Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެއްޗެހި ދޮވުން

މެޝިނު ހުއްޓެއް ކަމަކު، ތިޔަ އެއްޗެހި ދޮވެވެނީ މާ ގިނައިން... ނޫންތަ؟

ސްވީޑަންގެ ޝަލްމަޝް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ތިމާވެށި ހިމާޔަތް ކުރުމަށް އެންމެ އިސްކަން ދޭ މީހުންނަކީ ފުދޭ ވަރަކަށް އެއްޗެހި ދޮންނަ މީހުން. ދޮންނަ ކޮންމެ ބުރަކީ، އެވަރޭޖު ގޮތެއްގައި 31 ގެލަން، 117.4 ލީޓަރުގެ ފެން ބޭނުން ކުރާ ބުރެއް.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 08:48
ދޮންނަން ޖެހޭ ވަރަށް ވުރެ އިތުރަށް، އަހަރެމެންނަށް އަންނައުނާއި އެނޫންވެސް އެފަދަ ތަކެތި ދޮވެވޭ

ދޮންނަން ޖެހޭ ވަރަށް ވުރެ އިތުރަށް، އަހަރެމެންނަށް އަންނައުނާއި އެނޫންވެސް އެފަދަ ތަކެތި ދޮވެވޭ

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، ނުވަތަ މުޅި ޢުމުރު ދުވަހުވެސް ޖިންސުލައި އުޅުމަށް ހިތް ދެވުނު، ނުވަތަ ދެވިފައި ތިބި މީހުންނެވެ. ބޭރު ތެރެއަށް ނުކުމެ އުޅޭ އުޅުމުގައި ނުވަތަ ގޭތެރޭގައިވެސް ޖިންސު ވަރެއް ހަމަ ނެތޭ ހީވާ މީހުން އުޅެއެވެ. ޖިންސަށް ހިތު ލޯބި ހިބައިން ދީގެން އުޅުނު އެތައް ބައެއްގެ މޫނުމަތީގައި ސުވާލު މާކުގެ އަތްތިލަ ބީހިލީ 2014 ވަނަ އަހަރުއެވެ. މަޝްހޫރު، ނޫ ކުލައިގެ ޑެނިމް ޖިންސު އުފެއްދުމުގައި އަރާ ހުރި ކުންފުނި، ލީވައިޒް ސްޓްރޯޒް އެންޑް ކޯގެ އޭރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޗިޕް ބަރގް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ޖިންސަކީ މެޝިނަކުން ދޮންނަން ޖެހޭ އެއްޗެއް ނޫނޭ ބަރގް ބުނުން ވީ، އެތައް ބަޔަކަށް ހަޖަމު ކުރަން ދަތިވި ވާހަކައަކަށެވެ.

އޭގެ 10 ވަރަކަށް އަހަރު ފަހެވެ. ކުރިން ދެއްކި ވާހަކަތަކުގެ އިތުރު ތަފްސީލެއް ބަރގް ކިޔައި ދިނީ 2023 ވަނަ އަހަރުގެ ތެރޭގައި އޭނާ ދިން އިންޓަރވިއުއެއްގައެވެ. އެ އިންޓަރވިއުގައި ބަރގް ވަނީ، ޑެނިމް ސިނާޢަތަކީ އިންތިހާއަށް ފެން ބޭނުން ކުރާ ސިނާޢަތެއް ކަން ފާހަގަ ކޮށްފައެވެ. އދގެ އަންދާޒާތަކަށް ބަލާއިރު، އެންމެ ޖީންސްއެއް އުފައްދަން އެކަނިވެސް 3781 ލީޓަރުގެ ފެން ބޭނުންވެއެވެ. ބަރގް، ތުހުމަތުގެ އިނގިލި އަމާޒު ކުރީ ޖިންސް ލައި އުޅޭ މީހުންނަށެވެ. ވަކިން ޚާއްޞަކޮށް، ލައި ކޮންމެ ފަހަރަކު މެޝިނުން ޖިންސު ދޮންނަ މީހުންނާ ދިމާއަށެވެ.

ބަރގް ބުނި ގޮތުގައި އަމިއްލަ ޒާތުގައި އޭނާއަށް އެންމެ ރަނގަޅު ގޮތަކީ، ޖިންސުގައި ހަޑިވާ ތަންކޮޅެއް ވަކިން ދޮވެލުމެވެ. މާ ބޮޑަށް ދާ ހިއްލާ، "މުޑުދާރު" އިޙްސާސެއް ކުރެވޭނަމަ، ފެންވަރާއިރު އަތުން ދޮވެލަނީ ކަމަށްވެސް ބަރގް ކިޔައިދިނެވެ.

ނަމަވެސް، މިހާ ހިސާބުން އުފެދުނީ އަނެއްކާވެސް އިތުރު ސުވާލެކެވެ. އަހަރެމެން އާންމުކޮށް ޖިންސު ދޮންނަންވީ ކިހާ ދުވަހެއް ކޮށްފައި ހެއްޔެވެ؟ ލައި އުޅޭ އެހެން އެއްޗެއްސަށްވެސް އެ ޙުކުމް ހިނގާނެބާއެވެ؟ ތެދެކެވެ. އެތެރެއިން ލައި އުޅޭ އެއްޗެއްސަކީ، ބޭރު ފުށަށް ފެންނަން ހުންނަ އަންނައުނާއި ކޯޓާއި ޖެކެޓް ފަދަ އެއްޗެއްސަށްވުރެ ގިނައިން ދޮންނާނެ އެއްޗެއްސެވެ. ނަމަވެސް، ޤަބޫލު ކުރަން ޖެހިފައި އޮތް ޙަޤީޤަތަކީ، ދޮންނަން ޖެހޭ ވަރަށް ވުރެ އިތުރަށް، އަހަރެމެންނަށް އަންނައުންނާއި އެނޫންވެސް އެފަދަ ތަކެތި ދޮވެވޭ ކަމެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ވެއްޓާ ރައްޓެހިވުމަށް އަހަރެމެންގެ ހިތުގައި އޮންނަ އެދުމާއި، "މުޑުދާރު" މީހެއްގެ ގޮތުގައި ސިފަވެގެން އުފެދޭ ނަފުރަތުން ދުރުހެލިވުމަށް ނަފުސުން ކުރާ ޕްރެޝަރާ ދެމެދު ކުރާ ހަނގުރާމައެއް އޮވެއެވެ.

ސްވީޑަންގެ ޝަލްމަޝް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ތިމާވެށި ހިމާޔަތް ކުރުމަށް އެންމެ އިސްކަން ދޭ މީހުންނަކީ ފުދޭ ވަރަކަށް އެއްޗެހި ދޮންނަ މީހުންނެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސަބަބަކަށް ވަނީ، "ނުބައި ވަސް ދުވާ، މުޑުދާރު" މީހެއްގެ ގޮތުގައި ސިފަ ވެދާނެ ކަމަށް ހިތުގައި އުފެދޭ ބިރެވެ.

'ފިޒް ޑޮޓް އޯގް'ގައި ޝާޢިއުކޮށްފައި ވާ މި ދިރާސާގެ މުސައްނިފު، އެރިކް ކްލިންޓް ތަފްސީލު ކޮށްދިން ގޮތުގައި، "ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ދޮވުން މަދުކުރުމުގެ އެދުމާއި، ނުސާފު ހެދުމެއް ލައިގެން ހުންނަ ނަފްރަތު އުފެދޭ މީހެއްގެ ގޮތުގައި ލޭބަލް ވެދާނެ ކަމުގެ ބިރާއި ދެމެދު އުފެދިފައި އޮންނަ ދެބަސްވުމެއް" އޮވެއެވެ. ފަކުރުގަތުމުގައި އެމީހެއްގެ ހައްސާސްކަން އޮންނަ މިންވަރަކަށް، އެއްޗެހި ދޮންނަ މިންވަރު އިތުރުވެއެވެ. އެ މީހަކީ ތިމާވެށީގެ ދިފާޢުގައި އެންމެ ކުރީ ސަފުގައި ހުރި މީހަކު ކަމުގައި ވީ ނަމަވެސްމެކަން ކްލިންޓް ފާހަގަ ކުރިއެވެ.

އަދުގެ ގޭބިސީތަކުގައި އާންމުކޮށް ބޭނުން ކުރާ ދޮންނަ މެޝިންތައް ހިންގަން ބޭނުންވާ ހަކަތައާއި، ފެނުގެ ސަޕްލައިގެ މިންވަރަކަށް އަހަރެމެން މިހެން ތިބެ ވަޒަންވެސް ކޮށްލެވޭ އެއްޗަކަށް އޮންނަނީ ނުވެފައެވެ. ދޮންނަ ކޮންމެ ބުރަކީ، އެވަރޭޖު ގޮތެއްގައި 31 ގެލަން، 117.4 ލީޓަރުގެ ފެން ބޭނުން ކުރާ ބުރެކެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ވެށި ތަޣައްޔަރު ކުރުމުގެ އެންމެ ކުރީގައި އޮތް މައިކްރޯޕްލާސްޓިކްއަށް ބެލި ކަމުގައި ވީ ނަމަވެސް އެއްޗެހި ދޮވުމުގެ ވާހަކަ ނުދައްކާ ވާކަށް ނެތެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ބޭރުވެގެންދާ މައިކްރޯޕްލާސްޓިކްގެ 16 ޕަސެންޓާއި 35 ޕަސެންޓާ ދެމެދު މިންވަރެއް ހިއްސާ ކުރަނީ ސިންތެޓިކް ފައިބަރުން އުފައްދާފައި ހުންނަ އެއްޗެހި ދޮވުމުގެ މަރުހަލާއެވެ. ސިންތެޓިކް ފައިބަރުން އުފައްދާފައި ވާ ބައެއް ބާވަތްތަކަށް ބަލާއިރު ޕޮލިސްޓަރު، އެކްރިލިކް އަދި ނައިލޯން ހިމެނެއެވެ. ދޮންނަން ބޭނުން ކުރާ ޑިޓަރޖަންޓްއާއި މީރުވަސް ދުއްވަން ބޭނުން ކުރާ އެނޫންވެސް މާއްދާތަކުގެ ވާހަކަ، މި މޭރުމުން ދައްކަން ވެއްޖެއްޔާ މުޅި ދުވަސް ހޭދަ ކުރަން ޖެހެނީ އެ ކަމެއްގައެވެ.

ކޮންމެ ކަމެއްގައިވެސް ތަޖުރިބާކާރުން ތިބޭ ފަދައިން، އެއްޗެހި ދޮވުމާ ގުޅުން ހުރި ކަންކަމުގައިވެސް ތަޖުރިބާކާރުން އެބަ ތިއްބެވެ. އެ މީހުންގެ އިރުޝާދުތައް އަހާލުމަކުން ގޯހެއް ނެތްތާއެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި، ލައި އުޅޭ އެއްޗެހި މެޝިނުން ދޮންނަން ވީ ކިހާ ވަރެއް ވީމާ ތޯ ބަލަމާ ހިނގާށެވެ.

މި ހިއްސާ ކުރީ އެއްޗެހި ދޮވުމާ ބެހޭ ގޮތުން ބައެއް ތަޖުރިބާކާރުން އިއްތިފާޤުވެފައި ވާ އުސޫލުތަކެވެ. ނަމަވެސް ލާން ގެންގުޅޭ އެއްޗެހި އިންތިހާއަށް ތަޣައްޔަރުވެ، ނުތާހިރު ދަރަޖައަށް ދިއުމުން ނުދޮންނާށެކޭ ނޫނެވެ. ލައިގެން ހުރި ޖިންސަށް ހާޖަތަކަށް ދެވިއްޖެ ނަމަ ނުދޮންނާށެކޭ ނޫނެވެ.

