ޗައިނާ އިން ރާއްޖޭން ނަގާފައިވާ ލޯނުތަކަށް ވާ ގޮތަކާ ބެހޭ ގޮތުން ރައީސް މުއިއްޒު އެކިފަހަރު އެކި ގޮތައް އެކި ފަހަރު ވިދާޅުވި ކަމަށް އޮންނާތީ ވޯލްޑްބޭންކަށް ވެސް މިކަމުގައި ވާނުވާ އޮޅިއްޖެއެވެ.
ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ އިކޮނޮމިސްޓް ގްރެގަރީ ސްމިތް އެކްސް ގައި ކުރެއްވި ޕޯސްޓްތަކެއް މި އޮޅުން ވަނީ ފާހަގަ ކުރައްވާފައެވެ.
އޭނާ ފާހަގަ ކުރައްވާ ގޮތުގައި ރައީސް އޮފީހުން ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނާއި ލޯނުގެ އިންޓަރެސްޓް ފަސް އަހަރު ދުވަހުގެ މުއްދަތައް ފަސް ކޮށްދިނުމަށް ޗައިނާ އިން އެއްބަސްވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ސްމިތް ވިދާޅުވެފައިވަނީ ރައީސް އޮފީހުން މިހެން ބުނެފައިވާއިރު އެހެން ލިޔުންތަކުގައި ޑރ މުއިއްޒު ވިދާޅުވި ކަމަށް އޮންނަނީ ލޯނުތައް ފަސްކޮށްދިނުމުގެ ފެހި ސިގްނަލް ޗައިނާ އިން ދީފައިވާ ކަމަށެވެ.
ޖުލައި މަހުގެ 27 ވަނަ ދުވަހު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި އިނގިރޭސި ބަހުން ޝާއިއު ކޮށްފައިވާ ޕްރެސް ރިލީސްގައި ބުނެފައި ވަނީ ޗައިނާ ސަރުކާރުން ވަނީ ލޯނާއި ލޯނުގެ އިންޓަރެސްޓް ދެއްކުން ފަސް އަހަރު ދުވަހުގެ މުއްދަތައް ފަސްކޮށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނު ދެއްކުން ޗައިނާ ސަރުކާރުން ފަސްކޮށް ދިން ކަމަށް ޑރ މުއިއްޒު ވިދާޅުވިއިރު ޗައިނާ ސަރުކާރުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. އަދި މި ކަމާބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ހިނގި މަޝްވަރާތަކެއްގެ ވާހަކަ ވެސް މީގެ ކުރިން މީޑިއާ އާ ހަމައަށް އައިސްފައެއް ނުވެއެވެ.