Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 22:55
ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މަޤާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް، ޝަމީމު މަގާމުން ވަކިކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާ
ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މަޤާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް، ޝަމީމު މަގާމުން ވަކިކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާ
-
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ޕީޖީ ޝަމީމް އިސްތިއުފާ ދެއްވާފައި ވަނިކޮށް މަޖިލީހުން އޭނާ ވަކި ކޮށްފި
މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ޝަމީމް މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ދިޔަ އިރު އޭނާ އިސްތިއުފާ ދެއްވި ސިޓީ ވަނީ އާންމު ކުރައްވާފަ
މީޑިއާ ތަކުގައި އިސްތިއުފާ ދެއްވި ވާހަކަ އެބައޮތް ކަމަށާއި، އެކަން ސާފު ނުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަކީ ނިޒާމީ މައްސަލައެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވި
ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް "މަގާމު ގައި ނެތް މީހަކު" މަގާމުން ވަކި ކުރުމުގެ ކަންކަން މަޖިލީހުން ކުރުމުން އެތައް ބަޔަކު ވަނީ ފާޑު ކިޔާފައި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފައި ވަނިކޮށް އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމާލާ ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހާ އޭނާ މަގާމުން ވަކިކޮށްފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ޝަމީމް މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ދިޔަ އިރު އޭނާ އިސްތިއުފާ ދެއްވި ޚަބަރު ރާއްޖޭގެ މީޑިއާ ތަކުންވެސް ވަނީ ކަވަރު ކޮށްފައެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް ޕީޖީ ޝަމީމް ވަނީ އިސްތިއުފާ ދެއްވާފައި ކަމަށް ވިދާޅުވެ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީ އަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ޣަފޫރު ވިދާޅުވީ މީޑިއާ ތަކުގައި އިސްތިއުފާ ދެއްވި ވާހަކަ އެބައޮތް ކަމަށާއި، އެކަން ސާފު ނުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަކީ ނިޒާމީ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ ޤާނޫނު ވަރަށް ސާފު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިސްތިއުފާގެ ސިޓީ ލިބުމާއެކު ވަކިވީ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން މަޖިލީހަށް އަދި ނާންގާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވޯޓު ނެގުމަށް ފަހު ވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވޭތޯ ސާފު ކުރުމަށް ގުޅުމުން ވެސް ސިޓީ ލިބިފައި ނެތް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާ ގެ މެންބަރު ނާޒިމް ވިދާޅުވި އެވެ.

ޕީޖީ ގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ހުށަހެޅުން ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ޝަމީމް މަގާމުން ވަކި ކުރުމުގެ މައްސަލަ އާންމުކޮށް މަޖިލީހުގެ ޖަލްސާ ނުބާއްވާ ދުވަހެއް ކަމަށް ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑަށް އެޖެންޑާ ކޮށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކާ ބެހޭ ގޮތުން ޖަވާބުދާރީވުމަށް ޖުޑިޝިއަރީ ކޮމިޓީއަށް ހާޒިރުކުރީ ވެސް ބުރާސްފަތި ދުވަހުއެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ޝަމީމްގެ އެދިވަޑައިގަތުމާ ޚިލާފަށް ސިއްރުކޮށްގެންނެވެ.

އިސްތިއުފާގެ ސިޓީގައި ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ރައްޔިތުންގެ މަޖިލީހުން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދެއްވަން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރު ކުރުމަކީ، އަދުލު އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މި ކަންކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމް އާންމު ކުރެއްވި ބަޔާނުގައި ވެ އެވެ.

ޕީޖީގެ މަގާމު ހުސްވުމުން އާ ޕީޖީއެއް އައްޔަން ކުރަން ގާނޫނު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ހުށަހަޅާ ފަރާތްތަކުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ހުށަހަޅުއްވަން ޖެހެއެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް "މަގާމު ގައި ނެތް މީހަކު" މަގާމުން ވަކި ކުރުމުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް