Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އދ.މަހިބަދޫގެ ބިމުގެ ދަތިކަން

ރައްޔިތުންގެ އަޑެއް ނާހާ، ސަރުކާރާއި މެމްބަރު އެދޭ ގޮތަށް މަހިބަދޫ ކައިރީގައި ޕިކްނިކް އައިލެންޑެއް؟

2024 ވަނައަހަރުގެ ބަޖެޓްގައި މަހިބަދޫ ފަޅު ހިއްކުން ހިމެނުމާއެކު ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގަ ނަމަވެސް މިހާރު އާއްމުން ދަނީ މާޔޫސްވަމުން.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 14:12
މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް

މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް

އދ.މަހިބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ޕިކްނިކް އައިލެންޑް ހެދުމަށް މިސަރުކާރުން ހުށަހަޅާފައިވާ ޕްލޭނާ މެދު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުރުހުން ފާޅުކޮށް އެކަން ބަދަލުކޮށްދިނުމަށް އެދެމުން ދަނީ މި އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އެންމެ ފުރަތަމަ އެ މަސައްކަތް ކުރަން ފެށީ އާއްމު ރައްޔިތުން ކައިރީގައި ހޭ ވެސް އަހާ ނުލައެވެ. ރައްޔިތުންގެ އަޑު އަހާ ރައްޔިތުންގެ އިހުސާސްތައް އެނގޭ ސަރުކާރަކަށް ވާނެ ކަމަށް ބުނެ އައި ސަރުކާރުން މަހިބަދޫ އާއި މެދު އަމަލުކުރާ ގޮތް އެކަނި ބަލާލިއަސް ހަގީގަތް އޮތް ގޮތާއި މެދު ސުވާލު ނު އުފައްދާވާކަށް ނެތެވެ.

ހުކުރު ދުވަހުގެ ރޭ މީސްމީޑިއާ އިން އަޅުގަނޑުގެ ސަމާލުކަން ދަމައިގަތީ މަހިބަދޫގެ ކައުންސިލް ބައްދަލުވުމުގެ ބައެއް ވީޑިއޯތަކެވެ. ފެނި ޔަގީންވި މަންޒަރަކީ އާއްމުން އިންތިހާއަށް ނުރުހުން ވެގެން އުޅޭކަމެވެ. އާއްމުން ބައްދަލުވުމުގައި ތެދުވެ އަޑު އުފުލާ މަންޒަރު ފެނުނެވެ. ކައުންސިލް ބައްދަލުވުމަކީ ވަރަށް އަމާން ކަމާއި އެކު ޚިޔާލުތައް ބަދަލުކުރެވޭ ޕްލެޓްފޯމެކެވެ. އެހެންކަމަށް ވީއިރު މި ބައްދަލުވުން މިހާ ހޫނުވާން ޖެހުނު ސަބަބަކާއި މެދު ސުވާލު އުފެދުނެވެ. އެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ބައެއް އާއްމުންނާއި ވާހަކަ ދައްކާލުމުން ވެގެން އުޅޭ ގޮތް ސާފުވިއެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ މި ބައްދަލުވުމަކީ ދެއްކި އަވާމެންދުރެކެވެ. އެ ބައްދަލުވުމުގެ ބޭނުމަކަށް ވީ އާއްމުންގެ ޚިޔާލު ހޯދާކަމަށް ދެއްކުމެވެ. ކަންކަން ނިންމުމުގައި އާއްމުންނަށް ބަސް ކިޔޭކަން ދެއްކުމެވެ. ރާއްޖެއެމްވީ އާއި ވާހަކަދެއްކި އާއްމުން ކިޔާދިން ގޮތުން މި ބައްދަލުވުމުގައި ވަކި ގޮތަކަށް ކަންކަން ނިންމުމަށް ކައުންސިލާއި ސަރުކާރުން އޮތީ މާ ކުރިން ރާވާފައެވެ.

ގޯތި ނުލިބޭ ގޮތަށް އދ. މަހިބަދޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން އުޅޭތީ އެ ރަށުގެ ރައްޔިތުން ދަނީ އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހުކުރު ދުވަހުގެ ރޭގެ އެ ބައްދަލުވުމަކީ އީއައިއޭ ކޮންސަލްޓޭޝަން ބައްދަލުވުމެކެވެ. އެހެންނަމަވެސް މި އަހަރުގެ ކުރީކޮޅު މަޖިލިސް އިންތިޚާބާއި ދިމާކޮށް ޕްރޮޖެކްޓް މޯބިލައިޒްކޮށް މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ. އީއައިއޭ ހަދަނީ ޕްރޮޖެކްޓްގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަތުމަށެވެ. ޕްރޮޖެކްޓްގެ މަސައްކަތް ފެށުމުގެ ކުރިން އާއްމުކޮށް އެ މަސައްކަތް ކުރި ނަމަވެސް އެކަން ވެސް މި އޮތީ މުޅިން ގަޑުބަޑުކޮށްލާފައެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ރައްޔިތުން އެދެނީ ރައްޔިތުންނަށް ގޯތި ލިބޭ ގޮތަށެވެ. ނަމަވެސް ސަރުކާރުން ހިފާފައި ތިބީ ކޮންމެ ގޮތެއް ހަދާފައި ވެސް އެތަނުގައި ޕިކްނިކް އައިލެންޑެއް ހެދުމަށެވެ.

ރާއްޖެއެމްވީ އާއި ވާހަކަދެއްކި އާއްމުން ކިޔާދިން ގޮތުގައި އެ ބައްދަލުވުމަށް ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން ގިނަވާ ގޮތަށް ކުރީ ބައިގައި އަންގައިގެން މީހުން ގެނައީ ރޭގައި އެ ކަމާއި ގުޅޭ ވޯޓު ނެގުމަށް ދުރާލާ ރާވައިގެންނެވެ. ބޭނުންވީ އާއްމުން ވޯޓު ދީގެން މި ކަން ނިންމިކަމަށް ދައްކާށެވެ. ނަމަވެސް އެއީ ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށް ރާއްޖެއެމްވީ އާއި ވާހަކަދެއްކި ގިނަ އާއްމުން ވަނީ ބުނެފައެވެ. އެ މީހުން ބުނާ ގޮތުން ޕިކްނިކް ޕްރޮޖެކްޓަކީ ސަރުކާރަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ އިސްނެގުމެކެވެ. އެހެންކަމުން ރައްޔިތުންގެ ޚިޔާލު ބޮލާލާ ޖެހުމަށް ފަހުގަ ވެސް ބޭނުން ވަނީ ސަރުކާރާއި މެމްބަރު ބޭނުންވާ ގޮތަށް މަޝްރޫޢު ކުރިއަށް ގެންދަން ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އަދި ވަކި ބަޔަކު އެއްކޮށްގެން ކައުންސިލް ބައްދަލުވުން ކޮންޓްރޯލްކުރުމުގައި ކައުންސިލްގެ ބައިވެެރިވުން އޮތް ކަމަށް ވެސް އާއްމުން ތުހުމަތުކުރެއެވެ. ހިތްހަމަ ނުޖެހުން އުފެދުނީ ކުއްލިގޮތަކަށް ވޯޓު ނަގާ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަން އުޅުމުން ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާއްމުން ވަނީ ބުނެފައެވެ.

ކައުންސިލްގެ ފަރާތުން ނިންމާ ނިންމުންތަކާއި މަޝްވަރާ ކުރުމަށް ރައްޔިތުންނާއެކު މިދިޔަ ޖޫން މަހު 01 ގައި ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. މިބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ

1- ރަށުގައި މިހާރު ކުރިޔަށްދާ މަޝްރޫޢު ތަކާއި ކުރިއަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކުރުން

2- ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން

އެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މައިގަނޑު 2 ކަމެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކޮށް ޕިކްނިކް އައިލެންޑެއް މަހިބަދޫ ފަޅުގައި ހެދުމާއި، ޒަމާނީ ފެންވަރަކަށް މަގުހެދުމުގެ 2 ވަނަ ފިޔަވައްސާބެހޭ މަޢުލޫމާތު ވަނީ ދީފައެވެ.

އެ ހިސާބުން ފެށިގެން އާއްމުން ދަނީ މިކަމާއި މެދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑު އުފުލަމުންނެވެ. އެ ރަށު އާއްމު މީހަކު ބުނި ގޮތުގައި ގާތްގަނޑަކަށް %95 މީހުން އިއްތިފާގުވަނީ ޕިކްނިކް އައިލެންޑް މަހިބަދޫ ކައިރީގައިވާ މާފަރު ފަޅަށް ބަދަލުކުރުމަށްފަހު މަހިބަދޫ ފަޅުން ހިއްކެން އޮތް އެންމެ ބޮޑު އަދަދެއް ހިއްކުމަށެވެ. މީގެ ކުރިން ރާއްޖެއެމްވީ އާއި ވާހަކަދެއްކި ބައެއް އާންމުން ވަނީ އެ ރަށަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ކުނިމެނޭޖްކުރުން އަދި އޮޑިދޯނިފަހަރު ބެލެހެއްޓުމުގެ ކަންކަމުގައި އެ ޕްލޭނުގައި ހައްލު ހޯދާދެވިފައި ނެތް ކަމަށް ބުނެފައެވެ. އަދި ޕިކްނިކް ދާ ރަށެއް ފަޅުތެރޭގައި ހެދުމުން ދިމާވެދާނެ އިޖްތިމާއީ މައްސަލަތައް އިތުރު ވާނެކަމަށް އާންމުން ވަނީ ބުނެފައެވެ.

2022 ވަނައަހަރުގެ ބޯހިމެނުމަށް ބަލާއިރު މަހިބަދޫ އަކީ ރާއްޖޭގައި އެންމެ ތޮއްޖެހިފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. އަދި އެ ރަށަށް ގެދޮރުވެރިކަމާއި، ބިމުގެ ދަތިކަން، ކުނި މެނޭޖްކުރުން އަދި އޮޑިދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މައްސަލަ ދިމާވެއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް އެކަށީގެންވާ ހައްލެއް ހޯދޭނެކަމަށް ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭނުން ނުފެންނާތީ އާއްމުން ދަނީ ފާޑުކިޔަމުންނެވެ.

2024 ވަނައަހަރުގެ ބަޖެޓްގައި މަހިބަދޫ ފަޅު ހިއްކުން ހިމެނުމާއެކު ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައެވެ. އެއީ 30 އަހަރު ވަންދެން ހައްލު ނުވެ އޮތް ގޯތީގެ މައްސަލަ ހައްލުވާނެ ކަމުގެ އުއްމީދާއި އެކުގައެވެ.

މިކަމާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކުން އެނގޭ ގޮތުން ރަށުފަޅުން 15 ހެކްޓަރ ހިއްކެން އެބައޮތެވެ. އެހެންކަމަށް ވާއިރު 10 ހެކްޓަރ ހިއްކައިގެންވެސް ގޯތި ނުދެވުމުގެ މައްސަލައަށް ހައްލު ގެނެވެން އެބައޮތެވެ.

އެ ރަށުގެ 18 އަހަރުން މަތީގެ އާބާދީއަކީ 1718 މީހުންނެވެ. އަދި ރަށުގައި 648 ރަޖިސްޓްރީ ކުރެވިފައިވާ ގޯތި ހުރިއިރު 18 އަހަރުން މަތީގެ ކޮންމެ ދެމަފިރިޔަކަށް ގޯތި ދޭނަމަ ބޭނުންވާނެ ޢަދަދަކީ 535 ގޯއްޗެވެ. އެހެންކަމުން ހިއްކާބިމުން އެހެނިހެން ބޭނުންތަކަށް ކަނޑާފައި 1200 އަކަފޫޓުގެ 600 އަށްވުރެ ގިނަގޯތި ނެގޭނެކަން ފާހަގަކޮށްލެވެއެވެ.

މަހިބަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު މަހިބަދޫގައި 100 ހައުސިންގ ޔުނިޓް އަޅަނީ

އަންނަ އަހަރު މަހިބަދޫގައި 100 ހައުސިންގ ޔުނިޓް އަޅަނީ

15 ޑިސެމްބަރު 2024
ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅުކަންކަމުން ސަލާމަތްވެގެން  - ރައީސް

ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅުކަންކަމުން ސަލާމަތްވެގެން - ރައީސް

15 ޑިސެމްބަރު 2024
ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

27 މެއި 2023
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

12 ޖެނުއަރީ 2023
މަހިބަދޫ ވެޓަރެންސްކަޕްގެ ޗެމްޕިއަންކަން ދަ ޖޯލި ދިފާއުކޮށްފި

މަހިބަދޫ ވެޓަރެންސްކަޕްގެ ޗެމްޕިއަންކަން ދަ ޖޯލި ދިފާއުކޮށްފި

15 ޖުލައި 2022

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު