Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ޓްރާންސް ފެޓީ އެސިޑްސް (ޓީއެފްއޭ)

ޓްރާންސް ފެޓް: ކާބޯތަކެތި ވިހަ ކުރާ، ލޮލަށް ނުފެންނަ ޤާތިލާ ދެކޮޅަށް ވެރިޔާ ތެދުވާންޖެހޭ!

ޓްރާންސް ފެޓް ނުވަތަ ޓްރާންސް ފެޓީ އެސިޑްސް (ޓީއެފްއޭ) އަކީ ކާބޯތަކެތީގައި އެކުލެވޭ ފެޓްސްގެ އެކި ވައްތަރުތަކުގެ ތެރެއިން، ޞިއްޙަތަށް އެންމެ ނުރައްކާ ވައްތަރެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 10:17
ޓްރާންސް ފެޓް އެކުލެވޭ ބައެއް ކާބޯތަކެތި

ޓްރާންސް ފެޓް އެކުލެވޭ ބައެއް ކާބޯތަކެތި

ޒާތްޒާތުގެ ކުކީތަކާއި، ޕިއްޒާއާއި ކޭކުތަކެވެ. މި ހުރިހާ ބާވަތެއްގެ ކާބޯތަކެއްޗަކީވެސް އިންތިހާއަށް މީރު، އެހެން ނަމަވެސް ފުރާނައަށް ގެއްލުންދެނިވި ނުރައްކާ އެކުލެވުން އެކަށީގެންވާ ތަކެއްޗެވެ. ހަކުރާއި، ލޮނު ނުވަތަ ސަރުބީގެ މާއްދާތައް އިންތިހާއަށް އެކުލެވިގެންވާ ތަކެއްޗެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. އެ ބައްޔެއްގައި އަހަރަކު 3 ލައްކައެއްހާ މީހުން މި ދުނިޔެއަށް ފަހު ނޭވާ ދޫކުރާ ކޮރޮނަރީ ހަރޓް ޑިޒީޒް ނުވަތަ ހިތުގެ ބަލިތަކަށް މަގުފަހި ކުރާ ވިހަ މާއްދާއެއްވެސް އޭގައި އެކުލެވެއެވެ. އެ މާއްދާއަކީ ސިނާޢީ ފެންވަރުގައި އުފައްދާ ޓްރާންސް ފެޓްއެވެ.

ޓްރާންސް ފެޓް ނުވަތަ ޓްރާންސް ފެޓީ އެސިޑްސް (ޓީއެފްއޭ) އަކީ ކާބޯތަކެތީގައި އެކުލެވޭ ފެޓްސްގެ އެކި ވައްތަރުތަކުގެ ތެރެއިން، ޞިއްޙަތަށް އެންމެ ނުރައްކާ ވައްތަރެވެ. ޤުދުރަތީ އަދި ސިނާޢީ މާއްދާތަކުންވެސް ޓްރާންސް ފެޓް އުފައްދައެވެ. ޓްރާންސް ފެޓް އުފައްދަން ފެށީ 20 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ ބަޓަރުގެ ބަދަލުގައި ބޭނުން ކުރާނެ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން ޓްރާންސް ފެޓް ބޭނުން ކުރަމުން އައީ ސިނާޢީ ފެންވަރުގައި އުފައްދާ ކާބޯތަކެތި ހަލާކު ނުވެ، ގިނަ ދުވަހަށް ހުންނާނެ ގޮތް ހެދުމަށެވެ. ސިނާޢީ ފެންވަރުގައި އުފައްދާ ޓްރާންސް ފެޓްއަކީ އަހަރެމެން އިންސާނުންގެ ޞިއްޙަތަށް އިންތިހާއަށް ނުރައްކާ ކުރިމަތި ކުރާ އެއްޗެކެވެ. ޓްރާންސް ފެޓް ބޭނުން ކުރަން ރައްކާތެރީ މިވެނި މިންވަރަކަށޭ ބުނާނެ ވަކި މިންވަރެއް ނެތެވެ. ކަން މިހެން އޮތް އިރު، ޓްރާންސް ފެޓްގެ ބަދަލުގައި ބޭނުން ކުރެވިދާނެ، ޞިއްޙީ ގޮތުން ނުރައްކަލެއް ނެތް ބާވަތްތައްވެސް އެބަ ހުއްޓެވެ. ރަހައަކަށްވެސް ބަދަލެއް ނާންނާނެއެވެ. ކާބޯތަކެތި އުފެއްދުމުގެ ޚަރަދުވެސް ބޮޑެއް ނުވާނެއެވެ. ނުވިތާކަށް، އެތައް ސަތޭކަ ހާސް ފުރާނައެއް ސަލާމަތް ކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗޭނުން ޓްރާންސް ފެޓް އެކުލެވޭ ބާވަތްތައް އުނި ކުރުމަށް އެ ދާއިރާގެ ސިނާޢީ ބައިވެރިންނާއި ޤައުމުތަކަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލީ މީގެ 6 އަހަރު ދުވަސް ކުރިންނެވެ. އޭރު، މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު މި ވިހަ ކެމިކަލުގެ ނުރައްކަލުން ސަލާމަތްވެވިފައި، ނުވަތަ ރައްކާތެރިކަން ލިބިފައި ވަނީ ކޮންމެ 10 މީހަކުން 1ށް ވުރެވެސް މަދު ނިސްބަތެއްގެ ބަޔަކަށެވެ.

ޑަބްލިއުއެޗްއޯއިން ދާދި ފަހުން އާންމު ކުރި އައު ރިޕޯޓަކަށް ބަލާއިރު، ޓްރާންސް ފެޓްގެ ވިހަ މާއްދާ އުވާލުމަށް ކުރެވުނު މަސައްކަތްތަކުން އެދެވޭ ކުރިއެރުންތަކެއް، މިދިޔަ އަހަރުތަކުގައި ހޯދިފައި ވާ ކަމަށް ދައްކައެވެ. މިއަދު 53 ޤައުމަކުން ދަނީ ޑަބްލިއުއެޗްއޯއިން އޭރު ހުށަހެޅި ހުށަހެޅުން ތަންފީޒު ކުރަމުންނެވެ. ޓްރާންސް ފެޓް އެކުލެވޭ ކާބޯތަކެތި ބޭނުން ކުރުން ކޮންޓްރޯލް ކުރުމާއި، އެ ފަދަ ބާވަތްތަކުގެ ވިޔަފާރި ކުރުން ފަދަ ކަންކަން މަނާވެސް ކުރަމުންނެވެ. މި ދައްކަނީ ގާތްގަނޑަކަށް 4 ބިލިއަނެއްހާ މީހުންގެ ވާހަކައެވެ. ނުވަތަ ދުނިޔޭގެ އާބާދީގެ 2 ބައިކުޅަ 1 ބައި ހާ މީހުންގެ ދިރިއުޅުމުން، ޞިއްޙީ ބޮޑު ނުރައްކަލެއް ނައްތާލެވޭ ވާހަކައެވެ.

ޓްރާންސް ފެޓް އެކުލެވޭ ކާބޯތަކެތިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ތެރެއިންވެސް ޑަބްލިއުއެޗްއޯއިން ވަނީ 5 ޤައުމެއްގެ ނަން ވަކިން ފާހަގަ ކޮށްފައެވެ. އެއީ ޑެންމަރކް، ލިތުއޭނިއާ، ޕޯލަންޑް، ސަޢުދީ ޢަރަބިއްޔާ އަދި ތައިލޭންޑްއެވެ. މި ޤައުމުތަކަކީ ޓްރާންސް ފެޓްއާ ދެކޮޅަށް ފުރިހަމަ ސިޔާސަތުތަކެއް އެކުލަވާލި ޤައުމުތަކެއް އެކަންޏެއް ނޫނެވެ. މި ޤައުމުތަކުން ދަނީ ސިޔާސަތުތައް ތަންފީޒުކޮށް، އެންމެ ފުރިހަމަ ގޮތުގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްވެސް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް، އަދި ކުރަން ހުރި މަސައްކަތްތައް މަދެއް ނުވެއެވެ. ޓްރާންސް ފެޓްގެ ވިހައިން ސަލާމަތް ނުވެވި، 4 ބިލިއަނަށް ވުރެ ގިނަ މީހުން މި ދުނިޔޭގައި މިހާރުވެސް އެބަ ދިރިއުޅެމުން ދެއެވެ. ދުނިޔޭގެ ފެންވަރުގައި ޓްރާންސްފެޓްގެ ސަބަބުން، ގިނަ މީހުން މަރުވެފައިވަނީ އެންމެ 8 ޤައުމަކުންނެވެ. އޭގެ ތެރޭގައި ގިނައީ އެފްރިކާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކެވެ. ބާކީ ހުރި ޤައުމުތަކުގައިވެސް ޓްރާންސް ފެޓްއާ ދެކޮޅަށް ސިޔާސަތުތައް ވަރުގަދަ ކުރެވިއްޖެ ކަމުގައި ވާ ނަމަ، މި ނުރައްކަލުގެ ޝިކާރައަކަށް ވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވެދާ 90 ޕަސެންޓް މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު ފަހިވެއެވެ. އަދި އެކަން ވެގެން ދާނީ، ގައިންގައަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅަކަށްވެސްމެއެވެ.

ޓްރާންސް ފެޓް އެކުލެވޭ ކާބޯތަކެއްޗާ ދެކޮޅަށް ޤައުމުތަކުން ސިޔާސަތުތައް ވަރުގަދަ ކުރަމުން ދާ ވަރަކަށް، މި ވިހަ ކެމިކަލުން ތަޣައްޔަރުވެފައިވާ އުފެއްދުންތަކަކީ އެފަދަ ސިޔާސަތުތައް ނެތް ނުވަތަ މާ ވަރުގަދަ ވެފައި ނެތް ބާޒަރުތަކަށް، ސިނާޢީ ކުންފުނިތަކުން 'އޮއްސާލާނެ' ތަކެތިކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ކާބޯތަކެތީގައި ޓްރާންސް ފެޓް އެކުލެވޭ މިންވަރު ދަށް ކަމުގައި ވީ ނަމަވެސް، މިކަމާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ އެ ޤައުމެއްގެ އާބާދީއަށް ސަލާމަތާއި ރައްކާތެރިކަން ލިބިދޭނެ ކަމެކެވެ. ޤައުމަކަށް ލިބޭ އާމްދަނީއާއި މިކަމާ ގުޅުމެއް ނެތެވެ. ޓްރާންސް ފެޓް ނައްތާލެވުމަކީ، ގައިންގައަށް ނާރާ ބަލިތަކާ ދެކޮޅަށް، އެންމެ ޖީބަށް ލުއި ގޮތެއްގައި ހިންގިދާނެ އެއް ކެމްޕޭންވެސްމެއެވެ. ފުރާނަތަކެއް ސަލާމަތް ކުރެވޭނެ ކެމްޕޭނެކެވެ. އަރޖެންޓީނާ، ކެންޔާ، ނައިޖީރިއާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުންވެސް މިކަންކަން ހާމަވެއެވެ. ސިނާޢި ގޮތުން އުފައްދާ ޓްރާންސް ފެޓްތައް ނައްތާލައި، އޭގެބަދަލުގައި ޞިއްޙަތަށް ފައިދާހުރި ފެޓް ނުވަތަ ތެޔޮ ބޭނުންކުރެވޭނެކަމަށް އެ ދިރާސާތަކުން ދައްކާއިރު، ކާބޯތަކެތި އުފެއްދުމުގެ އަގަށް، ރަހައަށް ނުވަތަ ލިބޭމިންވަރަށްވެސް ބަދަލެއް ނާދެއެވެ.

ބެސްޓް ޕްރެކްޓިސް ޓްރާންސް ފެޓް ސިޔާސަތުތައް ތަންފީޒުކޮށްފައިވާ ޤައުމުތަކުން، އެމީހުންގެ ތަޖުރިބާއާއި މައުލޫމާތު ހިއްސާކޮށްގެން، އެހެން ޤައުމުތަކުން ވެސް އެކަންކުރުމަށް އެހީތެރިވެދެވިދާނެ އެވެ. ދޭސީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އޮޕަރޭޓް ކުރަމުންދާ ސިނާޢީ ބޮޑެތި ކުންފުނިތަކަކީ، އެތައް ހާސް ބަޔަކު މަރުގެ ތުންފަތް މައްޗަށް ވައްޓާ، އެތައް ބައެއްގެ ފުރާނަ ދުއްވާލި ޓްރާންސް ފެޓް އެކުލެވޭ ކާބޯތަކެތި އުފައްދާ، ވިއްކައިގެން އެތައް އަހަރެއް ވަންދެން މާލީ ފައިދާ ހޯދަމުން ދިޔަ ބައެކެވެ. އެހެން ކަމުން، ޞިއްޙަތަށް ފައިދާ ހުރި އެހެން އިޚްތިޔާރުތަކާ ދިމާއަށް އުފެއްދުންތެރިކަމުގެ ވައްޓަފާޅި ބަދަލު ކުރުމުގެ ޒިންމާއަކީ، މުދާ ގަންނަ ފަރާތްތަކުގެ ޙައްޤުގައި، އުފެއްދުންތެރިން އަދާ ކޮށްދޭން ލާޒިމުވެފައި އޮތް ޒިންމާއެކެވެ. ޓްރާންސް ފެޓް ނައްތާލުމަށް ޢަމަލު ކުރަން އެންމެ ރަނގަޅު އުސޫލުތައް ޑަބްލިއުއެޗްއޯއިން ބަޔާންކޮށްފައި ވާ އިރު، އެ އުސޫލުން ސިޔާސަތުތައް ތަންފީޒު ކުރަން ބާރު އަޅާ، މުޅި ދުނިޔެއިން، އެކީ އެކައްޗަކަށް ޓްރާންސްފެޓް ނައްތާލުމަށް ވަކާލާތުކޮށް، އެކަމަށް މަސައްކަތްތަކެއް ކުރުމަކީވެސް އިންތިހާއަށް މުހިންމު ކަމެކެވެ.

ޓްރާންސް ފެޓްއިން ސަލާމަތް ވެފައި ވާ ދުނިޔެއެއް ހޯދުމަށްޓަކައި 3 މަރުޙަލާއެއް ކަޑަތު ކުރަންޖެހެއެވެ.

ފުރަތަމައީ، ޑަބްލިއުއެޗްއޯއިން ލަފާދޭ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ކާބޯތަކެތީގައި ޓްރާންސް ފެޓް އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް ނުވަތަ އެއްކޮށް މަނާ ކުރުމަށް ސަރުކާރުތަކަށް ގޮވާލުމެވެ. އެގޮތުން ކޮންމެ އުފެއްދުމެއްގައި އެކުލެވޭ ޖުމުލަ ފެޓްސްގެ ކޮންމެ 100 ގުރާމެއްގައި ޓްރާންސް ފެޓްއަށް ލިބޭ ޖާގައަކީ 2 ގުރާމަށް ވުރެ އިތުރު ނޫން މިންވަރަކަށް ހަދަން ޖެހެއެވެ. އަދި މަސްނޫއީ ޓްރާންސްފެޓްގެ މަސްދަރެއްގެ ގޮތުގައި ބޭނުންކުރާ ޕާޝަލީ ހައިޑްރޮޖެނޭޓަޑް ތެޔޮތައް ބޭނުން ކުރުން ހުއްޓާލަންޖެހެއެވެ.

ދެވަނައީ، ކަނޑައެޅި ސިޔާސަތުތަކަކީ މޮނިޓަރ ކުރެވި، ތަންފީޒު ކުރެވޭ ސިޔާސަތު ތަކެއްކަން ކަށަވަރު ކުރުމަށް ސަރުކާރުތަކަށް ގޮވާލުމެވެ. އަދި އެފަދަ ސިޔާސަތުތައް ތަންފީޒުކޮށް ހަރުދަނާ ކުރަން ބާރު އެޅުމެވެ. ޑަބްލިއުއެޗްއޯއިން ވަނީ ޓްރާންސް ފެޓް ފްރީ ވެލިޑޭޝަން ޕްރޮގްރާމެއްވެސް ފަށާފައެވެ. މި މަޝްރޫޢަކީ ޓްރާންސް ފެޓް ނައްތާލުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ޤައުމުތައް ގިންތި ކުރުމަށް ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ މަޝްރޫޢުއެކެވެ. މެލޭރިއާ ނައްތާލެވިފައިވާ ޤައުމުތައް ފާހަގަ ކުރާ ފަދަ އުސޫލަކުންނެވެ.

ތިންވަނައީ ޑަބްލިއުއެޗްއޯގެ އިރުޝާދީ މިންގަނޑުތަކާ އެއްގޮތަށް ސިނާޢީ ކުންފުނިތަކުގެ ޢަމަލުތައް ބެހެއްޓުމަށް އެ ފަރާތްތަކަށް ގޮވާލުމެވެ. ކާބޯތަކެތީގެ އުފެއްދުންތަކުން ޓްރާންސް ފެޓްގެ މާއްދާ މުޅިން އުވާލާ، ހަށިގަނޑަށް ފައިދާހުރި ފެޓްސްއާއި ތެލުގެ ބާވަތްތައް ބޭނުން ކުރަން ފެށުމެވެ. އަދި ހިތުގެ ބަލިތަކާ ގުޅިފައި އޮތް ސެޗުރޭޓަޑް ފެޓް ފަދަ ނުރައްކާތަކުން އިންސާނީ އާބާދީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމެވެ. ޓްރާންސް ފެޓްއާ ދެކޮޅަށް ސިޔާސަތުތަކެއް އަދި އެކުލަވާލާފައި ނެތް ޤައުމުތަކުގައި ޓްރާންސް ފެޓް އެކުލެވޭ އުފެއްދުންތައް އެއްވެސް ވަރަކަށް ނުވިއްކުމަށްވެސް ކުންފުނިތަކުން އެއްބަސްވާންޖެހެއެވެ. ކާބޯތަކެތި އުފެއްދުމުގައި ސިނާޢީ ފެންވަރުގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ކުންފުނިތަކުން އެ މިޞްރާބުން ފިޔަވަޅުތަކެއް އަޅާފައި ވާ އިރު، އެހެން ކުންފުނިތަކުންވެސް އެ ރާސްތާ ޚިޔާރު ކުރުން މުހިންމެވެ.

ސިނާޢީ ގޮތުން އުފައްދާ އާޓިފިޝަލް ޓްރާންސް ފެޓް ދުނިޔޭގެ ފެންވަރުގައި ނައްތާލުމަށްކުރާ މަސައްކަތަކީ، ކާބޯތަކެއްޗަކީ ހިތުގެ ބަލިތަކަށް ނުރައްކާ ކުރިމަތި ކުރާ ސަބަބެއްގެ ގޮތުގައި އޮތް އޮތުން މުޅިން ނައްތާލުމަށް ދުނިޔެ އެއްކުރި ފުރަތަމަ މަސައްކަތެވެ. މިއީ ކުރެވޭނެ ކަމެއްކަން އަހަރެމެންނަށް އެބަ އެނގެއެވެ. ކޮށްގެން ނަތީޖާ ނެރެވޭނެ ކަން އެބަ އެނގެއެވެ. މި ރޭހުގައި ދުނިޔެއިން މިހާރުވެސް ވަނީ އެދެވޭ ކުރިއެރުންތަކެއް ހޯދާފައެއެވެ. ދެން އޮތީ ކާބޯތަކެއްޗާ މަސްހުނި ކުރަމުންދާ ޓްރާންސް ފެޓްގެ ވިހަ މާއްދާއިން އިންސާނީ އާބާދީ ސަލާމަތް ކުރުމަށް، ޤައުމުތަކުގެ ލީޑަރުން އަތުކުރި އޮޅާލާ، ޒިންމާ އުފުލުމެވެ.

މި ލިޔުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ބައެއްގެ ހިތުން ޖާގަ ހޯއްދެވި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓަރ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސުސްއާއި، 2009 އިން 2017 އަށް، އެމެރިކާގެ ސެންޓަރޒް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑައިރެކްޓަރގެ ގޮތުގައި ހުންނެވި ޑރ ޓޮމް ފްރީޑަން، އަލް-ޖަޒީރާ އިންގްލިޝްއަށް ލިޔުއްވާފައިވާ ލިޔުން، އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯފަން މީހުންގެ ލޮލަށް ފެންނަ ފަރުވާ އެއް އީޖާދު ކޮށްފި

ލޯފަން މީހުންގެ ލޮލަށް ފެންނަ ފަރުވާ އެއް އީޖާދު ކޮށްފި

20 އޮކްޓޯބަރު 2025
އޯގަން ޓްރާންސްޕްލާންޓް ކޮށްގެން އަބަދަށް ދިރި ތިބުން؟ ޝީ އާއި ޕުޓިން އެ ތިއްބެވީ އެ ވިސްނުމުގައިބާ؟

އޯގަން ޓްރާންސްޕްލާންޓް ކޮށްގެން އަބަދަށް ދިރި ތިބުން؟ ޝީ އާއި ޕުޓިން އެ ތިއްބެވީ އެ ވިސްނުމުގައިބާ؟

06 ސެޕްޓެމްބަރު 2025
ކޮރޯނާވައިރަސް \"ކޮމިއުނިޓީ ޓްރާންސްމިޝަން\" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

ކޮރޯނާވައިރަސް \"ކޮމިއުނިޓީ ޓްރާންސްމިޝަން\" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

16 އެޕްރީލު 2020
އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!

އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!

21 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު