Advertisement
ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 00:08
ހޯރަފުށީ ގެއެއްގައި ފެން ބޮޑުވެފައި
ހޯރަފުށީ ގެއެއްގައި ފެން ބޮޑުވެފައި
ހޯރަފުށީ ކައުންސިލް
ވިއްސާރާގެ ސަބަބުން ގެއްލުން ލިބުން
ވިއްސާރައާ ގުޅިގެން ހއ ގެ ތިން ރަށަކަށް ބޮޑެތި ގެއްލުންތަކެއް، އައްޑޫއަށް މާ ބޮޑު ގެއްލުމެއް ނުލިބޭ
ހޯރަފުށީގެ 50 ގޭބިސީއަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިފައިވޭ
ބާރަށުގެ ފަސް ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވޭ، ދެގެއަކުން މީހުން ބަދަލުކުރިން
އައްޑޫ ސީޓީން ގާތްގަނޑަކަށް 10 މިނެޓުގެ ތެރޭގައި ފެން ވަނީ ހިނދިފައި

ރާއްޖޭއަށް މިހާރު ކަމުންދާ ވިއްސާރާގައި ހއ.ގެ ތިން ރަށަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހއ.އުލިގަމު، ހޯރަފުށި، ބާރަށުގެ ކައުންސިލުން އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި، ލިބުނު ގެއްލުންތައް ތަފްސީލު ކޮށްދީފައެވެ.

ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ހޯރަފުއްޓަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި، 50 ގޭބިސީއަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

Advertisement

ރަށް އާއްމު ހާލަތަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ސިއްހީ ގޮތުން ބަލާއިރު، ރަށުގެ އާއްމު ހާލަތު ރަނގަޅު ނޫން ކަމަށެވެ. ނަރުދަމާ ނިޒާމުގެ މައްސަލައަކުން ޖަންގްޝަންތައް ފުރި ނަޖިސް މަގުމައްޗަށް ގެތަކުގެ ގޯތިތެރެއަށް ބޭރުވެފައިވާ ކަމަށާއި، އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މިފަދަ ހާދިސާތަކުން ރަށުތެރެއިން ވަރަށް ބޮޑަށް އެއްބައިވަންތަކަން ފެނިގެންދާ ކަމަށާއި، ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުން، އެމްއެންޑީއެފް، ފެނަކަ މުވައްޒަފުން އަދި ރަށުގެ ޒުވާނުން ގުޅިގެން ކަމަށެވެ. އަދި މިހާރު ލިބުނު ގެއްލުމުގެ ރިޕޯޓު އެކުލަވާލުވުމުގެ މަސައްކަތް ކައުންސިލްގެ މުވައްޒަފުން ކުރަމުންދާ ކަމަށާއި، އެރިޕޯޓު ބުރާސްފަތި ދުވަހު ކަމާބެހޭ އިދާރާތަކަށް ފޮނުވޭނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

އާއްމު ހާލަތު އެންމެ ރަނގަޅެއް ނޫން. ޕަންޕް ސްޓޭޝަންތަކާ ޖަންގްޝަންތަކުން ފެން ބޮޑުވެގެން ގޮސްފައި ހާދިސާގައި ގިނަ ގޭތަކަށް ގެއްލުން ލިބިފައި މިވަނީ. އެހެންވީމަ ނަރުދަމާ ނިޒާމުގެ ތެރެއިން މިފަދަ މައްސަލައެއް ދިމާވީމަ އެ ސިއްހީ ހާލަތު އެންމެ ރަނގަޅު ހާލަތަށް ގެނައުމަށް ބަލިމަޑުކަމެއް ނުފެތުރި މިހާލަތު ރަނގަޅު ކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ. ދެން މިފަދަ ކޮންމެ ހާދިސާއަކުން ތައްޔާރުވާއިރު، އެންމެ މުހިންމު ވަސީލަތްތައް ގާއިމްކުރެވިފައިނުވޭ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. ވަސީލަތްތައް ގާއިމް ކުރެވިފައި ހުންނަނަމަ މި ހާލަތުން އަރައިގަތުމަށް ނަގާނީ ކުޑަކުޑަ ވަގުތުކޮޅެއް.
ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މަގު ހެދުމުގެ ދެވަނަ ފޭސްގެ ދަށުން ތަރައްގީ ކުރަމުންދާ މަގުތައް އިތުރު ކުރުމަށް ސަރުކާރަށް ހުށަހަޅާނެ ކަމަށާއި، އެމަގުތަކަކީ ފެން ތިލަ މަގުތަކެއްކަމުން މޫސުން ގޯސްވެ، ވާރޭ ވެހޭނަމަ ވަރަށް ބޮޑަށް ފެން ބޮޑުވެ އެކަމުގެ ގެއްލުންތައް ރައްޔިތުންނަށް ކުރާ ކަމަށެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ އަންގާރަ ދުވަހު ވަރަށް ބޮޑަށް ވާރޭ ވެހުނު ކަމަށާއި، ބައެއް ގޭބިސީތަކުގެ ހިފާ ގެންގުޅޭ ސާމަނަށް، ސީލިންގަށް ގެއްލުން ލިބިފައިވާ ކަަމަށެވެ. ރަށުތެރެ ވަރަށް ބޮޑަށް ފެންބޮޑުވި ނަމަވެސް މިހާރު ތަރައްގީގެ ދެ މަޝްރޫއެއް ކުރިއަށްދާތީ އެމަޝްރޫއުތަކުގައި ބޭނުންކުރާ އެކްސަވޭޓަރެއް ބޭނުންކޮށްގެން ރަށު ތެރޭގައި ކޯރުކަނޑައިގެން ފެން ބޭރުކޮށްފައިވާ ކަމަށެވެ. އެފަދަ ވަހިކަލެއް ނުވަތަ ވަސީލަތެއް ނެތް ނަމަ ރަށުތެރެ ފެން ބޮޑުވެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށް އާއްމު ހާލަތަށް ގެނެވިފައިވާކަން ފާހަގަކުރައްވައި މުއާޒު ވަނީ މޫސުން ގޯސްވާ ދުވަސްވަރު އެކި ބާވަތްތައް ގުދަންކުރާއިރު، ތަޅުން މަތީގައި ނުބަހައްޓައި އުސްތަންތަނުގައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ އަމީޒު ވިދާޅުވީ އަންގާރަ ދުވަހު ވަރަށް ބޯކޮށް ވާރޭ ވެހުނު ކަމަށާއި، އެރަށުގެ ފަސް ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވި ކަމަށެވެ. ދެ ގެއަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށާއި، ހިފާ ގެންގުޅޭ އެއްޗިއްސަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަމީޒު ވިދާޅުވީ ބުދަ ދުވަހު އެހައި ބޯކޮށް ވާރޭ ނުވެހޭތީ މިހާރު ރަށުތެރެއިން ފެން ހިންދާލެވި އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށް އަމީޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވަނީ ޕަންޕު ބޭނުން ކޮށްގެން ކަމަށެވެ.

އަމީޒު ވިދާޅުވީ ކައުންސިލްގެ ފަރާތުން ވިއްސާރާގައި ލިބުނު ގެއްލުމުގެ ރިޕޯޓު އެކުލަވާލައި، ކަމާގުޅޭ އިދާރާއަށް ފޮނުވާނެ ކަމަށެވެ.

އައްޑޫ ސިޓީއާ ގުޅޭގޮތުން އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މީގެ ކުރިން ވިއްސާރަ މޫސުމުގައި އެސިޓީއަށް ގެއްލުންވާ މިންވަރަށް މިފަހަރު ގެއްލުން ނުލިބޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހިތަދޫ އާއި މަރަދޫ، މަރަދޫ-ފޭދޫ އަދި ހުޅުދޫ-މީދޫގައި ފެން ހިންދާ ނިޒާމު މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އެމަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާތީ ގާތްގަނޑަކަށް 10 މިނެޓްގެ ތެރޭގައި ރަށު ތެރެއިން ފެން ހިނދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ ފޭދޫގައި ދެ ވަނަ ފޭސްގެ ދަށުން އެމަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އަދި އެމަޝްރޫއު އެހައި ފުރިހަމަނުވާ ކަމަށާއި، އެރަށުގައި ކޮންމެވެސް ވަރަކަށް ފެން ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ޕަންޕް ސްޓޭޝަންތައް މުޅިން ހެން ނުނިމޭ ނަމަވެސް ރަށު ތެރޭގައި ހުންނަ ފެން ބޭރުވެގެން ފެން ހަރުނުލާ 10 މިނެޓްގެ ތެރޭގައި އެއްކޮށް ހިކިގެން ދިޔަކަން ފާހަގަކުރެވުނު. ފޭދޫގައި މި ޕްރޮޖެކްޓްގެ ދެވަނަ ފޭސްގައި ލެވިފައި މުޅިންހެން ކޮންޕްލީޓްކުރަން. ފޭދޫއިން އެހާ ރަނގަޅަށް ފެން ބޭރެއް ނުވޭ. ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ވިސްނަންޖެހޭ. ކުރިން އަޅާފައި އޮތް ނިޒާމު ރަނގަޅުވީމަ ކޮންޓްރޯލް ކުރެވުނު.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން ބޮޑެތިގަސްތައް ވެއްޓުމާއި، އެއްގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި އެވަގުތު އެގެއަށް އެޓެންޑްވެ، އެހީތެރިކަން ފޯރުކޮށްދީ އާއްމު ހާލަތަށް ގެނެސްފައިވާ ނިޒާރު ވިދާޅުވިއެވެ.

ޕަންޕު ގުޅައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަނީ

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ. އަދި މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް