ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 08:00
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ
ޓްވިޓަރ
ޔޫރޯ 2024
ރޮނާލްޑޯ: ކަރުނަ އިން އެއް ފަރާތްވެލައި، ޔޫރޯ ކާމިޔާބު ކުރުމުގެ ޢަޒުމުގައި!
ރޮނާލްޑޯ ބޭނުން ވަނީ، އެތައް ހިތަމާ އަކާއި، ކަރުނަ އަކާއި، ވޭނަކާއެކު ވެސް، ބުރަ މަސައްކަތް ކޮށްގެން އޭނާ ބޭނުންވާ ކަންކަން ކާމިޔާބު ކުރުމަށް

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު، ބައިނަލްއަޤުވާމީ ފުޓުބޯޅަ އިން ރިޓަޔާވުމުގެ އިޝާރާތެއް ދިން ނަމަވެސް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމީ، ރިޓަޔާނުވެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދެއްކުމުގެ ޢަޒުމުގަަ އެވެ.

ރޮނާލްޑޯ ޤަބޫލު ކުރާ ގޮތުގައި ކަންކަން ހަގީގަތަކަށް ހެދުމުގެ އެންމެ މުހިންމު ތިން އަސާސަކީ، ކަނޑަނޭޅި މަސައްކަތް ކުރުމުގެ އިތުރުން، ހިތާމަ އާއި ނުތަނަވަސްކަމެވެ. އެކަން ޤަބޫލު ކުރަން ވެސް ފަސޭހަވާ ސަަބަބުތަކެއް އެބަ ހުއްޓެވެ. ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ އަށް އައުމަށް ރޮނާލްޑޯ ކުރި މަސައްކަތާއި، ހިތްވަރަކީ އެކަމުގެ ހެއްކެއް ކަމަށް ފުދި ދާނެ އެވެ.

އެކަން ފެށިގެން އައީ ޤަތަރުގައި ކުރިއަށް ދިޔަ ވޯލްޑް ކަޕާ ހަމައިންނެވެ. ވޯލްޑް ކަޕްގައި ކުރިމަތިލާން ޖެހުނު ހިތާމަ އާއި ނުތަނަވަސްކަމާއެކު، ޕޯޗުގަލްގައި ރޮނާލްޑޯގެ މުސްތަޤުބަލު ވެސް ވެއްޓުނީ ނުތަނަވަސް ކަމަކަށެވެ. އެހެން ވިޔަސް، ހުއްޓުމެއް ނެތި ކުރި ބުރަ މަސައްކަތާއި، ހިތްވަރުން އަނެއްކާ ވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލާއެކު ބައިނަލްއަޤުވާމީ މުބާރާތަކާ ހަމައަށް އައިސްފަ އެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގައި އަންގާރަ ދުވަހުގެ ރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ނިކުންނަން ޕޯޗުގަލް ތައްޔާރުވަމުން އަންނައިރު، ރޮނާލްޑޯ އަކީ ޕޯޗުގަލް ސްކޮޑުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގައި ޕޯޗުގަލް އަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ޓީމަކަށްވާއިރު، ޒުވާން ކުޅުންތެރިންނާއެކު ރޮނާލްޑޯ ހުރީ ވަރުގަދަ ޢަޒުމެއްގަ އެވެ.

އުމުރުން މިހާރު 39 އަހަރުގެ ރޮނާލްޑޯ އަކީ ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ގިނަ ރެކޯޑުތަކެއް އޮތް ކުޅުންތެރިޔަކަށްވާއިރު، މިފަހަރުގެ ޔޫރޯ އާއެކު ވެސް ރޮނާަލްޑޯ އަށް ޚާއްސަ ކަމެއް ލިބިގެންދާނެ އެވެ. އެކަމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނީ، ރޮނާލްޑޯގެ މޮޅު ކުޅުމާއެކު، ޕޯޗުގަލް އަށް ޝަރަފުވެރި މުބާރާތް ކާމިޔާބު ކުރެއްވިއްޖެ ނަމަ އެވެ.

އެހެން ނަމަވެސް، މިކަމާ މެދު ކުންހީއެއް ކޮށްގެން ނުވާނެ އެވެ. މިއީ ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ރޮނާލްޑޯ ފެންނާނެ ފަހު މުބާރާތް ކަމަށް ވެސް ނިންމައިގެން ނުވާނެ އެވެ. ޤަތަރުގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކާއި، މަލާމާތަށް ފަހު، ޖަރުމަނުގެ ޔޫރޯ އަށް އައުމަށް ރޮނާލްޑޯ ވަރުގަދަ ޢަޒުމެއް ކަނޑައެޅީ ވެސް އޭގައި ސަބަބުތަކެއް އޮވެގެންނެވެ.

"ހުވަފެނެއް" މަރުވުން.

މީގެ ދޮޅު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ޤަތަރުގެ ދޯހާގައި ކުރިއަށް ދިޔަ މެޗުގެ ފަހު ކަށިގަނޑާއެކު ރޮނާލްޑޯގެ ލޮލުން އައި ކަރުނަ އަކީ، ޕޯޗުގަލްގެ ސަޕޯޓަރުންނަށްޓަކައި އޭނާގެ ލޮލުން އައި ކަރުނަ އެވެ. ޤައުމީ ޓީމަށް ނުވަތަ ޤައުމަށް ކާމިޔާބެއް ހޯދައިދޭން ބޭނުންވެފައި ހުއްޓާ، ލިބުނު ވޭން މާބޮޑެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން ޕޯޗުގަލް ބަލިވުމަކީ، ރޮނާލްޑޯގެ "ހުވަފަނެއް" މަރުވުން ކަހަލަ ކަމެކެވެ. އަނެއްކޮޅުން، ފުޓުބޯޅައިގައި ގިނަ ކާމިޔާބަތަކާއި، ރެކޯޑުތަކެއް ހޯދާފައިވާ ކުޅުންތެރިޔާގެ ބައިނަލްއަޤުވާމީ ފުޓުބޯޅަ ކެރިއަރު ނިމުމަކަށް އައި ކަހަލަ ކަމެކެވެ. އޭރު، ރޮނާލްޑޯގެ އުމުރުން 37 އަހަރެވެ.

ގާތްގަނޑަކަށް 20 އަހަރު ވަންދެން ޕޯޗުގަލް އިން ރޮނާަލްޑޯ އަށް ބަރޯސާވެގެން ކުޅެމުން އައިއިރު، އާންމުންގެ އިންތިފާގަކަށް ފަހުންވީ ކޮންމެ ޙާލަތެއްގައި ވެސް ޕޯޗުގަލް ކުރިއަށް ދާން ޖެހޭނެ ކަމެވެ. ޕޯޗުގަލް ޓީމުގެ އެންމެ މުހިންމު ތަނބުގެ ގޮތުގައި ރޮނާލްޑޯ ވަނީ، ގިނަ މައްސަލަތަކެއްގެ ތެރެއިން ކުރިއަށް ގޮސް، ޙައްލު ވެސް ހޯދައިފަ އެވެ.

ދުރަށް ދާން ތައްޔާރެއް ނޫން.

ފީފާ ވޯލްޑް ކަޕަށްފަހު ޕޯޗުގަލްގެ ޓީމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ކޯޗެވެ. ބެލްޖިއަމްގެ ކޯޗަކަށް ހުރި ރޮބާޓޯ މާޓިނޭޒް ވަނީ، 2023 ވަނަ އަހަރު ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ޕޯޗުގަލާ ހަވާލުވުމަށްފަހު މާޓިނޭޒް އެންމެ ފުރަތަމަ ކުރި ކަމަކީ، ސައުދީ އަރަބިޔާ އަށް ދަތުރުކޮށް ރޮނާލްޑޯއާ ބައްދަލު ކުރުމެވެ. އެއީ ރޮނާލްޑޯގެ ބޭނުން މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ ޕޯޗުގަލް ޓީމަށް ވެސް ބޭނުންވާނެތީ އެވެ.

އެއަށްފަހު މާޓިނޭޒް ހާމަކުރި ގޮތުގައި، ރޮނާލްޑޯ ހުރީ ދުރަށް ދާން ތައްޔާރަކަށް ނޫނެވެ. އޭގެ ބަދަލުގައި ރޮނާލްޑޯ ބޭނުންވީ އައު ކޯޗާއެކު އެކުލަވާލާ ޓީމުގައި ވެސް ބައިވެރިވުމަށެވެ. އެހެންވެ، ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ ހިމަނަން މާޓިނޭޒް އަށް އިތުރަށް ފަސޭހަވެގެން ވެސް ދިޔަ އެވެ. ޕޯޗުގަލްގެ ފުޓުބޯޅައާ ގުޅޭ ނިންމުމެއް މާޓިނޭޒް ނިންމީ ވެސް އޭގެ ފަހުގަ އެވެ.

