ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 09:50
ޗޮކްލެޓްސް - އާންމުކޮށް ހުންނަ މިލްކް ޗޮކްލެޓާއި، ވައިޓްޗޮކްލެޓްތަކުން ޞިއްޙަތަށް ލިބޭ ފައިދާއަކަށްވުރެ ގެއްލުން ބޮޑު ކަމަކަށް ދެކި، ގިނަ ބަޔަކު ޑާކް ޗޮކްލެޓަށް ބަރޯސާވަނީ އެއްވެސް ހިތްބުރަކަމަކާ ނުލާ
ޗޮކްލެޓްސް - އާންމުކޮށް ހުންނަ މިލްކް ޗޮކްލެޓާއި، ވައިޓްޗޮކްލެޓްތަކުން ޞިއްޙަތަށް ލިބޭ ފައިދާއަކަށްވުރެ ގެއްލުން ބޮޑު ކަމަކަށް ދެކި، ގިނަ ބަޔަކު ޑާކް ޗޮކްލެޓަށް ބަރޯސާވަނީ އެއްވެސް ހިތްބުރަކަމަކާ ނުލާ
ހެލްތްލައިން
ޗޮކްލެޓުން ލިބޭ ގެއްލުން
ހަމަޖެހިލައިގެން ޗޮކްލެޓް ކޮޅެއްވެސް ކެވޭކަށް ނެތް!!
ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެތައް ބައެއްގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ ތަފާތު 72 ބްރޭންޑެއްގެ ޗޮކްލެޓުން، ނުރައްކާތެރި، ވިހަ މައުދަނީ މާއްދާގެ އަސަރުތައް ވަނީ ފެނިފައެވެ. އެ ވިހަ މައުދަނީ މާއްދާތަކަކީ ކެންސަރު ބަލީގެ އިތުރުން، ކިޑްނީ ހަލާކުކޮށްލުމާއި އެނޫންވެސް އިތުރު ޞިއްޙީ ނުރައްކާތަކަށް މީހާ ހުށަހަޅަނިވި އެއްޗެކެވެ.

ޗޮކްލެޓުކޮޅެއް ނުކައި އުޅޭ މީހަކު މަދުވާނެއެވެ. ވަކިން ޚާއްޞަކޮށް، ޑާކް ޗޮކްލެޓަކީ ޞިއްޙީ ގޮތުން އެކި ކަހަލަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނާއި، ކަސްރަތާއި ކުޅިވަރުގެ ތެރޭގައި އުޅޭ މީހުންގެ މެދުގައި މާ މަޤުބޫލު އެއްޗެކެވެ. ޑާކް ޗޮކްލެޓަކީ ޞިއްޙީ ގޮތުން ފައިދާ ލިއްބައިދެނިވި އެއްޗެއްގެ ގޮތުގައި ވާހަކަދެކެވިފައި އޮތީވެސް މަދެއްކޮށެއް ނޫނެވެ. އެހެން ނަމަވެސް، ދާދި މިދާކަށް ދުވަހު ފެނުނު ލިޔުމެއް ކިޔުނު ހިސާބުން ހަނދާނަށް އަންނަނީ ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި ދައުރުވަމުން އައި އަދަބަކީ ބަހެކެވެ. "ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ." ސަބަބަކީ ކޮބައިތޯ ބަލަމާ ހިނގާށެވެ.

ސަބަބަކީ ކޮބައިތޯ ބަލާއިރު، މިކަން ގޮސް ގުޅެނީ ދާދި ފަހުން އެމެރިކާގައި އާންމު ކުރި ދިރާސާއަކާއެވެ. އެ ދިރާސާގައަކީ މަޝްހޫރު އެތައް ބްރޭންޑެއްގެ ޗޮކްލެޓަކުން ސާމްޕަލްތައް ނަގައިގެން ހަދާފައިވާ ދިރާސާއެކެވެ. އަދަބީ ބަސް ހަނދާންވީ، ދިރާސާގެ ނަތީޖާ ކިޔާލެވުމުންނެވެ. އެތައް ދުވަހެއް ވަންދެން، ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ސިފަކޮށްދެމުން އައި ޑާކް ޗޮކްލެޓަކީ އަދި މި ހީކުރެވުނު ކަހަލަ އެއްޗަކަށް ނުވިއެވެ. ދިރާސާވެރިންގެ ހޯދުންތަކުން އެނގުނީ، ސިއްސައިގެން ދާ ވަރުގެ ކަމެކެވެ. ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެތައް ބައެއްގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ ތަފާތު 72 ބްރޭންޑެއްގެ ޗޮކްލެޓުން، ނުރައްކާތެރި، ވިހަ މައުދަނީ މާއްދާގެ އަސަރުތައް ވަނީ ފެނިފައެވެ. އެ ވިހަ މައުދަނީ މާއްދާތަކަކީ ކެންސަރު ބަލީގެ އިތުރުން، ކިޑްނީ ހަލާކުކޮށްލުމާއި އެނޫންވެސް އިތުރު ޞިއްޙީ ނުރައްކާތަކަށް މީހާ ހުށަހަޅަނިވި އެއްޗެކެވެ.

އާންމުކޮށް ހުންނަ މިލްކް ޗޮކްލެޓާއި، ވައިޓްޗޮކްލެޓްތަކުން ޞިއްޙަތަށް ލިބޭ ފައިދާއަކަށްވުރެ ގެއްލުން ބޮޑު ކަމަކަށް ދެކި، ގިނަ ބަޔަކު ޑާކް ޗޮކްލެޓަށް ބަރޯސާވަނީ އެއްވެސް ހިތްބުރަކަމަކާ ނުލައެވެ. ބައެއް މީހުންގެ ދުވާލުގެ ކެއުމުގެ ތާވަލު ރާވާލާފައި އޮންނައިރު، ޑާކް ޗޮކްލެޓަކީ ކޮންމެހެންވެސް ހިމަނާފައި އޮންނަން ޖެހޭ އެއްޗަކަށްވެސް ވަނީ ވެފައެވެ. ނަމަވެސް، އެމެރިކާގައި ކުރިއަށް ގެންދިޔަ ދިރާސާ ކިޔާލެވުނު ހިސާބުން، ދާއިމީ ގޮތެއްގައި ޑާކް ޗޮކްލެޓް ކެއުމުގެ ސަބަބުން ޞިއްޙީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން އުފެދުނެވެ.

ޗޮކްލެޓް ސިނާޢަތުން ދަނީ މި ކަންބޮޑުވުންތައް އޮއްބާލާ، އަހަރެމެން ފަދަ ކަސްޓަމަރުންގެ ހިތް ރުއްސުމަށްޓަކައި ކުރެވެން އޮތްހައި ކަމެއް އެގޮތް މި ގޮތުން ކުރަމުންނެވެ. ނަމަވެސް، ވިހަ މައުދަނީ މާއްދާތަކުގެ އަސަރު ފެނުނު ދިރާސާގެ މުހިންމު ނުކުތާތަކެއް ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

މި ބުނާ ދިރާސާ އާންމުކޮށްފައި ވަނީ 'ފްރޮންޓިއަރޒް އިން ނިއުޓްރިޝަން' ނަމުގައި ހިންގާ މަޖައްލާއެއްގައެވެ. ތަފާތު އެކި ބްރޭންޑްތަކުން ތަފާތު 72 ބާވަތެއްގެ ޗޮކްލެޓް ބަރ، ކޮކޯ ޕައުޑަރު އަދި ޗޮކްލެޓް ނިބްސް ނުވަތަ ފުއްފުކަށް ހުންނަ ޗޮކްލެޓްކޮޅުތައް ޓެސްޓު ކުރިއެވެ.

ނަތީޖާތަކުން ސިހުން ގެނުވައެވެ. ޓެސްޓު ކުރި ބާވަތްތަކުގެ 43 ޕަސެންޓް އުފެއްދުންތަކުގައި ލެޑް އެކުލެވިގެން ވަނީ، ކެއިންބުއިމަށް ރައްކާތެރި މިންގަނޑުތަކުގެ އެންމެ މަތީ ގިންތިއަށްވުރެވެސް މާ މަތީ މިންވަރަކަށެވެ. 35 ޕަސެންޓް އުފެއްދުންތަކުގައި ކެޑްމިއަމް އެކުލެވިގެން ވަނީ، ރައްކާތެރި ކަމަށް ކަނޑައަޅާ ގިންތިއަށް ވުރެ މާ މަތީ މިންވަރަކަށެވެ.

ދެން އޮތީ މާ ބޮޑު ހައިރާން ކަމެއް ގެނުވަނިވި ވާހަކައެކެވެ. މި ފަހަކަށް އައިސް ކޮންމެ އެއްޗެއްގެވެސް އެންމެ ފައިދާ ހުރި ބާވަތަކީ އޯގޭނިކް ލޭބަލް ޖަހައިގެން ނެރޭ ބާވަތްތަކަށް އޮންނަނީ ވެފައެވެ. އެއީ އަހަރެމެންގެ ލޮލުގައި ބަޔަކު އަޅުވާ އަނދުނެކޭވެސް ބުނާ ބަޔަކު އުޅެއެވެ. އެއީ ތެދެއްކަމަށް ޤަބޫލު ކުރެވިދާނެ މިންވަރަށް، މި ދިރާސާއިން ހެކި ލިބެއެވެ. 'ފްރޮންޓިއަރޒް އިން ނިއުޓްރިޝަން'ގައި އާންމުކޮށްފައިވާ ދިރާސާގައި ވާ ގޮތުން، ޑާކް ޗޮކްލެޓްގެ އެކި ބާވަތްތަކުގެ ތެރެއިން، އޯގޭނިކް ލޭބަލްގައި ނެރެފައިވާ އުފެއްދުންތަކުގައި، ވިހަ މައުދަނީ މާއްދާތަކުގެ އަސަރު ހުރުމުގެ ފުރުޞަތު، އެ ނޫން ބާވަތްތަކާ އަޅާ ބަލާއިރު އިތުރުވުން އެކަށީގެންވާކަމަށް ފާހަގަކޮށްފައިވެއެވެ.

ލެޑް އަދި ކެޑްމިއަމްއަކީ ކިތަންމެ ކުޑަ މިންވަރަކަށް ހުށަހެޅުނު ކަމުގައި ވީ ނަމަވެސް އެ މީހެއްގެ ޞިއްޙަތަށް ސީރިއަސް މައްސަލަތަކެއް ކުރިމަތި ކުރުވުމުގެ ފުރުޞަތު ބޮޑު ނިއުރޯޓޮކްސިންތަކެކެވެ. ނިއުރޯޓޮކްސިންސްއަކީ، ނާރުތަކުގެ ނިޒާމުގެ އޮނިގަނޑަށް ނުވަތަ މަސައްކަތް ކުރާ ގޮތަށް ނޭދެވޭ ބަދަލު ގެނުވާ މާއްދާތަކެކެވެ. އެގޮތުން، ލެޑްއަކީ ހެދިބޮޑުވުމުގެ މަރުހަލާތަކަށް މައްސަލަތައް ކުރިމަތި ކުރުވާ މާއްދާއެކެވެ. އައިކިއު ލެވަލް ދަށްކޮށްލުމާއި، ކުޑަކުދިންގެ ނާރުތަކުގެ ނިޒާމުގައި އައިބު އެކުލެވުން ފަދަ ކަންކަމާވެސް ކުރިމަތި ކުރުވާފައި އެބަހުއްޓެވެ. ބޮޑެތި މީހުންނަށްވެސް ވަކި ސަލާމަތެއް ނެތެވެ. ލެޑްއަށް ހުށަހެޅުމުގެ ސަބަބުން ލޭ މައްޗަށް ދިއުމާއި، ކިޑްނީ ހަލާކުވުމާއި، ދަރިމައިވުމުގެ ނިޒާމަށް މައްސަލަތައް ކުރިމަތިވުން ފަދަ އެތައް ނުރައްކަލަކާ ކުރިމަތިލާން ޖެހެއެވެ.

އަނެއްކޮޅުން ކެޑްމިއަމްއަކީ ފުއްޕާމޭ، ކިޑްނީ، އަދި ކަށީގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކުރުވާ ކާސިނޯޖެންއެކެވެ. ކެޑްމިއަމްއަށް ދިގު މުއްދަތަކަށް ހުށަހެޅުމަކީ ވެސް ކިޑްނީއަށް ގެއްލުން ލިބި ކަށިތައް ބަލިކަށިވެދާނެ ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

ބުނެވޭ ގޮތުގައި، ޗޮކްލެޓުގައި ބަރު މައުދަނީ ތަޣައްޔަރުކަން އެކުލެވޭކަން، އެ ސިނާޢަތުގެ މުގުލުގައި ތިބި މައްސޫލުވެރިންނަށް އެނގޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް، އެ މައްސަލައަށް ރިޢާޔަތްކޮށް، އިސްލާހީ ފިޔަވަޅު އެޅުމުގެ ދުވެލި އިންތިހާއަށް މަޑެވެ. މިހެން ބުންޏަސް، ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ އުފެއްދުންތައް ޓެސްޓު ކުރާ އުސޫލުތައް ހަރުކަށިކޮށް، ކުންފުނީގެ އުފެއްދުންތަކަށް ބޭނުންވާ ރޯ މެޓީރިއަލްތަކަކީވެސް ވިހަ މައުދަނީ ތަޣައްޔަރުކަމުން ސަލާމަތްވެފައިވާ ތަކެއްޗަށް ހެދުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ނަމަވެސް، ޗޮކްލެޓް ކާންތިބީ އަހަރެމެންނެވެ. އަހަރެމެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި، ސިކުނޑި ނުތަނަވަސް ކުރުވަމުންދާ ހާސްކަމަކަށް ލުޔެއް ނުލިބޭތާއެވެ. ދިރާސާގެ ހޯދުންތަކުން އިވެނީ ކަންބޮޑުވަނިވި ރަނގަބީލެއްގެ އަޑެކެވެ. ނަމަވެސް، ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ޑާކް ޗޮކްލެޓް ބޭނުން ކުރާ މިންވަރު، މެދު މިންވަރެއްގައި ހިފަހައްޓާލުމަކީ ގިނަ މީހުންނަށް އަދިވެސް ރައްކާތެރި މިންވަރެކެވެ.

މިކަމުގައި މުހިންމީ، ޑާކް ޗޮކްލެޓް ބޭނުން ކުރާނެ މިންވަރަށް ސަމާލުކަން ދިނުމެވެ. އަދި ކެއިންބުއިމުގައި ބޭނުން ކުރާ އެހެން ބާވަތްތަކަކީވެސް، ވިހަ މައުދަނީ މާއްދާތަކުގެ ތަޣައްޔަރުކަމުން ސަލާމަތްވެފައިވާ އުފެއްދުންތަކެއް ކަން ކަށަވަރު ކުރުންވެސް އެބަ އޮތެވެ. ފަރުދީ ޒިންމާ އޮންނަ ފަދައިން، ކަމާ ބެހޭ ފަރާތްތަކުން އުފުލަން ޖެހޭ ޒިންމާތަކެއް އެބަ ހުއްޓެވެ. އާންމު މީހަކަށްވެސް އެނގޭނެ މިންވަރަށް، ޗޮކްލެޓް ކަރުދާހުގައި ލޭބަލް ކުރެވެން އެބަޖެހެއެވެ. ޗޮކްލެޓުގައި އެކުލެވޭ ބަރުމައުދަނީ މާއްދާތަކުގެ އިންޒާރު، އެ ލޭބަލް ކިޔާލާ ކޮންމެ މީހަކަށްވެސް އެނގޭވަރު ކޮށްދޭން ޖެހެއެވެ.

ޗޮކްލެޓް ސިނާޢަތުގައި މަސައްކަތް ކުރާ އުފެއްދުންތެރިންގެ ޒިންމާވެސް ކުޑައެއް ނޫނެވެ. ކުންފުނިތަކުގެ އުފެއްދުންތަކަކީ މި ބުނި ފަދަ ވިހަ މައުދަނީ ތަޣައްޔަރުކަމުން ސަލާމަތްވެފައިވާ އުފެއްދުންތައް ކަން ކަށަވަރު ކުރަން ޖެހެއެވެ. ހަމަ އެކަނި ކާރުޚާނާގެ ހަތަރުފާރުން އެތެރެއަށް ވިސްނުމަކުން ފުދޭކަށް ނެތެވެ. ކުންފުނީގެ އުފެއްދުންތަކަށް ބޭނުން ކުރާ އެހެނިހެން ސާމާނުތައް އަންނަ މަސްދަރުތަކަކީވެސް، ނުރައްކާތެރި ވިހަ މާއްދާތަކުން ސަލާމަތްވެފައިވާ މަސްދަރުތަކެއްކަން ކަށަވަރު ކުރަންޖެހެއެވެ.

ގިނަ ބަޔަކު އެންމެ ގަޔާވާ "ޓްރީޓްތަކާ" ގުޅިގެން ކުރިމަތިވެދާނެ ނުރައްކަލަކަށް ހޭލުންތެރިވެފައިވާ މިންވަރު އިތުރު ވަމުން ދާ ވަރަކަށް، ޗޮކްލެޓް އުފައްދާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތައް އިތުރުވުން އެކަށީގެންވެއެވެ. ފަރުދީ ޒިންމާގެ މައްޗަށް ނިންމާލުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކަކުންވެސް މިކަމުގައި އެ ބައެއްގެ ޒިންމާ އުފުލާ ހިސާބުން، ހަމަޖެހިލައިގެން ޗޮކްލެޓްކޮޅެއް ކާލެވިދާނެކަންނޭނގެއެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް