ކ. މާލެ
|
22 ޖުލައި 2024 | ހޯމަ 12:47
ދޮށީ އުމުރުގެ ދެ މީހަކު އިށީނދެލައިގެން - ދޮށީ ޢުމުރުގެ ދުވަސްތަކަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހޭދަ ކުރާ ދުވަސްތަކެއް ކަމުގައި ހެދުމަށްޓަކައި، ޅަ ޢުމުރެއްގައި އެކަމަށް މަސައްކަތް ފަށަން ޖެހޭ
ދޮށީ އުމުރުގެ ދެ މީހަކު އިށީނދެލައިގެން - ދޮށީ ޢުމުރުގެ ދުވަސްތަކަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހޭދަ ކުރާ ދުވަސްތަކެއް ކަމުގައި ހެދުމަށްޓަކައި، ޅަ ޢުމުރެއްގައި އެކަމަށް މަސައްކަތް ފަށަން ޖެހޭ
ދި ޓަައިމްސް
ދުޅަހެޔޮ ސިއްޚަތު
ދުޅަހެޔޮ ސިއްޚަތެއްގައި ދޮށީ އުމުރުގެ ދުވަސްތައް ގުނާލުމަށް ނަސޭހަތެއް!
ޑރ ބެޓްސިސް ފާހަގަކުރި ގޮތުގައި ބައެއް މީހުންނަކީ ވަރަށް އަވަސް އަހަށް ބަލިވެ، ހަށިގަނޑު ނިކަމެތިވެދާ ބައެކެވެ. އަނެއް ބައި މީހުންނަކީ ޢުމުރުން 90ގެ އަހަރުތައް ގުނަމުން ދާ އިރުވެސް ހެލިފެލިވެ، ވަރުގަދަކޮށް ތިބޭ ބައެކެވެ.

ދިގު އުމުރެއް ލިބުމަކީ ގިނަ ދުވަހު ދުނިޔޭގައި ދިރިއުޅުން ކަމުގައި ބުނެވޭކަށް ނެތެވެ. "ދިރިއުޅުން" އިންތިހާއަށް މުހިންމެވެ. ފުރިހަމަ ޞިއްޙަތެއް ނެތި، ދިރިއުޅުމުގެ އެންމެ ފޮނިމީރު ފައިދާ ލިބިގަނެވިދާނެ ހެއްޔެވެ؟

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އެމެރިކާގެ ޙާލަތަށް ބަލަމާ ހިނގާށެވެ. 2040 ވަނަ އަހަރު އަންނައިރު، އެ ޤައުމުގެ އާބާދީގައި ހިމެނޭ ކޮންމެ 5 މީހަކުން 1 އަކީ، ޢުމުރުން 65 އަހަރު ނުވަތަ އެއަށްވުރެ ދޮށީ މީހަކަށް ވާނެ ކަމަށް، އެމެރިކާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އަންދާޒާތަކުން ދައްކައެވެ. 65 އަހަރު ފުރެން ދާ މީހުންގެ އާބާދީގެ 56 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރާ މީހުންނަކީ، ދިގު މުއްދަތަކަށް ކޮންމެވެސް ކަހަލަ އެހީއެއްގެ ޚިދުމަތް ބޭނުންވާނެ ބައެއް ކަމަށްވެސް ލަފާ ކޮށްފައިވެއެވެ.

ކަން މިހެން އޮތް އިރު، ދިގު ޢުމުރެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ބޭނުންވާ އަސާސްތަކުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. ޑރ ޖޯން ބެޓްސިސްއަކީ ޔުނިވަރސިޓީ އޮފް ނޯތު ކެރޮލައިނާގައި، ދޮށީ ޢުމުރުގެ މީހުންގެ ޞިއްޙަތާއި ބަލިތަކާ ބެހޭ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ނުވަތަ ގެރިއާޓްރިޝަންއެކެވެ. ޑރ ބެޓްސިސްއަކީ އެސޯސިއޭޓް ޕްރޮފެސަރެއްވެސްމެއެވެ. ދާދިފަހުން ސީއެންއެންއަށް ދިން އިންޓަރވިއުއެއްގައި، ޑރ ބެޓްސިސްވަނީ ފުރިހަމަ ޞިއްޙަތެއްގައި ހުރެ، ދޮށީ ޢުމުރުގެ ދުވަސްތައް ގުނިދާނެ ފުރުޞަތު ތަނަވަސްކޮށްދިނުން އެކަށީގެންވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ.

މީހެއްގެ ޞިއްޙީ އާދަކައިދައިގެ ވައްޓަފާޅި މިއަދު ހުރި ގޮތާއި، ކުރިއަށް އޮތް ތަނުގައި ވެދާނެ ގޮތަކާ މެދު އޮތް ގުޅުން ފަޙުމްވެގަތުމަކީ ބައެއް މީހުންނަށް މާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މުސްކުޅި ޢުމުރުގެ ދުވަސްތައް ގުނަން ފަށާނެ ގޮތަކާ މެދު ދުރާލާ ވިސްނަން ފަށަން އެބަ ޖެހެއެވެ.

ޑރ ބެޓްސިސް ފާހަގަކުރި ގޮތުގައި ބައެއް މީހުންނަކީ ވަރަށް އަވަސް އަހަށް ބަލިވެ، ހަށިގަނޑު ނިކަމެތިވެދާ ބައެކެވެ. އަނެއް ބައި މީހުންނަކީ ޢުމުރުން 90ގެ އަހަރުތައް ގުނަމުން ދާ އިރުވެސް ހެލިފެލިވެ، ވަރުގަދަކޮށް ތިބޭ ބައެކެވެ. މީގެ 20 އަކަށް އަހަރު ކުރިއާ މިއަދާ އަޅާ ބަލާނަމަ ހަރަކާތްތެރިކަމާއި، އާރާއި ބާރާއި، ފަންވަރާއި ބުންވަރުގައި މަޑުޖެހުމެއް ހުއްޓެއް ކަމަކީ، އެ މީހުންނަކީ އެ ޢުމުރުގައިވެސް އެ މީހުން ކުރަން ބޭނުން ކަމެއް ކުރަމުން ދާ މީހުން ކަން ޑރ ބެޓްސިސް ފާހަގަ ކުރިއެވެ.

ޑރ ބެޓްސިސް ބުނާ ގޮތުގައި ދިރިއުޅުމުގެ މަޤްޞަދެއް ހޯދައި، ދެނެގަންނަން ޖެހެއެވެ. ނަފުސު އުފާ ވަނީ ކޮންކޮން ޙާލަތްތަކެއްގައި ދެނެގަންނަން ޖެހެއެވެ. ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި މިކަންކަމަށް ބަދަލު އައުން އެކަށީގެންވެ. ނަމަވެސް އެއްވެސް މީހަކީ، އެ މީހެއްގެ ޖީންސް ބަދަލު ކުރުމުގެ ބާރު ލިބިފައި ވާ މީހެއް ނުނެވެ. އެއްވެސް މީހަކީ އޭނާގެ މާޒީ ބަދަލު ކުރެވޭނެ މީހެއް ނޫނެވެ. ކުރިއާވެސް ފުރުޞަތެއް އޮތީ މުސްތަޤުބަލު އުޖާލާ ކުރުމަށެވެ. މުސްތަޤުބަލު ބަދަލު ކުރެވެން އޮތީ ބަދަލަށް ފުރުޞަތު ދޭ ވަރަކުންނެވެ. ކެއުމާއި، ކަސްރަތު ކުރުމާއި، ސިނގިރޭޓު ބުއިން ފަދަ އާދަތަކަކީ އަމިއްލަ ނަފުސަށް ޙަޤީޤަތުގައިވެސް ނުފޫޒު ފޯރުވިދާނެ ކަންކަމެވެ.

ދޮށީ ޢުމުރުގެ ދުވަސްތަކަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހޭދަ ކުރާ ދުވަސްތަކެއް ކަމުގައި ހެދުމަށްޓަކައި، ޅަ ޢުމުރެއްގައި އެކަމަށް މަސައްކަތް ފަށަން ޖެހެއެވެ. އެންމެ ތުއްތު ޢުމުރުން ފެށިގެން ކުޑަކުއްޖެއްގެ ގޮތުގައި ހެދިބޮޑުވަމުން އަންނަ ދުވަސްވަރާއި، ފުރާވަރާއި ޒުވާން ޢުމުރުގެ ދުވަސްވަރަކީ ފައިދާ ހުރި ކާނާގެ ބާވަތްތަކުން ހަށިގަނޑު މުއްސަނދި ކުރާ ދުވަސްތަކަކަށް ހަދަން ޖެހޭކަން ޑރ ބެޓްސިސް ފާހަގަ ކުރިއެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދިނުމުގެ އިތުރަށް، ދެން އޮތީ ޖިސްމާނީ ހަރަކާތްތެރިކަން ދެމެހެއްޓުމެވެ. ޤަވައިދުން ކަސްރަތު ކުރުމަކީ އިންތިހާއަށް މުހިންމު ކަމެއްކަންވެސް ޑރ ބެޓްސިސް ފާހަގަ ކުރެއެވެ. މިއީ ވަކިވަކި ކަންތައްތަކޭ ހީވި ނަމަވެސް، މިކަންކަމާ މެދު ވިސްނަންވީ ގުޅި-ލާމެހިފައިވާ މޭރުމަކުން ކަމަށް ޑރ ބެޓްސިސް ބުނެއެވެ. އެއް ކަމަކީ އަނެއް ކަމަކަށް ނުފޫޒާއި އަސަރު ފޯރުވާނެ ކަމެކެވެ.

ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދިނުމަކީ ކެއިންބުއިމުގެ ވައްޓަފާޅިއާ ގުޅިފައި އޮތް ކަމެކެވެ. ތަރައްޤީއާއި ތަހުޒީބުގެ ރޭހުގައި އިންސާނީ ޙަޟާރާތު ކުރިއަރަމުން ދާ ވަރަކަށް، ލުއި ކާނާއާއި ތައްޔާރީ ކާނާގެ ބާވަތްތަކާ ދުރުވުމަކީ ކުރަން އިންތިހާއަށް ދަތިކަމަކަށް އޮންނަނީ ވެފައެވެ. އަމިއްލައަށް އިންދާ ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެން، އަމިއްލަ ގޭގައި، އަމިއްލަ އަތުން ތައްޔާރުކޮށްލާ ކާބޯތަކެތީގެ ފައިދާ ކިތަންމެ ބޮޑުވިނަމަވެސް، އެ ނަޞީބު ލިބިފައި އޮންނަނީ މަދު މީހަކަށެވެ. ނަމަވެސް ސިނާޢީ ފެންވަރުގައި ތައްޔާރު ކޮށްފައި ހުންނަ ކާބޯތަކެއްޗާ ދުރުވާން މަސައްކަތް ކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަން ޑރ ބެޓްސިސް ފާހަގަ ކުރިއެވެ.

ކާބޯތަކެއްޗާ މެދު ވިސްނަންވީ ބޭހާއި މެދު ވިސްނާ ފަދަ މޭރުމަކުންނެވެ. މިކަމާ  ވިސްނަންވީ ދޮށީ ޢުމުރަށް އެޅީމައެއް ނޫނެވެ. ހަށިގަނޑަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ސްކޫލު ދައުރުން ފަށައިގެން އަށަގެންނެވުން މުހިންމު އާދައަކަށް ހަދަން ޖެހެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުން ކުރިއަށް ގެންދާނެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭންޖެހެއެވެ. އެންމެ ޅަ ދުވަހުއްސުރެ އެގޮތަށް ދަރިން ބޮޑު ކުރެވޭނަމަ، ނަފުސަށް ފައިދާ ކުރަނިވި ދިރިއުޅުމެއް އުޅުމަކީ ބުރައަކަށް ނުވެ، އާދައިގެމަތިން ކުރާ ކަމެއްގެ ގޮތުގައި ދެކެވޭނެއެވެ.

ދެން އޮތީ ކަސްރަތުގެ ވާހަކައެވެ. ހިނގާބިނގާވެ، ޖިސްމާނީ ހެލިފެލިވުން ދަމަހައްޓަން ޖެހެއެވެ. ޖިސްމާނީ ގޮތުން ހަރަކާތްތެރިވާން ޖެހޭ އުސޫލުތަކެއްވެސް ޑރ ބެޓްސިސް ވަނީ ފާހަގަކޮށްފައެވެ. ހަފުތާއެއްގެ މައްޗަށް 150 މިނެޓް ހެލިފެލިވާން ޖެހެއެވެ. އެންމެ އެކަށީގެންވާ މިންވަރަކީ ދުވާލަކު 30 މިނެޓުގެ ރޭޓުން، 5 ދުވަހަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. ހަމަ އެކަނި އެއިރޮބިކްސް ކަސްރަތަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ހަށިގަނޑާއި މަސްތަކުގައި ބާރުޖައްސަނިވި ކަސްރަތުތައްވެސް ކުރަންޖެހެއެވެ.

ޖިސްމާނީ ހަރަކާތްތެރިކަމާއި ފައިދާ ހުރި ކާބޯތަކެތީގެ ފައިދާތަކުގެ އިތުރަށް، އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަކީވެސް ދުޅަހެޔޮ ޞިއްޙައްތެއްގެ ވެރިއެއްގެ ގޮތުގައޮ ދޮށީ ޢުމުރުގެ ދުވަސްތައް ގުނުމަށްޓަކައި އިންތިހާއަށް މުހިންމު ކަމެކެވެ. އިޖުތިމާޢީ ގުޅުން ދަމަހައްޓާ، ބަދަހި ކުރަމުން ދިއުމަކީ އެކަމަށް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވި އޮންނަ ކަމެކެވެ. އަހަރެމެންނަށް މިއަދު ދިރިއުޅެން ޖެހިފައި އޮންނަ ގޮތުން، މި ބުނި ފަދައިން އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަކީ މާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފައެވެ. އެކި މީހުން އެކި ހިސާބުތަކަށް ބަދަލުވެ، ޓެކްނޮލޮޖީގެ ވިއުގައަކުން މެނުވީ ބައްދަލު ނުވާހާ ދުރުގައިވެސް ލޯބިވާ އެތައް ބަޔަކު އުޅެއެވެ.

ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ހިޖުރަކުރަމުން، މާލީ ހާލަތާއި އެނޫންވެސް ކަންކަމާ ހެދި ދިރިއުޅޭ ތަން ބަދަލު ކުރަން ޖެހިފައި އޮތުމުގެ ސަބަބުން، އަވަށްޓެރި ކަމުގެ ގުޅުންވެސް ބަދަހި ކުރެވޭ ގޮތް ގިނަ ފަހަރު އޮންނަނީ ނުވެފައެވެ. ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުގެ ހާލަތު އެންމެ ގޯސްވެގެން ދިއުމުގެ ކުރިން އިޖުތިމާޢީ ވެށިން ހޯދިދާނެ އެތައް ފަރުވާއެއް ލިބިގަނެވޭނެ ގޮތެއް ނެތިފައި އެތައް ބަޔަކު އެބަ ތިބިކަން ޑރ ބެޓްސިސް ފާހަގަކުރިއެވެ.

މުޅިންހެންވެސް މި ދެއްކުނީ ދުރާލާ ތައްޔާރުވެވިދާނެ ގޮތްތަކުގެ ވާހަކައެވެ. މިހާރު، މި ލިޔުން ކިޔަމުން ދާ އިރު ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުން ދާ މީހުންނަށްވެސް ޑރ ބެޓްސިސް ވަނީ ޚާއްސަ މެސެޖެއް ދީފައެވެ. ޢުމުރުން 80 އަހަރުވިޔަސް، 90 އަހަރުވިޔަސް، ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ފެށިދާނެއެވެ. މިކަމުގައި އޮތީ އެ މީހަކު ދުޅަހެޔޮކަން މާނަ ކުރާ ގޮތެކެވެ. ދިރިއުޅުމުގެ މައިދާނުގައި އާދެވިފައި ހުރި ހިސާބުގައި ހުރިއިރު، ދުޅަހެޔޮ ޞިއްޙަތެއް ބޭނުންވި ސަބަބާ މެދު ވިސްނާލުންވެސް މުހިންމެވެ.

ޑރ ބެޓްސިސް ފާހަގަކުރި ގޮތުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދޮށީ ޢުމުރުގެ ދުވަސްތައް ގުނުމަށްޓަކައި ކުރާނެ ވަކި ކަންތައްތަކެއް އަކުރު ކަނޑާ ނެގިފައެއް ނެތެވެ. ކޮންމެ މީހަކީ ތަފާތު މީހެކެވެ. މަސައްކަތް ފެށިގެން އަންނަނީ ކޮންމެ ފަރުދެއްގެވެސް ނަފުސާ ހިސާބުންނެވެ. އެމީހަކު ބޭނުންވާ ކަމެއް ދެނެގަނެ، އެކަމެއް ހާސިލުކުރާނެ އިސްތިރާޖުރާވައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް