ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 16:25
އޯގަސްޓް 12/13، 2014 ގައި ޖުމްހޫރީ މައިދާނަށް މީހުން އެއްވެފައި
އޯގަސްޓް 12/13، 2014 ގައި ޖުމްހޫރީ މައިދާނަށް މީހުން އެއްވެފައި
ޓްވިޓަރ
އޯގަސްޓް 12/13
ކަޅުހުކުރަށް މިވީ ކިހިނެއް؟
 
އޯގަސްޓް 12/13 ފާހަގަކުރަނީ ޑިމޮކްރަސީގެ ހުޅުކޮޅު ދިއްލުނު ދުވަހުގެ ގޮތުގައި
 
ފާއިތުވި 12 އަހަރު ވެސް އޯގަސްޓް 12/13 ފާހަގަ ކޮށްފައިވޭ
 
ވަކި މީހަކު ފިކުރު ބަދަލުކުރުމުން ތާރީހް އޮޅުވައެއް ނުލެވޭނެ

ކަޅު ހުކުރު ނުވަތަ އޯގަސްޓް 12/13، ފާހަގަކުރަނީ ޑިމޮކްރަސީގެ ހުޅުކޮޅު ދިއްލުނު ދުވަހުގެ ގޮތުގައެވެ. އެއީ ރާއްޖޭގެ ތާރީހުގައި އާ ސަފްހާއެއް ލިޔެވިގެން ދިޔަ ދުވަހެކެވެ. މީގެ 13 އަހަރު ކުރިން 2004 ވަނަ އަހަރު ހިނގާދިޔަ ކަންކަމާ ގުޅިގެން ރާއްޖޭގައި އެތައް ކަމެއް ބަދަލުވެގެން ދިޔައެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގައި ވެސް އެ ދުވަސް އައީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންނެވެ. އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ކިތަންމެ ދަތިހާލެއްގައި ވެސް އެ ދުވަސް އައީ ފާހަގަ ކުރަމުންނެވެ. ނަމަވެސް މި އަހަރުގެ އެ ދެ ދުވަސް މި ވަނީ ފާއިތުވެގެން ގޮސްފައެވެ. އެ ދުވަހުގެ ވާހަކަ ދައްކާލާނެ މީހަކު ނުވިއެވެ. ހީވާ ގޮތުން އެ ދުވަސް މަތިން އެއްވެސް މީހަކު ހަނދާނެއް ނެތެވެ.

ޖަލަށް ލާފައި ހުރި އީވާން ނަސީމަށް އަނިޔާކޮށް މަރާލި ހާދިސާއާ ގުޅިގެން އޭގެ އަހަރެއްހާ ދުވަސް ފަހުން އެތައް ހާސް ބަޔަކު ޖުމްހޫރީ މައިދާނަށް ޖަމާވި، އޯގަސްޓް 12/13 ރާއްޖޭގައި ފާހަގަކުރަނީ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ދުވަހުގެ ގޮތުގައެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ތެރޭގައި އެންމެ ބޮޑަށް އަޑުއުފުލަނީ އަނިޔާއާ ދެކޮޅަށެވެ. ސިޔާސީ ފަރާތްތަކުގެ މައިގަނޑު މައުލޫއަކީ ވެސް އަނިޔާއެވެ. އެ ޒަމާނުގައި ޖަލުތަކުގައި އަނިޔާކުރި ގޮތަށް މިހާރު އަނިޔާތައް ނުކުރި ނަމަވެސް ދޭތެރެ ދޭތެރެއިން އަނިޔާތަކުގެ ވާހަކަ ދެކެވެއެވެ. އޭގެ އިތުރުން އެ ނޫން ގޮތްގޮތުން ދޭ އަނިޔާތައް ކުރިއަށް ވުރެ ބޮޑެވެ. ނުހައްގުން އަދަބު ދިނުމާއި ނުހައްގު ދައުވާތައްކޮށް ޖަލަށް ލުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރުމާއި ނަފްސާނީ ގޮތުން ސިޔާސީ ފަރާތްތަކަށް ދެމުން ގެންދާ އަނިޔާތައް ކުރިއާ އަޅާ ބަލާއިރު އިހުނަށް ވުރެ މާ ބޮޑެވެ.

އިދިކޮޅު ފަރާތްތަކާއި އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގެ މައިގަނޑު މައުލޫއަކީ ވެސް އަނިޔާއާ ދެކޮޅަށް އަޑު އުފުލުމެވެ. ނަމަވެސް އަނިޔާއާ ދެކޮޅަށް ފާއިތުވި 12 އަހަރު ފާހަގަ ކުރަމުން އައި ދުވަސް މަތިން ސިޔާސީ ފަރާތްތަކުން ހަމަ ކުއްލިއަކަށް ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ؟

އާދީއްތަ ދުވަހު ސިޔާސީ ފަރާތްތަކުން ހަރަކާތްތަކެއް ރޭވި ނަމަވެސް ހަމަ ކުއްލިއަކަށް ވަކި ސަބަބެއް ނެތި އެ ހަރަކާތްތައް ވަނީ ކެންސަލް ކޮށްފައެވެ. ނުވަތަ ފަސްކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ އޯގަސްޓް 12/13ގެ ވާހަކަ އިދިކޮޅު ފަރާތްތަކުން މިހާރު ނުދައްކާނެ ކަމަށެވެ. ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަނީ އެ ހާދިސާ ރައްދުވާ އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިއަދު އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމެވެ. އެ ދުވަސް ފާހަގަކޮށް އެ ދުވަހުގެ އަނިޔާގެ ވާހަކަ ދެކެވޭ ނަމަ ކިތަންމެ ނުދައްކަން ތިއްބަސް ދެއްކޭނީ ރައީސް މައުމޫނުގެ ވެރިކަމުގައި ދިން އަނިޔާތަކުގެ ވާހަކައެވެ. އީވާން ނަސީމްގެ މަރާ ގުޅިގެން ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ޖަލުގެ ގައިދީންގެ ގަޔަށް ބަޑި ޖަހައި މެރި ހާދިސާއާ ގުޅިގެން ރައީސް މައުމޫނު އޭރު ދެއްވި ޚިތާބުގައި "ވަޔަށް ފަޒާ" އަށް ވަޒަންޖެހި ވާހަކަ ނުދައްކައި އޯގަސްޓް 12/13ގެ ވާހަކަ ނުދެއްކޭނެ އެވެ. އަނިޔާގެ ވާހަކަ ދެކެވޭ ނަމަ ރައީސް މައުމޫނު ކޮންމެ ކޮޅެއްގައި ހުރި ނަމަވެސް އެ ދުވަހުގެ ވާހަކަ ދެކެވެންޖެހެއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ ކަންކަން ހުންނަނީ އާދަޔާ ޚިލާފް ގޮތަކަށެވެ. މީހާގެ ވިސްނުމާއި ފިކުރު ބަދަލުކުރާ ހިސާބުން އޭނާގެ މާޒީގެ ކަންކަމުގައި ފަސް އެޅި އެ ވާހަކަތައް ތާރީހުން ފުހެލުމުގެ ރޫހެއް އަބަދު ވެސް ރާއްޖޭގައި އޮވެއެވެ. ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ރައީސް އިބްރާހީމް ނާސިރުން ފެށިގެން ރައީސް މައުމޫނާ މެދު ވެސް ކަން ވެފައި އޮތީ އެހެންނެވެ. އެ ފަރާތްތަކުގެ ވެރިކަމުގައި ހިންގި އެތައް ކަމެއް ތާރީހުން ފޮހެލުމަށް އެތައް މަސައްކަތްތަކެއް މާޒީގައި ވެސް ކޮށްފައި އެބަހުއްޓެވެ. މިހާރު ވެސް ކަން ހިނގަމުން ދަނީ އެގޮތަށެވެ. ރައީސް މައުމޫނު ކޮޅު ބަދަލުކުރެއްވުމާ އެކު އިދިކޮޅު ފަރާތްތަކުން ދިގު 30 އަހަރާ ބެހޭ ގޮތުން ކިޔަވަމުން އައި ލަވަޔާއި ރާގު މުޅިން ބަދަލުވެގެން ދިޔައެވެ. ހަމަ އެގޮތަށް ކުރިން އެ ދިގު 30 އަހަރުގެ ވާހަކަ ދައްކައިގެން ސިޔާސީ ހަޔާތް ބިނާކުރި މިއަދުގެ ސަރުކާރުގައި ތިބި ފަރާތްތަކުގެ ލޮލަށް އެ 30 އަހަރުގެ ތަރައްގީ އާއި ތަހްޒީބު ވަނީ ކަސްފުވާން ފަށާފައެވެ.

މިއީ އާ ކަމެއް ނޫނެވެ. ސިޔާސީ ފިކުރު ބަދަލުކުރުމާ އެކު ހުދު ކާފޫރަށް ބަދަލުވުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ނަމަވެސް އަނިޔާވެރިކަމާ ދެކޮޅަށް ފާއިތުވި 12 އަހަރު ފާހަގަކުރަމުން އައި ދުވަހެއް މަތިން، އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކުން ހަމަ ކުއްލިއަކަށް ހަނދާން ނެތުމަކީ ވަރަށް ދެރަވަރު ކަމެކެވެ. އެއީ ރާއްޖެ މިހާރު މިދެކޭ އިސްލާހަށް މަސައްކަތް ކުރި އެތައް ހާސް ދިވެހިންނަށް ދެވޭ ދޯކާއެކެވެ. އޮޅުވާލުމެކެވެ. ވަކި މީހަކު ފިކުރު ބަދަލުކުރުމުން ތާރީހް އޮޅުވާލެވި އެއީ ނުވާކަމަކަށް ނުހެދޭނެ އެވެ. އޯގަސްޓް 12/13ގެ ވާހަކަތައް ދެކެވެންޖެހެއެވެ. އެއީ ރާއްޖޭގެ ޑިމޮކްރަސީގެ ހުޅުކޮޅު ރޯވި ދުވަސް ކަމަށް ގަބޫލުކުރާ ނަމަ އެ ދުވަހުގެ ތާރީހާއި އެ ތާރީހް ގުޅިފައިވާ ފަރާތްތަކުގެ ވާހަކަ ވެސް ފޮރުވުމެއް ނެތި ދެއްކެންޖެހެއެވެ. ސިޔާސީ ފަރާތްތަކުން އެ ވާހަކަ ދައްކަން މިހާރު ފަހަތު ފަޔަށް ބުރަވާ ނަމަ އެއީ ހިތާމައެކެވެ. އިސްލާހީ މަސައްކަތަށް ދެވޭ އަނިޔާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
15%
23%
8%
0%
54%
0%
ކޮމެންޓް