ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލާ އެކު ކުރިއަށް ދިޔުމުގެ ޢަޒުމުގައި ހުރި ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ބުނެފި އެވެ.
ނޭމާ މިހެން ބުނީ، އަލް ޙިލާލް ދޫކޮށް، ނޭމާ އޭނާގެ ކުރީގެ ކުލަބު ސަންޓޯސް އަށް ބަދަލުވާން އުޅޭ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު، ނޭމާ އަލް ޙިލާލް އަށް ބަަދަލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މިވަގުތު ނޭމާ އަނިޔާގައި ހުރިއިރު، އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ އަލް ޙިލާލްގެ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން އޭނާ އަށް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނުއިރު، އޭގެ ފަހުން ހުންނަނީ ކުޅުމާ ދުރުގަ އެވެ. އަނިޔާގެ ސަބަބުން، މި މަހު އެމެރިކާގައި ފަށާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި (ކޮޕާ އެމެރިކާ) ނޭމާ އަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އަދި އަލުން އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާ ކުރެވެނީ، މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނޭމާ ބުނީ، އެއީ އެއްވެސް އަސްލެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ. އަލް ޙިލާލާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްކަން ފާހަގަކޮށް ނޭމާ ބުނީ، މީޑިއާ ތަކުގައި ދެކެވެމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ނޭމާ ބުނީ އޭނާ ސަންޓޯސް އަށް އަބަދު ވެސް ސަޕޯޓު ކުރާ ކަމަށާއި، ކޮންމެ ވެސް ދުވަހަކުން އެ ކުލަބަށް ދިޔުމުގެ އުންމީދުގައި ހުރި ކަމަށެވެ. އެހެން ނަމަވެސް، މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ އަލް ޙިލާލް އަށް ކަމަށް ވެސް ނޭމާ ބުންޏެވެ.
މިވަގުތު އަނިޔާގައި ހުރި ނަމަވެސް، ނޭމާގެ އުންމީދަކީ ވީ އެންމެ އަވަހަކަށް އަނިޔާ އިން ރަނގަޅުވެ، އަލުން ކުޅުމުގެ ތެރެއަށް އާދެވުމެވެ. އަދި މިހާރު އަނިޔާ އިން ރަނގަޅުވެ، ކުޅުމުގެ ތެރެއަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޭމާ ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާ ހުރީ، އަންނަ ސީޒަންގައި އަލް ޙިލާލާ އެކު ކުރިއަށް ގޮސް، ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވެފައި ކަމަށް ނޭމާ ބުންޏެވެ.
އަލް ޙިލާލަށް ބަދަލުވެ އެ ކުލަބުުގައި ނޭމާ އަށް ކުޅެވުނީ އެންމެ ފަސް މެޗެވެ. އޭގެ ތެރެއިން ތިން މެޗަކީ ސައުދީ ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ. އަލް ޙިލާލްގައި ނޭމާ އަށް ޖެހިފައި ވަނީ މިހާތަނަށް އެންމެ ލަނޑެކެވެ. އަނިޔާގައި ނޭމާ ހުރި ނަމަވެސް، އަލް ޙިލާލުން ވަނީ ސައުދީ ލީގުގެ އިތުރުން ކިންގް ކަޕް އޮފް ޗެމްޕިއަންސް ވެސް ކާމިޔާބު ކޮށްފަ އެވެ.