ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 14:20
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އަދި މަސްވެރިން މަސްވެރިކަމުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އަދި މަސްވެރިން މަސްވެރިކަމުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް
ރާއްޖެއެމްވީ
މަސްވެރިންގެ ކަންބޮޑުވުން
މިދިޔަ ސަރުކާރަށް ނިސްބަތްކޮށް ޝިޔާމް އޭރު ވިދާޅުވީ "ކިޔޫ ސަރުކާރު"، މަސްވެރިން ނިކަމެތިކުރާ ސަރުކާރު. މިއަދު؟
މިއަދުގެ ސަރުކާރުގައި ފެނިގެން މިދަނީ ވެރިކަމަށް މިވީ ކުރު މުއްދަތުގެ ތެރޭގައި އެތައް ފަހަރަކު މަސްވެެރިން މުޒާހަރާއަށް ނުކުމެ، އަޑު އުފުލަމުންދާ މަންޒަރު.

މިހާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އަކީ ނިމިދިޔަ ސަރުކާރުގައި މަސްވެރިންގެ ހައްޤުތަކަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅާއެވެ. މަސްވެރިންގެ ޙައްޤުތަކަށް ނިމިދިޔަ ސަރުކާރުން އިހުމާލުވެފައިވާކަމަށް ވިދާޅުވެ، މަޖިލީހަށް އެންމެ ގިނަ ކުއްލި މައްސަލަ ހުށަހަޅުއްވައި، އެންމެ އަޑުހަރުކޮށް ވާހަކަފުޅު ދެއްކެވީވެސް ޝިޔާމްއެވެ.

އެހެންނަމަވެސް މިއަދުގެ ސަރުކާރުގައި ފެނިގެން މިދަނީ ވެރިކަމަށް މިވީ ކުރު މުއްދަތުގެ ތެރޭގައި އެތައް ފަހަރަކު މަސްވެެރިން މުޒާހަރާއަށް ނުކުމެ، އަޑު އުފުލަމުންދާ މަންޒަރެވެ. އެހެންކަމުން އޭރު ޝިޔާމް ދައްކަވާފައިވާ ވާހަކަތައް މިއަދު ހަނދާން އާކޮށްލަމާހެއްޔެވެ؟

މި ސަރުކާރުގައި މަސްވެރިން ގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި

ފުރަތަމަ އޮތީ އައްޑޫ ސިޓީ މަރަދޫ ރަހާ ދޯނިން ބޭނި މަސް ކޫއްޑުއަށް ނުކިރިގެން 20 ޓަނު މަސް ކަނޑަށް އުކައިލަންޖެހި, ދެ ޓަނު މަސް އެ އަތޮޅު އެހެން ރަށެއްގެ ރައްޔިތުންނަށް ހިލޭ ދޭން ޖެހިގެން އެކަމާ އޭރު ޝިޔާމް ދެއްކެވި ވާހަކަފުޅެކެވެ.

މިއަދު އައްޑޫގައި ހުންނަ މިފްކޯގެ ފެސިލިޓީއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން މަސްވެރިން މުޒާހަރާވެސް ކުރަމުންދާއިރު، މިއީ އެ ވާހަކަފުޅަށް ބަލާލަން ރަނގަޅު ދަނޑިވަޅެކެވެ.

އެ ދުވަހު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަސްކޮޅުގެ ބައިކުޅަބައި ވެސް ކިރާނުލެވޭ ތަނުގައި ކިރައިލާ މަސްކޮޅަށް ފައިސާ ވެސް ނުލިބޭ ކަމަށާއި, އައިސް ވެސް ނުލިބޭ ކަމަށެވެ. ލޯބޯ ފިއްސައިގެން މަސްވެރިން ބާނާ މަސްކޮޅު އުކާލަން ޖެހޭ ކަމަށާއި، އޭރުގެ ސަރުކާރުން މަސްވެރި ސިނާޢަތު ހަލާކުވެ މަސްވެރިން ނިކަމެތި ކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެން ދުވަހެއްގެ ވާހަކައެވެ. އެ ދުވަހު ޝިޔާމް ދެއްކެވީ މަސް ކިރުމާއި، އައިސް އެޅުމަށާއި ތެޔޮ އެޅުމަށް ކިޔޫގައި ޖެހެން ޖެހޭ ވާހަކައެވެ. އެ ވާހަކަ ދައްކަވަމުން ގޮސް ޝިޔާމް އެ ދުވަހު ވަނީ މިދިޔަ ސަރުކާރަކީ "ކިއޫ ސަރުކާރު" ގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އެހެން ދުވަހެކެވެ. މިއީ 2020 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި ވާހަކަފުޅެކެވެ. އެ ދުވަހު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ނުލިބި، އެ އާއިލާތައް ހާލުގައި ޖެހި، ތަކުލީފް އުފުލަން ޖެހިފައި ވަނީ އެމްޑީޕީގެ ސަބަބުން ކަމަށެވެ. އޭރު އެހެން ވިދާޅުވީ މަސްވެރިންނަށް މަސް ނުކިރިގެން ޝަކުވާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ ދުވަހު ޝިޔާމް ވިދާޅުވީ މަސްވެރިން ރަނގަޅަށް މަސް ބާނަން ފަށައިފިނަމަ، ދެންވާނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ. މިއީ ހައްތަހާވެސް އޭރު ޝިޔާމް ދެއްކެވި ވާހަކަފުޅުތަކެވެ.

އެހެންނަމަވެސް މިއަދު ރާގު ބަދަލުވެއްޖެއެވެ. މިއަދު މަސް ކިރުމާއި، އައިސް އެޅުމަށާއި ތެޔޮ އެޅުމަށް ކިޔޫގައި ޖެހެން ޖެހުނަސް މިއީ އަދި ތިން ކިޔޫ ސަރުކާރެއް ނޫނެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވުނަސް މިއަދު ސަރުކާރުން މަސްވެރިން ނިކަމެތި ކުރި ކަމަކަށް ނުވެއެވެ.

ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ - ރާއްޖެއެމްވީ

މިއަދު ޝިޔާމް ވިދާޅުވަމުން ގެންދަވަނީ ސަރުކާރު ކޭޝް ފްލޯވެސް ދަށްވެފައިވުމުން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގައި ހުރަސްތަކެއް ހުރި ކަމަށެވެ.

މިއަދު ޝިޔާމް ވިދާޅުވަނީ މީގެ ކުރީ ޒަމާނުގައި މަސްކިރުމުން ވަގުތުން ފައިސާ ދިން ނަމަވެސް މިހާރު އެގޮތަށް އެކަން ނުކުރެވޭނެކަން މަސްވެރިން ވެސް ގަބޫލުކުރާ ކަމަށެވެ.

ކަން މިހެން އޮތުމުން ދޭހަވަނީ މިދިޔަ ސަރުކާރުގައި މަސްވެރިންނަށް ހެޔޮ އެދިވަޑައިގެން ދެއްކެވި ވާހަކަފުޅުތަކަކީ ހަަމައެކަނި ސިޔާސީ ބޭނުމަށް ދެއްކެވި ވާހަކަފުުޅުތަކެއް ކަމެވެ. ވެރިކަން ބަދަލު ކުރުމަށް ޖެއްސެވި ފޯމިއުލާއެއް ކަމެވެ. ކަންކަން ރަނގަޅު ކޮށްދޭނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައިސް ފެނިގެން މިދަނީ މަސްވެރިން ނިކަމެތި ކުރުން އައު ހަރުފަތަކަށް ގެންގޮސްފައިވާ މަންޒަރެވެ.

ކޮމެންޓް