އެއްޗެހި ދޮވުމުގައި މިހާތަނަށް އާދަވެފައި ހުރި އުސޫލަކަށް ބަދަލު ގެނައުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. މުޑުދާރު މީހެއްގެ ޓެގު އަޅުވާފާނެ ކަމަށް ކުރެވޭ ހީއަކީ މިކަމަށް އެޅޭ އެންމެ ބޮޑު އެއް ހިޔަންޏެވެ. އަހަރެމެން އެ ދީނަކަށް ތަބަވާ އިސްލާމް ދީނަކީވެސް ސާފު ތާހިރު ކަމަށް އިސްކަން ދޭ ދީނެކެވެ. ހަމަ އެހެންމެ، އިސްރާފު ކުރުމާ ދުރުވަމަށްވެސް ބާރު އަޅާ ދީނެކެވެ. ސާފުތާހިރުވުމުގެ ނަމުގައި އިސްރާފު ކުރުމެއް ނެތެވެ.

ލައި އުޅޭ އަންނައުނާއި އެފަދަ ތަކެތި ދާ ވެއްޖެ ކަމާއި، މެޝިނަށްލައި، ދޮވެ ހިއްކަން ވެއްޖެ ކަން އަހަރެމެންގެ އަމިއްލަ ބުއްދިއަށް ނަގައިގަނެވޭނެއެވެ. އެ ހާލުގައި ނެތް މީހަކަށް، އަހަރެމެންގެ އެހީތެރިކަން ބޭނުން ވެއެވެ. ކާން އިން ބަތްތަށިން ބުރައިގެން ދާ ތިއްކެއް ގަމީހުގައި ޖެހޭ ހިސާބުން މުޅި ގަމީސް، ދާ އެއްޗެހި އަޅާ ވަށިގަނޑަށް ލުމުގެ ކުރިން ވިސްނާލާށެވެ. ހަމަޖެހުމުގެ ނޭވާއެއް ލާށެވެ. އެ ޖެހުނު ކުޑަ ލައްކޮޅު ފިލުވާލެވޭތޯ މަސައްކަތްކޮށްލާށެވެ. ހަމަ ޔަޤީނުންވެސް އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެއެވެ. ފެނާއި ހަކަތައިގެ ޚަރަދު އެކަންޏެއް ނޫނެވެ. މެޝިނުން ދޮވެ ހެދުންތައް ބާ ކުރުމުގެ ބަދަލުގައި، ތަންކޮޅެއް ގިނަ ދުވަހަށް ހެދުންތައް ބޭނުން ކުރެވުމަކީވެސް ލައްކަ ބޮޑު ވަރު ނޫން ހެއްޔެވެ؟

އެއްޗެހި ދޮވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެނިންގ ޓޭޓާމްއާއި ޖެނާ ޑުވާންގެ ވަރި: އަދިވެސް ވަރަށް ލޯބިވޭ، އެކަމަކު މި ވަގުތު ލޯބި ގެންދަނީ ދެ ދިމާލަކަށް

ޗެނިންގ ޓޭޓާމްއާއި ޖެނާ ޑުވާންގެ ވަރި: އަދިވެސް ވަރަށް ލޯބިވޭ، އެކަމަކު މި ވަގުތު ލޯބި ގެންދަނީ ދެ ދިމާލަކަށް

04 އެޕްރީލު 2018
ތިޔަ ލޯތްބާ ދުރަށްގެ ޓިކެޓް ވިއްކަން ފަށައިފި

ތިޔަ ލޯތްބާ ދުރަށްގެ ޓިކެޓް ވިއްކަން ފަށައިފި

04 އެޕްރީލު 2018
ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ ރިލީޒްކޮށްފި

ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ ރިލީޒްކޮށްފި

20 މާރިޗު 2018
ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ އަދި ޓްރެއިލާ ރިލީޒް ކުރުން މިރޭ

ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރ އަދި ޓްރެއިލާ ރިލީޒް ކުރުން މިރޭ

19 މާރިޗު 2018
ތިޔަ ލޯތްބާއި ދުރަށް: އެޑިޓިން އާއި ޑަބިން ނިމިއްޖެ  

ތިޔަ ލޯތްބާއި ދުރަށް: އެޑިޓިން އާއި ޑަބިން ނިމިއްޖެ  

09 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު