އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން ރާއްޖެއިން ނިންމުމާ ގުޅިގެން އެމެރިކާގެ ކޮންގްރެސް އިން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށް އެކްސިއޮސް އިން ބުނެފިއެވެ.
މި ނޫހުގައި ބުނެފައިވާ ގޮތުގައި، ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބިލް ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅެނީ ކޮންގްރެސްގައި އިޒްރޭލް ދިފާއު ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެއް ފަރާތުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ޖޯޝް ގޯތީމާ އެވެ. އޭނާ މި މަސައްކަތް ކުރަނީ ސެނެޓްގެ އެހެން ޕާޓީތަކާ ގުޅިގެން ކަމަށް މި ޚަބަރުގައިވެއެވެ. ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އޭނާ ހުށަހަޅާ ބިލަކީ ޕްރޮޓެކްޓިންގ އެލައިޑް ޓްރެވަލް ހިޔަރ (ޕާތު) އެވެ.
ހުސްވި އަހަރު ރާއްޖެއަށް 11،000 އިޒްރޭލް މީހުން ފަތުރުވެރިންގެ ގޮތުގައި އައިސްފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ސަރުކާރުން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ، އިޒްރޭލް މީހުން ރާއްޖެއަށް އައުން މަނާ ކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށާއި، އެކަމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން މިގޮތައް ނިންމި އިރު ދުނިޔޭގެ އެހެން 27 މުސްލިމް ގައުމަކުން ވެސް ވަނީ އިޒްރޭލް ޕާސްޕޯޓު އެގައުމުތަކުގައި މަނާ ކޮށްފައެވެ.
ބިލް ކޮންގްރެސް އަށް ހުށަހަޅާ ގޯތީމާ ގެ ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލަކީ އެމެރިކާގެ ޑިމޮކްރަސީގެ އެންމެ ގާތް ރަހުމަތްތެރި ގައުމު ކަމަށް ވާއިރު، އިޒްރޭލުގެ ރައްޔިތުންނާ ދެކޮޅަށް ރާއްޖޭގެ މި ނިންމުމަކީ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމަށް ކުރި ކަމެއް ކަމަށާއި އެމެރިކާގެ ޓެކްސް ފައިސާ އިން އެންމެ ސެންޓެއްވެސް އެ ނިންމުން ބަދަލު ނުކުރަނީސް ރާއްޖެއަށް ލިބިގެން ނުވާނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރެކޯޑްތައް ބުނާ ގޮތުގައި 2019ން 2023ގެ ނިޔަލަށް މާލީ އެހީގެ ގޮތުގައި 36 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ދީފައިވެއެވެ.