވެސް ކުރީ ސަރުކާރުކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އެބަ ވިދާޅުވެއެވެ. މާލީ ހިސާބުތައް ހާމަ ނުކުރުމުގެ ޒިންމާވެސް މި ކަނޑާލީ ކުރީ ސަރުކާރުގެ ބޮލަށެވެ. މާލީ ވުޒާރާއިން "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން މަޑުޖައްސާލީ ނިމިިދިޔަ ޖޫން މަހުއެވެ. އޭގެ ފަހުން ފަސް ވަރަކަށް މަސް ދުވަސްވީ އިރު ވެސް ބަލާ ބަލާ ވެސް ގޯސްކޮށް ހުރި ހިސާބުގެ ފުރިހަމަ އަދަދެއްވެސް ކުޑަމިނުން ސަރުކާރަށް ބުނެ ދެވިފައެއް ނެެތެވެ.

ސަރުކާރުގެ މި ވާހަކަތަކާއި އެކު އާއްމުންގެ ޚިޔާލާއި، ސިޔާސީ މީހުންގެ ޚިޔާލުތައް ވެސް އޮއްސާލައިފިއެވެ. މީސްމީޑިއާގައި އެންމެ ބާރަށް ދައްކަނީ މި ވާހަކައެވެ. އެއްބަޔަކު ސަރުކާރަށް ސަނާކިޔަނީއެވެ. ސަރުކާރުން އެޅިހާ ބަތަކަށް ރިހަ އަޅާ، މާލީ ހިސާބުތައް ހާމަ ނުކުރަން ސަރުކާރުން އެޅި އަނދުނުގެ ކުލަ ރަނގަޅަށް އެއް ބަޔަކު ގައިގައި ހިފައިފިއެވެ. ދެން އޮތީ މި ވާހަކަ ޤަބޫލު ނުކުރާ މީހުންނާއި އިގްތިސާދީ މަޝްރަހުގެ ކަންކަން ބަލާ، ފާޑުކިޔާ މީހުންގެ ވާހަކައެވެ. ޓްވިޓަރ އަށް ވަނުމާއި އެކު ލޮލުގައި އަޅައިގަތީ އެފަދަ ވާހަކައެކެވެ. އެއީ އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް ކުރައްވާފައިވާ ޓްވީޓެކެވެ.

އެ ޓްވީޓުގައި ވާ ވާހަކަ ވަރަށް ޝައުގުވެރިކަމާއި އެކު ކިޔާލައިފީމެވެ. އޭގައި ވާ ވާހަކައަކާއި އަޅުގަނޑަށް ހަމަގައިމުވެސް ދެބަސް ވެވޭކަށް ނެތެވެ. އެއްކޮޅުން ދަރަނި ބޮޑުވެގެން ކުރީ ސަރުކާރު ކުށްވެރިވާ ނަމަ ކުރީ ސަރުކާރުގެ މަސައްކަތުން އަރަނިވާ މިންވަަރަށް ހައްގު ކްރެޑިޓް ވެސް ދޭން ވާނެތާއެވެ. އެ ޓްވީޓްގައި މައުރޫފް ވިދާޅުވެ ދެއްވާފައި އެ ވަނީ ވެލާނާ އެއަރޕޯޓް ޕްރޮޖެކްޓަށް ސައުދީއިން ދިން 1.5 ބިލިއަން ރުފިޔާއާއި، ބޭރުގެ އެހީއާއެކު ހިންގާ އެހެނިހެން ޕްރޮޖެކްޓް ތަކަށް ލިބުނު ބައި ބިލިއަން ރުފިޔާގެ ވާހަކައެކެވެ. އެހެންކަމުން މުޅިއެކު ޖުމްލަ 2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މި ހިނގާ 2024 ވަނަ އަހަރެވެ. އެހެންނަމަވެސް މި އަހަރުގެ ބަޖެޓުގެ ހަރަދުގެ ގޮތުގައި އެ އަދަދުތައް ހިމަނާކަށް ސަރުކާރުން ހިލާ ބޭނުމެއް ނުވިއެވެ.

އެކަން އެހެން އޮތް އިރު މައުރޫފްގެ ޓްވީޓްގައި ފާހަގަކުރައްވާ ފަދައިން ޚަރަދުބަރަދު ބަލަހައްޓަނީ އެ ހަރަދެއް ކުރި ތާރީޚަށް ނިސްބަތްކޮށެވެ. އެކަން އެނގޭކަށް މާމޮޅު ހިސާބުވެރިއަކަށް، މާމޮޅު އެކައުންޓެންޓަކަށް ވާކަށް ނުޖެހެއެވެ. އެއީ އާއްމު އުސޫލުން ވެސް ކަންކަން ބަލަހައްޓާ އުސޫލެވެ. އެހެންނަމަވެސް ގަދަފައި ވިއްދާފައި ސަރުކާރުން މި އަދަދުތައް ހިމަނަން ބޭނުންވަނީ ނިމިދިޔަ 2023 ވަނަ އަހަރުގެ ބަޖެޓުގެ ހަރަދުގެ ގޮތުގައެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ މި އަހަރުގެ ޚަރަދުތައް ބަޖެޓަށް ވުރެ އިތުރުވާ ކަމަށް ބުނެ ދައްކަވާ އުޒުރެވެ.

މައުރޫފްގެ ޓްވީޓުގައި ވަރަށް ސާފުކޮށް ވިދާޅުވެފައި އެ ވަނީ ސަރުކާރުން މިކަން މިގޮތަށް ކޮށްގެން ހާސިލްކުރަން ބޭނުންވާ ހަގީގީ މަގްސަދެވެ. އެކަމުން ހާސިލް ކުރަން ބޭނުންވާ ކަމަކީ މި ސަރުކާރުގެ މި އަހަރުގެ ހަރަދުތަކުގެ ޖުމްލަ ހިސާބުތަކުން ފެންނަ އަދަދު ކުޑަކުރުމެވެ. އަދަދުތައް އޮޅުވާލާ، މާލީ ގޮތުން ރައްޔިތުންނަށް އޮޅުވާލުމުގެ ތަސްވީރެއް ދެއްކުމަކީ މި ނިންމުމުގެ ހަގީގީ ބޭނުމެވެ. އެކަަމަކު މި ނިންމުމުގެ ވަށައިގެން ބަލާލުމުން ވެސް ފެންނަނީ ސަރުކާރުގެ ދެއުޅި އެއްނުވާ ސިޔާސަތެވެ. ނޫނީ ދެކޮޅު ނުޖެހޭ، ދޯދިޔާ ޚިޔާލާތެވެ.

ސަބަބުވެސް ދަންނަވާލާނަމެވެ. މައުރޫފްގެ ޓްވީޓްގައި ފާހަގަކުރައްވާފައިވާ ފަދައިން ފާއިތުވި އަހަރު، ކުރީ ސަރުކާރުން ސޮއިކުރި ފައިނޭންސިންގ އެގްރީމަންޓްތަކާއި، ކްރޮސް ސަބްސިޑީ ޓޫރިޒަމް ޕްރޮޖެކްޓުތަކުގެ އެތައް މިލިއަން ޑޮލަރެއް ލިބިފައިވަނީ މި ހިނގާ 2024 ވަނަ އަހަރެވެ. ކުރިން ހަރަދު ކުރި ފައިސާ ނިމިދިޔަ އަހަރުގެ ހިސާބުތަކުގެ ތެރޭގައި ހިމެނުމަށް ގަދައަޅާ ވާހަކަ ދެއްކެވި ބޭފުޅުން އަރަންޏާއި މެދު ޢަމަލުކުރަން ބޭނުމީ އެއާއި ދިމާ އިދިކޮޅަށެވެ. އެ އަދަދުތައް ވަނީ މި އަހަރުގެ ބަޖެޓުގެ އާމްދަނީގެ ގޮތުގައި އެކައުންޓުކޮށް، އޭގެ ކްރެޑިޓާއި ސަޅިކަން ސަރުކާރަށް ހޯދާދީފައެވެ. ހަމައެގޮތަށް ކުރީގެ ކޮންޓްރެކްޓަކުން ލިބޭ އާމްދަނީ އެކައުންޓުކުރީ ޕޭމަންޓު ލިބުނު ތާރީޚުގައި މި އަހަރުގެ ބަޖެޓުގެ އެއްޗެއްގެ ގޮތުގައެވެ. އަޖައިބު ހައިރާނެއް ނުވާނެތޯއެވެ؟ އެހެންވީމަ ހަރަދު އެކައުންޓުކުރަން ޖެހޭނީ ޕޭމަންޓު ދޫކުރި ތާރީޚުގައި ހަމަ މި އަހަރުގެ އެއްޗެއް ގޮތުގަ ކަން އެއީ ލިބުނު އާމްދަނީ ހިސާބުކުރި މޭރުމުން ބެލިޔަސް އެކަން ހިނގަންވާނެ ގޮތް ނޫންތޯއެވެ؟

މި ހުންނަނީ ރޯމާ ދުވާލު ރައްޔިތުންނަށް ސަރުކާރުން އޮޅުވާލާ އޮޅުވާލުމެވެ. މޮޅެއް ވިއްޔާ މަމެން، ދަރަންޏެއް ވިއްޔާ ކުރީ ސަރުކާރު އުސޫލުން ހުރިހާ ކަމެއް އެދަނީ ކުރައްވަމުންނެވެ. ޕްރޮޖެކްޓެއް ވިޔަސް ނިމި އޭގެ ފޮނިކަން ލިބެންވީމަ ބުނަނީ ތިމަންނާމެންގެ މޮޅުކަމުން އެކަންވީ ކަމަށެވެ. ޚަރަދެއްކޮށްގެން ކުރެވޭ ކަމެއް ވިއްޔާ ޕްރޮޖެކްޓެއް ހިންގަންވީމަ ވެސް މި ބުނަނީ "ހޯހޯ ބަޖެޓެއް ނެތް" ކަމަށެވެ. މާލީ ހިސާބު ޖަހަންވީމަ ވެސް ފައިދާ މަމެންނަށް، ދަރަނި އެވެރިންނަށް އުސޫލު އެދަނީ ގާތްކުރައްވަމުންނެވެ. އަރަންނާ ހަވާލުވަންޏާ، ދަރަންޏާ ވެސް ހަވާލު ނުވާންވީ ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށްވެސް ނޭނގުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް