ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން ހުށަހަޅާ ސުލްހައިގެ ޕްލޭނެއްގެ ތަފްސީލް އެމެރިކާގެ ރައީސް ބައިޑްން ދެއްވުމާއެކު، ހަމާސް މުޅިން ނައްތާ ނުލެވެނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ބައިޑްންގެ ވާހަކަފުޅާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ސަރުކާރުގެ ފަރާތުން މަޝްވަރާ ތަކުގައި ބައިވެރިވާ ފަރާތްތަކަށް ސުލްހައިގެ ޕްލޭނެއްގެ އައުޓްލައިނެއް ހުށަހެޅުމުގެ ހުއްދަ ދީފައިވާނެ ކަމަށާއި، އެހެން ނަމަވެސް އިޒްރޭލުގެ މަގްސަދު ކަމުގައިވާ ހަމާސް މުޅިން ނައްތާލުން ހާސިލް ނުވަނީސް ހަނގުރާމަ ހުއްޓާ ނުލާނެ ކަން ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
އިޒްރޭލުން ހުށަހަޅާ ގޮތައް ޕްލޭން ތަންފީޒް ވެގެން ދާއިރު އިޒްރޭލުން ބޭނުންވާ މަގްސަދު ހާސިލްވާނެ ކަމަށް ދެކޭ ކަމަށްވެސް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.