ޔޫރޯ ކޮލިފައިންގައި ލިޗްޓެންސްޓައިން އާއި ލަގްޒެމްބާގްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެހެން ނަަމަވެސް، މާޓިނޭޒް އަށް މުހިންމުވީ ލަނޑުތަކެއް ނޫނެވެ. އޭނާ އަށް ފާހަގަވީ ރޮނާލްޑޯގެ އެހެން ސިފަތަކާއި، ޕޯޗުގަލް އަށް ރޮނާލްޑޯ ބޭނުންވެފައި އޮތް މިންވަރެވެ.

މާޓިނޭޒް ބުނި ގޮތުގައި ރޮނާލްޑޯ އަކީ ހަގީގީ ލީޑަރެކެވެ. ރޮނާލްޑޯ އަކީ އެހެން ފުޓުބޯޅަ ކުޅުންތެރިންނަށްވުރެ ތަޖުރިބާ ހުރި، ޕޯޗުގަލްގެ ފުޓުބޯޅައިގެ ޚާއްސަ ކެޕްޓަނެއް ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ. މާޓިނޭޒް ޤަބޫލު ކުރާ ގޮތުގައި ރޮނާލްޑޯ އަކީ ޤައުމީ ޓީމަށް 200 މެޗު ކުޅެދެވޭނެ ޤާބިލުކަން ވެސް ހުރި ކުޅުންތެރިޔެކެވެ. އެހެންވެ، ޕޯޗުަގަލް އިން އެކަހަލަ ކުޅުންތެރިޔެއްގެ ބޭނުން ހިފަން ޖެހޭނެ ކަމަށް ވެސް މާޓިނޭޒް ބުނެފައިވެ އެވެ.

ފާއިތުވާ ކޮންމެ އަހަރަކީ ހަދިޔާއެއް.

ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު، ރޮނާލްޑޯގެ މިޒާޖަށް ވެސް ބަދަލުތަކެއް އަތުވެއްޖެ އެވެ. ޤަތަރު ވޯލްޑް ކަޕަށް ކުރިމަތިލީއިރަށް ވުރެ ވެސް، ނަފްސާނީ ގޮތުން މިހާރު ރޮނާލްޑޯ ފިޓު ވެއްޖެ އެވެ. ފުޓުބޯޅައިގައި ބާކީ އެހާ ގިނަ ދުވަސްތަކެއް ހޭދަ ނުކުރެވޭނެ ކުޅުންތެރިޔެއްކަން އިނގޭއިރު، ރޮނާލްޑޯ ހުރީ މިހާރު ލިބެން ހުރި ކަންކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

އަދިވެސް ރޮނާލްޑޯ ހުރީ، ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އޭނާގެ ނަން ބުނުވާކަށް ނޫނެވެ. އެއީ ރޮނާލްޑޯ ބޭނުންވާ ވެސް ގޮތެއް ނޫނެވެ. ރޮނާލްޑޯ އަބަދު ވެސް ބޭނުން ވަނީ ގިނަ ލަނޑުތަކެއް ޖަހައި، ގިނަ ތަށިތަކެއް ކާމިޔާބުކޮށް، އޭނާ އަށް ފާޑު ކިޔާ މީހުންގެ އަނގަ ބަންދުކޮށްލާށެވެ.

މޮޅުވުމަކީ ރޮނާލްޑޯގެ ދިގު ކެރިއަރުގައި އަބަދު ވެސް އޭނާ އެންމެ އިސްކަމެއް ދޭ ކަންތަކެވެ. ރޮނާލްޑޯ ބޭނުން ވަނީ، އެތައް ހިތަމާ އަކާއި، ކަރުނަ އަކާއި، ވޭނަކާއެކު ވެސް، ބުރަ މަސައްކަތް ކޮށްގެން އޭނާ ބޭނުންވާ ކަންކަން ކާމިޔާބު ކުރުމަށެވެ. މިފަހަރުގެ ޔޫރޯގައި އެކަން ދެއްކުމަށް ރޮނާލްޑޯ ވަރަށް ބޭނުންވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް