ކ. މާލެ
|
5 ޖޫން 2024 | ބުދަ 12:25
ގާޒާގައި އެއްގަމު މަގުން ހަރަކާތްތެރިވާ އިޒްރޭލު ސިފައިން މިހާރު ތިބީ ބުރެއިޖީ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި
ގާޒާގައި އެއްގަމު މަގުން ހަރަކާތްތެރިވާ އިޒްރޭލު ސިފައިން މިހާރު ތިބީ ބުރެއިޖީ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި
ސްކައި ނިއުސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފާއިތުވި 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 66 މީހުން އިޒްރޭލުން ހަމަލާދީ މަރާލައިފި
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލަތާކުގައި މަރުވާ މީހުންގެ ހަށިތައް ބަހައްޓާ ތަންތަން ވަނީ ފުރިފައި

ގާޒާގެ މެދުތެރޭ ސަރަހައްދުތަކަށް އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 66 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލަތާކުގައި މަރުވާ މީހުންގެ ހަށިތައް ބަހައްޓާ ތަންތަން ފުރިފައިވާ ކަމަށާއި، ޒަޚަމްވާ މީހުން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވުމާއެކު ހޮސްޕިޓަލުތަކުގައި ޖާގަ ނެތް ކަމަށްވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ގާޒާގައި އެއްގަމު މަގުން ހަރަކާތްތެރިވާ އިޒްރޭލު ސިފައިން މިހާރު ތިބީ ބުރެއިޖީ ރެފިއުޖީ ކޭމްޕް ސަރަހައްދުގައެވެ. އިޒްރޭލުގެ ފައިޓަރ ޖެޓްތަކުން އެ ސަރަހައްދަށް ވައިގެ މަގުން ހަމަލާތައް އަންނަނީ ދެމުންނެވެ.

ގާޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ވާހަކަ އެކި ފަރާތްތަކުން ދެއްކި ނަމަވެސް، ދުވަހެއް ދުވަހަކަށް އިޒްރޭލުގެ ހަމަލާތައް އަންނަނީ އިތުރު ވަމުންކަން ފާހަގަ ކުރެވެއެވެ.

ސުލްހައިގެ އެއްބަސްވުމާ ބެހޭ ގޮތުން ހަމާސް އިން ބުނަނީ، ހަމަލާތައް ހުއްޓާލުމަށް އެ ޖަމާއަތަށް އެއްބަސް ވެވޭނީ އިޒްރޭލުން ހަމަލާތައް ހުއްޓާލުމަށް ސީރިއަސް ވާނަމަ ކަމަށެވެ. ހަމާސް އިން މިހެން ބުނެފައި ވާއިރު އިޒްރޭލުގެ ބޮޑު ވަޒީރު ވިދާޅުވެފައިވަނީ ހަމާސް މުޅިން ނައްތާ ނުލެވެނީސް ހަމަލާތައް ހުއްޓާ ނުލާނެ ކަމަށެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާމައިގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36،550 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 82،959 ފަލަސްތީން ރައްޔިތުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުގައި މި މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

- ކޮމެންޓް