އާބާދީގައި 170 މިލިއަން މީހުން އުޅޭ ބަންގްލަދޭޝްގެ ޒުވާން ކިޔަވާކުދިން މުޒާހަރާ އަށް ނުކުތީ އެމީހުން ކިޔަވާ ނިމިގެން ވަޒީފާއެއް ހޯދުމުގައި މިހާރު އޮންނަ ކޯޓާ ސިސްޓަމްގެ ސަބަބުން ވަޒީފާ ހޯދަން ދަތިވާތީއެވެ. އެމީހުންގެ މައިގަނޑު ޝަކުވާ އަކީ މިހާރު އޮންނަ ނިޒާމުގެ ސަބަބުން ވެރިކަން ކުރާ ޕާޓީގެ ގާތް މީހުންނަށް ނާޖާއިޒް މަންފާ ލިބި، އަނެއް ބަޔަކު ބާކީ ވާ ކަމުގައެވެ. އެއީ އިންސާފެއް ނޫން ކަމަށާއި، އެގޮތް ގަބޫލު ނުކުރާނޭ ކަމަށް ބުނެ މަގުތަކަށް ނުކުމެ އަޑު އުފުލަމުން ދިޔައެވެ.
ޝޭޚް ހަސީނާގެ ސަރުކާރުން ފުރަތަމަވެސް ބެލީ މުޒާހަރާ ކުރާ މީހުންނާ ފުލުހުންނާ ކުރިމަތިލައްވައިގެން މުޒާހަރާ ކުރާ މީހުން ފައްސާ ރޫޅާލުމަށެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށް ހުސްއަތާ ނުކުމެ ތިބި އާންމު ރައްޔިތުންގެ ލޮލަށް ކަރުނަގޭސް ޖަހާ އެންމެ ފަހުން ލައިވް ވަޒަންވެސް ޖަހަން ފެށިއެވެ.
މަސްރަހް ދުވަހެއް ދުވަހަކަށް ހޫނު ވަމުން ދިޔައިރު، ސަރުކާރުން އެޅި އެއްވެސް ފިޔަވަޅަކަށް މުޒާހަރާ ކުރި މީހުން ގުޑި ތަނެއް ނުފެނުނެވެ. އާޚިރުގައި އުމުރުފުޅުން 76 އަހަރުވީ ޝެއިޚް ހަސީނާ އަށް ޖެހިވަޑައިގަތީ ހަތިޔާރު ބަހައްޓާ ހެލިކޮޕްޓަރެއްގައި ގައުމުން ފިއްލަވައިގެން ވަޑައިގަންނަވާށެވެ.
2009 ވަނަ އަހަރުން ފެށިގެން ގޮށްމުށުގެ ބާރުގައި ވެރިކަމުގެ ކަންކަން ހިންގަވަމުން ގެންދެވި ހަސީނާ އަށް ގޮތް ހުސްވެ އިސްތިއުފާ ދެއްވުމަށް ޖެހިވަޑައިގަތީ، ފުލުހުންނާ މުޒާހަރާ ކުރާ މީހުންގެ ކުރިމަތިލުންތައް އިތުރުވެ، އޭގެ ސަބަބުން މަރުވަމުން ދިޔަ އާންމުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުން ކަމަށް ބެލެވެއެވެ. މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް 90 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި 13 ފުލުސް އޮފިސަރުންވެސް ހިމެނެއެވެ. މިދިޔަ ދެތިން ހަފްތާގައި މުޒާހަރާ އާ ގުޅިގެން 300ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ޒުވާން ޔުނިވަރސިޓީ ދަރިވަރުންނެވެ.
މުޒާހަރާގެ ބައިވެރިންގެ ހިތްވަރާ، ބަޑީގެ ވަޒަން ދެކެ ބިރު ނުގަންނާނެ ކަން ދެއްކުމުގެ ނަތީޖާއަކަށް ވީ ކޮންމެ ދުވަހަކު މުޒާހަރާއާ ގުޅޭ މީހުން އިތުރުވަމުން ގޮސް ގައުމީ ހަރަކާތަކަށް އެންމެ ފަހުން އެކަން ބަދަލުވެގެން ދިއުމެވެ. ސަރުކާރަށް ގޮތް ހުސްވެ، އާދިއްތަ ދުވަހު ބަންގްލަދޭޝްގައި ކާފިއު އިއުލާން ކުރި ނަމަވެސް، އެއަށް ބެލުމެއް ނެތި އެތައް ހާސް މީހުން ދިޔައީ މަގުމަތީގައި ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. ވެރި ރަށް ޑާކާ އަށް އެރުމަށް ދުރު ހިސާބުތަކުން މީހުން ތައް ދިޔައީ އަންނަމުންނެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގައި އެ ގައުމުގެ އަސްކަރިއްޔާ އިން އެގޮތައް އެ ކަމަނާއަށް ބާރު އެޅީ ކަމަށް އޮތީ ބެލެވިފައެވެ. އަސްކަރިއްޔާ އިން ރައްޔިތުން ކޮޅަށް ލެނބުމުން ހަސީނާ އަށް ދެން މާ ގިނަ އިތުރު ގޮތްތަކެއް ނެތް ކަމަށް ވިސްނިވަޑައިގަތީ ކަމަށް ވެދާނެއެވެ. މީގެ ކުރިން އަސްކަރިއްޔާ އިން ވެސް ވެރިކަން ކޮށްފައިވާ ބަންގްލަދޭޝްގައި އަސްކަރިއްޔާ އަކީ އާންމުންގެ އިހްތިރާމް ލިބިފައިވާ މުއައްސަސާ އަކަށް ވުމުގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ ބާރަކީ އެމީހުންގެ މެންޑޭޓުން ބޭރުން ބަސްބުނުގެ ފުރުސަތު އޮންނަ ބައެއް ކަން ފާހަގަ ކުރެވެއެވެ.
އަސްކަރިއްޔާގެ ވެރިޔާ އާ އާދައިގެ އޮފިސަރުންނާ ހުކުރު ދުވަހު އޮތް ބައްދަލުވުމެއްގައި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަން އަދައިގެ އޮފިސަރުންނަށް އަންގާފައި އޮތް އޮތުމަށް ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އަދައިގެ އޮފިސަރުން ބުނެފައިވަނީ އެކަން އެގޮތައް އެމީހުންނަށް ނުކުރެވޭނެ ކަމުގައެވެ.
ފިއްލަވައިގެން ހަސީނާ އިންޑިއާ އަށް ވަޑައިގަތުމަކީ މާ ބޮޑަށް ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އިންޑިއާ އަކީ ހަސީނާގެ ވެރިކަމުގައި ވަރަށް ބޮޑު މަދަދުވެރިކަމެއް ދެމުން އައި ގައުމެކެވެ. އިންޑިއާގެ އަމިއްލަ ސަލާމަތައް ކަމަށް ބުނެ ބަންގްލަދޭޝްގައި އިންޑިއާގެ ނުފޫޒް އޮންނަން ޖެހޭނެ ކަމަށް އިންޑިއާ އިން ދެކެއެވެ. އެއާއެކު އިންޑިއާ އަށް ފަހިވާ ގޮތައް ހަސީނާ ގެންދެވީ އޭނާގެ ސިޔާސަތުތައް ބައްޓަން ކުރައްވަމުންނެވެ. އެ ގޮތުން، އިންޑިއާ އާ ދެކޮޅަށް ބަންގްލަދޭޝް ގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގްރޫޕް ތަކުގެ މައްސަލަ ހައްލު ކުރެއްވުމުގައިވެސް ހަސީނާ މުހިއްމު ރޯލެއް ކުޅުއްވިއެވެ.
ހަސީނާ އިސްތިއުފާ ދެއްވުން ވެގެންދާނީ އިންޑިއާ އަށް ވެސް ބޮޑު ބޮލުގެ ރިހުމަކުން ސަލާމަތް ވުން ކަމަށް ބެލެއެއެވެ. އެއީ އެއްކޮޅުން ބަންގްލަދޭޝްގެ ރައްޔިތުންގެ ކުރިމަތީގައި މަގްބޫލް ކަމެއް ނެތް ވެރިއަކު ދިފާޢު ކޮށްދޭން ކުރަން ޖެހޭ މަސައްކަތުގެ ނަތީޖާއެއް ގޮތުން އިންޑިއާގެ މަގްބޫލްކަން ބަންގްލަދޭޝްގެ އާންމުންގެ ކުރިމަތީގައި ކުޑަ ވެގެން ދިއުން އިންޑިއާ އިން ބޭނުން ނުވާނެއަތީއެވެ. ހަސީނާ އިސްތިއުފާ ދެއްވުމާއެކު އެކަން މިހާރު އިންޑިއާއަށް ވެސް ހައްލުވީއެވެ.
ބަންގްލަދޭޝްގެ ބާނީ އަދި ފުރަތަމަ ރައީސް މުޖީބުއްރަހްމާން ގެ ދަރިކަނބަލުން ޝޭޚް ހަސީނާ އަކީ މިހާތަނަށް ގައުމެއްގެ ސަރުކާރެއްގެ އެންމެ އިސް ވެރިޔާގެ މަގާމުގައި އެންމެ ދިގުމުއްދަތައް ހުންނެވި އަންހެން ބޭފުޅާއެވެ.
1975 ވަނަ އަހަރުގެ ބަޣާވަތުގައި އަސްކަރީ ބަޣާވާތެއްގައި ހަސީނާގެ ބައްޕަ ހިމެނޭ ގޮތުން އާއިލާގެ އެންމެން އަވަހާރަކޮށްލި ހާދިސާ އިން ސަލާމަތްވީ ހަސީނާ އާއި އޭނާގެ އަންހެން ކޮއްކޮ އެކަންޏެވެ. އެ ދެބޭފުޅުން އޭރު އުޅުއްވީ ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
އޭގެ ފަހުން ގައުމު ދޫކުރައްވާ އޭނާ އިންޑިއާގައި އުޅުއްވަމުން ގޮސް 1981 ވަނަ އަހަރު އެނބުރި ގައުމަށް ވަޑައިގެން އެހެން ސިޔާސީ ޕާޓީތަކާ ގުޅިވަޑައިގެން ބަންގްލަދޭޝް އަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި އޭނާ ލީޑަރެއްގެ ދައުރު އަދާ ކުރެއްވިއެވެ.
1996 ވަނަ އަހަރު ބޮޑު ވަޒީރު ކަމަށް ހަސީނާ އިންތިޚާބުވެވަޑައިގަތެވެ. ނަމަވެސް 2001 ގައި ހަސީނާގެ ވާދަވެރިޔާ ބޭގަމް ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އަށް ވެރިކަން ވެރިކަން ލިބި ހަސީނާ އަށް ބާރުތައް ގެއްލުނެވެ.
އަލުން 2009 ވަނަ އަހަރުގެ އިންތިޚާބުގައި އޭނާ އެނބުރި ވެރިކަމަށް ވަޑައިގަތެވެ.
ހަސީނާގެ ނިމިދިޔަ ވެރިކަމަކީ ގިނަ ޖަރީމާތަކެއްގެ ތުހުމަތު ސަރުކާރުގެ ބޮލުގައި އެޅިގެން ދިޔަ ވެރިކަމެކެވެ. ވީ ނުވީ އެއް ނޭނގި މީހުން ގެއްލުމާއި، ކޯޓުން ބޭރުން މީހުން މެރުމާއި، އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމާއި، ފާޑު ކިޔާމީހުން ނައްތާލުން ފަދަ އެތައް އެތައް ކަމެއް ވެރިކަމުގެ ތެރޭގައި ހިނގަމުން ދިޔައެވެ.
މި ހުރިހާ ކަމެއް ހަސީނާގެ ސަރުކާރުގައި ހިނގަމުން ދިޔައިރުވެސް ސަރުކާރާ ދެކޮޅަށް ކިރިޔާ ކަމެއް ހިނގިޔަސް އެއީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހިންގާ ކަމެއްގެ ގޮތުގައި ހަސީނާގެ ވެރިކަމުން ގެންދިޔައީ އިދިކޮޅުގެ ބޮލުގައި ކަންކަން އަޅުވަމުންނެވެ. މި ދިޔަ ދެތިން ހަފްތާގައި ގައުމުގައި ޔުނިވަރސިޓީ ދަރިވަރުން ހިނގަމުންދިޔަ މުޒާޙަރާތަތަކަކީ ބަންގްލަދޭޝްގައި ހަމަނުޖެހުން އުފައްދަން އިދިކޮޅު ސިޔާސީ ޕާޓީތަކުން ހިންގާ ކަމެއް ކަމަށް ހަސީނާގެ އަވާމީ ލީގު ޕާޓީ އިން ގެންދިޔައީ ގޮވަމުންނެވެ.
ވެރިކަމުގައި ހަސީނާ އަށް ކުރިމަތިވި އެންމެ ސީރިއަސް ޗެލެންޖް ގެ ގޮތުގައި ހިނގަމުން ދިޔަ މުޒާހަރާތައް ގިނަ ފަރާތްތަކުން ސިފަ ކުރަމުން ދިޔައިރު ހަސީނާ ގެންދެވީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. އޭގެ ބަދަލުގައި މުޒާހަރާ ކުރަމުންދަނީ "ޓެރަރިސަޓުން" ކަމަށް ހަސީނާ ވިދާޅުވިއެވެ.
ބަންގްލަދޭޝް އިން ފެނިގެން ދިޔައީ ވެރިކަމުގެ ބާރު ރައްޔިތުންގެ ބާރަށް ވުރެ ގަދަ ނުވާނެ ކަމެވެ. އުންޑަ އާއި ކަރުނަ ގޭހުން މީހުން މަގުމަތިން ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ބާރުގެ ބޭނުން ކޮށްގެން ވެރިކަމުގައި ތިބުމަށް ވިސްނާ ވެރިންނަށް ބާރުގެ ބޭނުން ކޮށްގެން ހަތިޔާރު ނެތް އާންމުން ގެޔަށް ނުވެއްދެއްވީން ކީއްވެގެން ކަމެއް ވިސްނަން އެހާ ފަސޭހަ ނުވަނީ ކަންނޭގެއެވެ. އިސްތިއުފާ ނުދެއްވާ ބާރުގެ ބޭނުން ކޮށްގެން ރައްޔިތުން ގެއަށް ފޮނުވާލެއްވިދާނެ ކަމުގެ އުއްމީދުގައި ހަސީނާ ވެސް އެ މޭރުމުން ހަމަ ހުންނެވީއެވެ. އެކަމު އާޚިރުގައި ޖެހިވަޑައިގަތީ ރައްޔިތުން އެ ތިބިގޮތައް ބޭތިއްބުމަށް ފަހު ހަސީނާ ފިއްލަވައިގެން ވަޑއިގަންނަވާށެވެ.
ކޮންމެއަކަސް މޫލާފައިވާ ވެރިކަމެއް ޒުވާނުން ނުކުމެ ބަންގްލަދޭޝްގައި އެވަނީ ވައްޓާލާފައެވެ. މިއާއެކު ދެން އުފެދޭ ސުވާލަކީ ބަންގްލަދޭޝްގެ ސިޔާސީ ކުރިމަގު އިންތިޒާމުވެގެން ދާނީ ކިހިނެއް ބާވައެވެ؟ އެ ސުވާލުގެ ޖަވާބެއް ސާފުވުމަށް އަދި ވަގުތު ކޮޅެއް ނަގާނެއެވެ. މި ވަގުތަށް އަސްކަރިއްޔާގެ ވެރިޔާ ގެންދަވަނީ ބަންގްލަދޭޝް ހިންގުމުގައި ވަގުތީ ހައްލެއް ހޯއްދެވުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުންނެވެ. މިގޮތުން އިދިކޮޅު ޕާޓީތަކާއި ސިވިލް ސޮސައިޓީގެ މަންދޫބުންނާ މަޝްވަރާތައް ދަނީ ހިނގަމުންނެވެ.